އެޑިސް އަބާބާ (02 ނޮވެމްބަރު) - އުތުރު އިތިއޯޕިއާގެ ޓައިގްރޭ ޕީޕަލްސް ލިބަރޭޝަން ފްރަންޓް (ޓީޕީއެލްއެފް) ޖަމާއަތުން އެ ގައުމުގެ ވެރިރަށް އެޑިސްއަބާބާ ހިފާނެކަމުގެ އިންޒާރު ދިނުމާއެކު މުޅި އިތިއޯޕިއާގައި ކުއްލި ހާލަތު އިއުލާނު ކޮށްފި އެވެ.
ކުއްލި ހާލަތުގެ އިއުލާނު ސަރުކާރުން ކޮށްފައި މި ވަނީ އެ ބައެއްގެ ސަރަހައްދު ހިމާޔަތްކުރުމަށްޓަކައި އަސްކަރީ ތަމްރީނު ލިބިގަތުމަށް އާއްމު ރައްޔިތުންނަށް އެ ގައުމުގެ ބޮޑުވަޒީރު އަބީ އަހުމަދު އިލްތިމާސްކުރިތާ ދެ ދުވަސް ފަހުންނެވެ. އެގޮތުން އަސްކަރިއްޔާގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ރަޖިސްޓާވުމަށް އިދާރާތަކުން ވަނީ ހުޅުވާލާފަ އެވެ.
މި ކުއްލި ހާލަތަކީ ޓީޕީއެލްއެފްއިން އެ ގައުމުގެ އެކި ސަރަހައްދުތައް ހިފައިފި ކަމަށް ބުނެ ދެން އެ ޖަމާއަތުގެ އަމާޒުހުރީ ވެރިރަށް އެޑިސްއަބާބާއަށް އަތްގަދަކުރަން ކަމަށް ބުނުމުން އިއުލާނުކުރި ކުއްލި ހާލަތެކެވެ.
އިތިއޯޕިއާގައި މިފަދަ ކުއްލި ހާލަތެއް އެންމެ ފަހުން އިއުލާނު ކުރެވުނީ 2018 ވަނަ އަހަރު މިހާރުގެ ބޮޑުވަޒީރު މަގާމާ ހަވާލުވުމުގެ ހަމަސް ކުރިންނެވެ.
އިތިއޯޕިއާގެ އިދާރާތަކުން ވަނީ ކުރިމަތި ވެދާނެ ހަމަލާއަކާ ކުރިމަތިލުމަށް ތައްޔާރުވެ ތިބުމަށް އަދިސް އަބާބާގައި ދިރިއުޅޭ ރައްޔިތުންނަށް އިލްތިމާސް ކޮށްފަ އެވެ. އެއާއެކު ކާބޯތަކެއްޗާއި ސިއްހީ އާލާތްތައް ފަދަ އަސާސީ ހިދުމަތްތައް ތައްޔާރީ ހާލަތަށް ގެނައުމަށް މަސައްކަތް ކުރަމުން ދާކަމަށް ވެސް އިދާރާތަކުން ބުނެފައިވެ އެވެ.
ޓީޕީއެލްއެފްއަކީ ފާއިތުވެ ދިޔަ 30 އަހަރު އިތިއޯޕިއާގައި ވަރުގަދަ އޮޕަރެޝަނެއް ހިންގަމުން ދިޔަ ޖަމާއަތެކެވެ. ނަމަވެސް 2018 ވަނަ އަހަރު އަބީ އަހުމަދު ބޮޑުވަޒީރު ކަމަށް އިސްވުމާއެކު އެ ޖަމާއަތުގެ އޮޕަރޭޝަންތައް ވަނީ ވަރަށް ބޮޑަށް ނިކަމެތި ވެފަ އެވެ. -- އަލް އަރަބިއްޔާ