މިނިވަން ދެ މެމްބަރެއްގެ ތާޢީދާއެކު ޖުމްލަ 11 މެމްބަރުންގެ ސޮޔާއެކު ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅު ޕާޓީތަކުން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.
އެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށްފަހު އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ރައްޔިތުންގެ މަޖިސްކުރާ ގޭގެ ބޭރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް ވިދާޅުވީ ހޯމް މިނިސްޓަރުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅި ސަބަބުތަކުގެ ތެރޭގައި އަންހެނުންނަށް ކުރާ ޖިންސީ އަނިޔާއާއި ފުރައްސާރައަކީ މާބޮޑު ކަމަކަށް ނުވާކަމަށް ދޭހަވާ މޭރުމަކުން އިމްރާން ވާހަކަދެއްކެވުމެވެ.
"މިއާއެކު މިނިސްޓަރު އިމްރާން އެ މަގާމުގައި ހުރުމަށް މިހާރު ކުފޫ ހަމަވާކަމަކަށް އިދިކޮޅު ކޯލިޝަނުން ގަބޫލެއް ނުކުރަން. އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދާ އެއްގޮތަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ މިހާރު ވާނީ ހުށަހަޅާފައި،" ޝިޔާމް ވިދާޅުވި އެވެ.
ވަޒީރެއްގެ އިތުބާރުނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި 10 މެމްބަރުންގެ ސޮއި ބޭނުންވެ އެވެ. ޕީޕީއެމްއާއި ޕީއެންސީގެ ފަރާތުން މަޖިލީހުގައި ތިއްބަވަނީ ނުވަ މެންބަރުންނެވެ.
އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް، ސޮއިކުރި މިނިވަން ދެ މެމްބަރުންނަކީ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމާއި ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހީމް ނަސީމެވެ.
އިއްޔެ ރޭ ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ މިދިޔަ ޖޫން މަހު ކެންޔާ އަންހެނަކު ރޭޕްކުރަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކީ ކުރިން އަޑު ފެތުރުނުހާ ބޮޑު މައްސަލައެއް ނޫން ކަމަށެވެ. އަދި އެ ވާހަކަ ބޮޑުކޮށްލައިގެން ބަޔަކު ދެއްކިޔަސް، ރޭޕްގެ މައްސަލައެއް ނެތް ކަމަށް އޭނާ ވިދާޅުވުމުން ގިނަ ފާޑުކިޔުންތަކެއް ދަނީ އިމްރާނަށް އަމާޒުވަމުންނެވެ.
އެކަމާ ގުޅިގެން އިމްރާން ކުރެއްވި ޓްވީޓެއްގައިވަނީ އެއީ ބޮޑު ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވެފައިނުވާނެ ކަމަށާއި މީޑިއާތަކުގެ އެ ވާހަކަ ގެނެސްދިނީ އޭނާ ދެއްކެވި ވާހަކަތަކުގެ ހަގީގަތް އޮޅޭ ގޮތަށް ކަމަށް އިމްރާންގެ ޓްވީޓްގައިވެ އެވެ. އަދި ނޫސްވެރިން ވެސް ޕްރޮފެޝަނަލް މިންގަނޑުތައް ހިފަހައްޓަން އޭނާ ގޮވާލައްވާފައިވެ އެވެ.