ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް މަސައްކަތް ކުރުމުން މިއަދު މިއޮތް ސަރުކާރު ނޫނީ ރުޅި އަންނަ ސަރުކާރެއް ދެކެވަޑައިނުގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ ނައިބް ރައީސްކަން ވެސް ކުރައްވާ ޝިޔާމް މިހެން ވިދާޅުވީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ކުރިއަށް ގެންދިޔަ ހިޔާ ފްލެޓް މަޝްރޫއަކީ ބޮޑު ޖަރީމާއެއް ކަމަށް ބުނެ މަޖިލީހަށް މާފަންނު ހުޅަނގު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ފަލާހު މިއަދު ހުށަހެޅި ކުއްލި މައްސަލާގައި ވާހަކަ ދައްކަވަމުންނެވެ.

މި ޖަލްސާގައި އިތުރަށް ޝިޔާމް ވިދާޅުވީ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދުމަށް އައި ސަރުކާރަށް ތިން އަހަރުވެގެންދިޔައިރުވެސް ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދައިދީފައިނުވާ ކަމަށެވެ. އެގޮތުން ރައްޔިތުން އެންމެ ބޭނުންވާ ބޯހިޔާވަހިކަމުގެ މައްސަލައަށްވެސް ހައްލެއް މިސަރުކާރަށް ގެނެވިފައިނުވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"މިއީ ރައްޔިތުންނަށް ހިދުމަތް ކުރަން އައި ސަރުކާރެއްތޯ މިއަދު ސުވާލު އުފެދޭ. ބޯހިޔާވަހިކަން ފޯރުކޮށް ދިނުމުން ރުޅިގަދަވެގެން އުޅޭ ސަރުކާރެއް މިނޫނިއްޔާ ނުދެކެން،" ޝިޔާމް ވިދާޅުވި އެވެ.

މީގެ އިތުރުން ޝިޔާމް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަން ނިމުނުއިރު ރައްޔިތުންނަށް ފްލެޓް އަޅައިދީފައިވާ ކަމަށާއި އެ ތަންތަން ހަވާލުކުރުމަށް މިސަރުކާރާ ހަވާލުކުރުމުން އެކަންވެސް މިސަރުކާރަށް ކުރަން ނޭގުނު ކަމަށެވެ. މިސަރުކާރަށް ކުރަން އިނގޭ ކަމަކީ ބޮޑެތި ފައުޖު ހަދާފައި ރައްޔިތުންގެ މާލިއްޔާއިން މިލިޔަނުން ހަރަދުކޮށް ބޭރު ދަތުރުތައް ކުރުންކަން ފާހަގަ ކުރައްވަމުން ޝިޔާމް ވިދާޅުވީ އެގޮތަށް ހޭދަކުރާ ފައިސާ އަކީ ރައްޔިތުންގެ މާލިއްޔަތުން ރައްޔިތުންނަށް ހޭދަކުރަން ހުރި ފައިސާ ކަމަށެވެ.

"ދެން ކީއްވެގެންތޯ މިތަނުގައި ރައްޔިތުން ކުއްވެރިކުރަނީ. ރައްޔިތުން އަދިވެސް އުއްމީދުތަކެއް އެބަކުރޭ. ފަސް އަހަރު ދުވަހަށް އައި ސަރުކާރެއް މިއީ. ބޯހިޔާވަހިކަން ވިއްކައިގެން އައީ. ރައްޔިތުން އެބައުއްމީދު ކުރޭ ގާފޮޅެއް ހިސާބު ވެސް ހުޅުމާލޭގައި، މާލޭ ސަރަހައްދުގެ ރައްޔިތުންނަށް ބާއްވާލައިދޭނެ ކަމަށް،" ޝިޔާމް ވިދާޅުވި އެވެ.

ފަންނު ހުޅަނގު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ފަލާހް މަޖިލީހަށް މިއަދު ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ، ގިނަ ދުވަސްތަކެއް ވަންދެން ހިޔާ ފެލްޓުތަކުގެ ކުލި ބޮޑުވެގެން ރައްޔިތުން ޝަކުވާކުރަމުން އަންނަނިކޮށް، އެކަމަށްޓަކައި އޮޑިޓާ ޖެނެރަލްގެ އޮފީހުން ހެދި އޮޑިޓުގައި ކުރީ ސަރުކާރުން ކަނޑައެޅި އަގަކީ ގޯސް ހިސާބެއްކަން ހާމަވެފައިވާ ކަމަށެވެ.

ފަލާހް ހުށަހެޅުއްވި މައްސަލައިގައި އިތުރަށް ބުނީ ހިޔާ ފްލެޓު މަޝްރޫއު ހިންގާފައިވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، ދައުލަތަށް ގެއްލުންވާ ގޮތަށް ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައިދޭންކަން ވެސް އޮޑިޓު ރިޕޯޓުން ސާފުކޮށް ފެންނަން އޮތް ކަމަށެވެ.

.