މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކޮށްފައިވާ ބޮލީވުޑްގެ ތަރި ޝާހްރުކް ޚާންގެ ދަރިފުޅު އަރިއަން ޚާންގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) ވެރިޔާ ސަމީރު ވަންކަޑޭ ފުލުހުންގެ ހިމާޔަތަށް އެދިއްޖެ އެވެ.
އެންސީބީގެ ވެރިޔާ ސަމީރު ފުލުހުންގެ ހިމާޔަތަށް އެދިފައިވަނީ އަރިޔަންގެ މައްސަލާގައި އޭނާ ޝާހްރުކް ޚާންގެ އަތުން ރިސްވަތު ނަގާފައިވާ ކަމަށް މީޑިއާގައި ރިޕޯޓްކޮށްފައިވާ ވަގުތެއްގައި އެވެ.
މިދިޔަ ހަފުތާގެ ތެރޭގައި ޝާހްރުކް ވަނީ ދަރިފުޅު ބަންދު ކޮށްފައި ހުރި ޖަލަށް ވެސް ޒިޔާރަތްކޮށްފަ އެވެ. ޝާހްރުކް ޖަލަށް ކުރި ޒިޔާރަތުގައި އެންސީބީގެ ވެރިޔާ ސަމީރު ޝާހުއަށް ރިސްވަތުގެ ގޮތުގައި 25 ކްރޯޑް ރުޕީސް ދިނުމަށް އެދިފައިވާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފަ އެވެ. އަދި އޭގެ ތެރެއިން އަށް ކްރޯޑަކީ ސީދާ ސަމީރަށް ދިން ރިޝްވަތު ކަމަށާއި ބަކީބައި އޭނާގެ ބައިވެރިން ހަމަ ހަމައަށް ބަހާފައި ވާކަމަށްވެސް ތުހުމަތު ކުރެއެވެ. އެހެން ނަމަވެސް މިވާހަކަތައް ސަމީރު އާއި އެންސީބީއިންވެސް ވަނީ ދޮގުކޮށްފަ އެވެ.
ހިމާޔަތަށް އެދި ސަމީރު މުމްބައި ފުލުހުންނަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އޭނާއަށް ގިނަ ދޮގު ތުހުމަތު ތަކެއް ކުރަމުންދާކަމަށެވެ. އަދި އެކި ގޮތްގޮތުން ތަފާތު އިންޒާރުތައް ދެމުންދާކަމަށް ވެސް ބުނެފައި ވެއެވެ.
ކްރޫޒް ލައިނާއެއްގައި މަސްތުވާތަކެއްޗާއެކު ޕާޓީކުރި ކަމަށް ބުނާ މައްސަލައަކާ ގުޅިގެން 23 އަހަރުގެ އަރިޔަނާއެކު އިތުރު 7 މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. އަދި އެ މައްސަލަ އަންނަނީ ވަރަށް ސީރިއަސްކޮށް ތަހުގީގު ކުރަމުންނެވެ.
އަރިޔަންގެ ކަފާލާތުގެ މައްސަލަވެސް ތިން ފަހަރެއްގެ މަތިން ކޯޓުން ވަނީ ބޭރުކޮށްލާފަ އެވެ.
މިމަހުގެ ދެ ވަނަ ދުވަހު އަރިއަން ހައްޔަރުކުރުމާއި ގުޅިގެން ޝާހްރުކްގެ ފިލްމީ މަސައްކަތަށް ވަނީ ބުރޫ އަރައިފަ އެވެ. އަރިއަން މަސްތުވާތަކެތީގެ މައްސަލަގަނޑެއްގެ ތެރެއަށް ވެއްޓުމާ ގުޅިގެން ވަރަށް ގިނަ ބަޔަކު ދަނީ ޝާހްރުކަށް ވަރަށް ބޮޑަށް ފާޑު ވެސް ކިޔަމުންނެވެ.
އަރިއަން އަކީ މިއަހަރުގެ މެއި މަހުގެ ތެރޭގައި އެމެރިކާގެ ޔުނިވަސިޓީއަކުން ފިލްމު މޭކިން އިން ގްރެޖްއޭޓް ވެފައިވާ ޒުވާނެކެވެ. އޭނާ އަކީ ޝާހްރުކްގެ ތިން ކުދިންގެ ތެރެއިން ދޮށީ ދަރިފުޅެވެ.