ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން 18 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ބްރެޒިލް މީހުންގެ ބަންދު އިތުރުކޮށްފި އެވެ.

މިދިޔަ އަންގާރަ ދުވަހު މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ބްރެޒިލްއަށް ނިސްބަތްވާ ދެ މީހުންގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކުރީ އިއްޔެ މި މައްސަލަ ބެލުމަށް ބޭއްވި އަޑުއެހުމުގައި އެވެ.

މި މައްސަލައިގައި ބަންދުކޮށްފައި ވަނީ 28 އަހަރުގެ ކްރިސްޓިއާނޯ ސިލްވާ އާއި 37 އަހަރުގެ ނައިރު ނޫނޭސް ޑިސޫޒާ އެވެ. އޭގެ ތެރެއިން ނައިރުގެ ބަންދަށް ހަތް ދުވަސް ޖަހާފައިވާއިރު، ކްރިސްޓިއާނޯގެ ބަންދަށް ކްރިމިނަލް ކޯޓުން ޖަހާފައިވަނީ 15 ދުވަހެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ މަސްތުވާތަކެތި ހޯދާފައި ވަނީ އެ މީހުންގެ ލަގެޖުން ކަމަށެވެ. އަދި އެމީހުންގެ ލަގެޖުން ފެނުނު ޑްރަގުގެ ބަރުދަނުގައި ޕެކިންނާއެކު 18.857 ކިލޯ ހުރި ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ފަހަކަށް އައިސް ރާއްޖެއަށް އަންނަ ބިދޭސީން އަތުން ޑްރަގް ފެންނަ މައްސަލަތައް ވަނީ އިތުރުވެފަ އެވެ.

މިދިޔަ މަހު ވެސް ބްރެޒިލުން ރާއްޖެއަށް އައި މީހަކު އެއާޕޯޓުން މަސްތުވާތަކެއްޗާއެކު އެކު ހައްޔަރުކޮށްފައިވާއިރު، އޭގެ ކުރިން، އޮގަސްޓު މަހު ވެސް 15 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ބްރެޒިލް މީހަކު ރާއްޖެއަށް އެތެރެކުރަން މަސައްކަތްކޮށްފައިވެ އެވެ.