މިސްކިތުގެ ހުރުމަތް ކަނޑާލި މީހާގެ ބަންދަށް 10 ދުވަސް ޖަހައިފި އެވެ.

މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ ހައްޔަރުކޮށްފައިވަނީ ހަސަން ޒިޔާދު ނަމަކަށް ކިޔާ މީހެކެވެ.

އޭނާ ވަނީ މީގެ ކުރިންވެސް މިފަދަ އަމަލެއްގައި ހައްޔަރުކޮށްފަ އެވެ. އެގޮތުން ރައީސް އޮފީސް ކުރިމައްޗަށާއި ހުކުރު މިސްކިތާއި އިސްލާމީ މަރުކަޒު ތެރެއަށް ކުޑަކަމުދިއުމާއި ގުޅިގެން އޭނާ ހައްޔަރުކުރި އެވެ. އޭނާގެ މައްޗަށް ދައުވާކުރަން ފޮނުވިނަމަވެސް އޭނާ ވަނީ ބަންދުން ދޫކޮށްލައިފަ އެވެ.

އެހެންނަމަވެސް މިމަހުގެ 7 ވަނަ ދުވަހު އޭނާ ވަނީ އަނެއްކާވެސް މިސްކިތަކަށް ވަދެ، އެމިސްކިތުގެ ހުރުމަތް ކަނޑާލާފަ އެވެ. އެގޮތުން މާލޭގެ މަސްޖިދުލް އިބްރާހިމް މިސްކިތަށް ވަދެ، އޭނާ ވަނީ ހަތިމަކަށް ކުޅުޖަހާފަ އެވެ.

މިކަން ހިނގި ވަގުތު އެ މިސްކިތުގައި ތިބި މީހުން ވަނީ ޒިޔާދު ހިފަހައްޓައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. މި މައްސަލައާއި ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ ޒިޔާދުގެ ބަންދަށް 10 ދުވަސް ޖަހާފަ އެވެ. އަދި އޭނާގެ ބަންދަށް 10 ދުވަސް ޖެހީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމަށް އެ ކޯޓުން ވަނީ ބުނެފަ އެވެ.

މި މައްސަލައާއި ގުޅިގެން މީސްމީޑިޔާގައި ޒިޔާދުގެ ވާހަކަތައް ދެކެވެމުންދާއިރު، ބައެއް މީހުން ވަނީ އޭނާ އަކީ ނަފްސާނީ ބަލިމަޑުކަމެއް ހުންނަ މީހެއްކަމަށް ބައެއް މީހުން ބުނެފައިވެ އެވެ. ނަމަވެސް ޒިޔާދަނީ ނަފްސާނީ ބަލިމަޑުކަމެއް ހުންނަ މީހެއް ނޫންކަމަށް ޖެންޑާ މިނިސްޓްރީން ވަނީ ބުނެފަ އެވެ.