ކްރިސްޓިއަން ދީން ރާއްޖޭގައި ފެތުރުމަށް ކުރާ މަސައްކަތްތައް ހުއްޓުވަން ފިޔަވަޅުތަކެއް އަޅާކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ރާއްޖޭގައި ދީނީ ގޮތުން މިނިވަންކަން ދިނުމަށް އެއްބަޔަކު ގޮވާލަމުން ގެންދާއިރު، އަނެއް ބަޔަކު ދަނީ މިކަން އަމަލީ ގޮތުން ކުރަމުންނެވެ. އަދި ޔޫޓިއުބް ޗެނަލްތަކުގެ ޒަރިއްޔާއިންނާއި އެކި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ ޒަރިއްޔާއިން ކްރިސްޓިއާނިޓީ ދީން ފެތުރުމުގެ މަސައްކަތް ކުރަމުން ގެންދާ މައްސަލަ އިސްލާމިކް މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާކަމަށް އެމިނިސްޓްރީން ވަނީ ބުނެފަ އެވެ.

މީޑިއާތަކަށް މައުލޫމާތުދެއްވަމުން އިސްލާމިކް މިނިސްޓްރީގެ ފަރާތުން ވާހަކަ ދެއްކެވި އޮފިޝަލަކު ވަނީ އެކަން ހުއްޓުވުމަށްޓަކައި އެމިނިސްޓްރީން ފުލުހުންނާއި ގުޅިގެން މަސައްކަތް ތަކެއް ކުރަމުން ގެންދާކަމަށް ބުނެފަ އެވެ.

މިކަން ހުއްޓުވުމުގެ މަސައްކަތް 2019 ވަނަ އަހަރުން ފެށިގެން ކުރަމުން ގެންދިޔަ ނަމަވެސް މަސައްކަތަށް އެއްވެސް ކުރިއެރުމެއް ނައީ ކީއްވެތޯ އެހުމުން "ސަން" އަށް ދިން މައުލޫމާތެއްގައި އެމިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމާއިލް އަފްރާހް ވަނީ މައްސަލައަށް ހައްލެއް ނުލިބުނު ސަބަބު އެނގޭނީ ފުލުހުންނަށް ކަމަށް ވިދާޅުވެފަ އެވެ.

މިކަން ހިނގާތާ އެއް އަހަރު ވެފައިވާއިރު، މި މައްސަލައާއި ގުޅިިގެން ފުލުހުން ވަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ގެންދާކަމަށް ބުނެފަ އެވެ.

އެހެންނަމަވެސް މިކަމުގައި އުޅޭ އެއްވެސް މީހަކަށް ފިޔަވަޅެއް އެޅުނު ކަމެއް މިހާތަނަށް ފުލުހުން ބުނެފައެއް ނުވެ އެވެ. އަދި މިކަން ކުރާ މީހުންނާއި މެދުގައި އެޅޭނި ކޮން ފިޔަވަޅުތަކެއް ކަމެއްވެސް އިސްލާމިކް މިނިސްޓްރީންނާއި ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.