މިދިޔަ މަހު 215 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

އެ މަސްތުވާތަކެތި ފަޅު ރަށެއްގައި ފޮރުވާފައި ހުއްޓައި މިމަހުގެ 16 ވަނަ ދުވަހު އަތުލާގަނެފައިވާއިރު، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވަނީ ރ. މަޑުއްވަރީ، ފެހިއަލި، ނިމާލް އަބްދުލް ހާރިސާއި، އެ ރަށު ފިނިފަރު، އަލީ ޝާކިރެވެ.

މިމަހުގެ 15 ވަނަ ދުވަހު ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޑްރަގް އިންޓެލިޖެންސް ޔުނިޓްގެ އިތުރުން މެރިން ޕޮލިހާއި ރ. އަތޮޅު ފުލުހުންނާއި ފޮރެންސިކް ފުލުހުން ގުޅިގެން މި އޮޕަރޭޝަން ހިންގާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މި އޮޕަރޭޝަނުގެ ތެރެއިން ފުލުހުން ވަނީ ރާއްޖޭގެ ބައެއް ފަޅުރަށްރަށާއި ލޯންޗެއް ބަލައި ފާސްކޮށްފައި އެވެ. ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަސްތުވާތަކެތި ހޯދާފައިވަނީ ރ. އަތޮޅުގެ ފަޅުރަށެއްގައި ފޮރުވާފައި ހުއްޓަ އެވެ.

މި މައްސަލަ އާއި ގުޅިގެން އެދެމީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ނިންމީ ތުހުމަތުކުރެވޭ މިންވަރަށް ހެކި ލިބިފައިވުމުންކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފަ އެވެ.