=

ސަރުކާރުން ހިއްސާވާ ކުންފުނިތަކުގެ އިސްމަގާމުތަކަށް ބޭރުގެ ފަރާތްތައް އައްޔަން ކުރައްވަނީ ދިވެހިން ނުވެގެންތޯ މަޖިލީހުގެ ވާމަށު ދާއިރާގެ މެމްބަރު އަދި އިދިކޮޅު ޕީއެންސީގެ ނާއިބު ރައީސް މުހައްމަދު ސައީދު ސުވާލު އުފައްދައިފި އެވެ.

ކުރީގެ އިކޮނޮމިކް މިނިސްޓަރު ސައީދު މިގޮތަށް ސުވާލު އުފެއްދީ ޒުވާނުންގެ ދުވަހާއި ގުޅިގެން ރޭ ބޭއްވި ރަސްމިއްޔާތެއްގައި ލިބެން ހުރި ވަޒީފާތަކަށް ޒުވާނުން ނިކުތުމަށާއި ދެއަތް އުރާލައިގެން ނުތިބެ ކޮންމެވެސް ވަޒީފާއެއް އަދާކުރުމަށް ޒުވާނުންނަށް ރައީސް ސޯލިހު ގޮވާލެއްވުމާއި ގުޅިގެންނެވެ.

ސައީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެއާޕޯޓުގައި ވަޒީފާ އަދާކުރަމުންދާ މުސާރަ ބޮޑު ބިދޭސީންނަށް އެކަނި ބަލައިލުމުންވެސް ރާއްޖޭގެ ވަޒީފާގެ ބާޒާރުގެ ހާލަތު ސާފުވާކަމަށެވެ. ސީއީއޯގެ މުސާރައަށް 500،000 ރުފިޔާ ލިބޭއިރު އޭނަގެ ވަށައިގެން އެތައް ހާސް ޑޮލަރުގެ ބިދޭސީން ނަގަމުންދަނީ ދިވެހިން ނުލިބިގެންތޯ ސައީދު ވަނީ ސުވާލު އުފައްދަވާފަ އެވެ.

"އެއާޕޯޓްގެ ސީއީއޯ އަށް 500،000 ރުފިޔާގެ ބިދޭސީއަކު ބަހައްޓާފަ، އޭނަގެ ވަށައިގެން އެތައްހާސް ޑޮލަރުގެ ބިދޭސީން ތި ނަގަނީ ދިވެހިން ނުލިބިގެންތޯ؟" ސައީދު ވިދާޅުވި އެވެ.

ޒުވާނުންގެ ދުވަހުގެ މުސާސަބަތުގައި ކުޅުދުފުށި ސިޓީގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު މިއަދުގެ ޒުވާނުންނަކީ މާދަމާ ގައުމުގެ ކަންކަމާއި ހަވާލުވާ ތިބި މީހުން ކަމަށާއި މިއަދު ލިބިގެންދާ ފުރުސަތުތަކުގެ ބޭނުން އެންމެ ރަނގަޅަށް ހިފަން ޖެހޭ ކަމަށެވެ. ޒުވާނުންގެ ކިބައިގައި ތަފާތު ހުނަރުތަކާއި ފަންނު ހުރިކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ އެ ހުނަރާއި ފަންނުވެރިކަމުން ގައުމު އުފެއްދުންތެރިކަން އިތުރު ކުރުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ މިއަދުވެސް، ދެއަތް އުރާލައިގެން ތިބި، ވަރަށް ގިނަ ޒުވާނުންތަކެއް މިހާރުވެސް އުޅޭކަމަށާއި، އޭގެ ބޭނުން ހިފައި ގިނަ ބިދޭސީންތަކެއް ރާއްޖޭގައި ވަޒީފާ އަދާ ކުރަމުންދާކަމަށެވެ.

"އަޅުގަނޑުމެންގެ ތެރޭގައި، މަސައްކަތެއް ނުކޮށް ތިބި، ވަރަށް ގިނަ ޒުވާނުންތަކެއް މިހާރުވެސް އެބަތިބި. ހަމައެއާއެކު، ރާއްޖޭގެ މަސައްކަތު ބާޒާރުގައި، ވަރަށް ގިނަ ޢަދަދެއްގެ ބިދޭސީންވެސް އެބަ ހަރަކާތްތެރިވޭ. މިއިން އެނގެނީ، މަސައްކަތެއް ނުކޮށް ޒުވާނުންތަކެއް ތިއްބަސް، މަސައްކަތު ބާޒާރުގައި ތަފާތު ފުރުސަތުތައް އެބަހުރިކަން،" ރައީސް ވިދާޅުވި އެވެ.