ތިމާގެ ގައިގައި ހުންނަ ހުރިހާ ސިފަތަކާއި އުޅޭ އުޅުމަކީ ކިހިނެތް ކާކުގެ ފަރާތުން ވާރުތަވާ ކަންތައް ކަން ދެނެގަތުމަކީ އުނދަގޫ ކަމެކެވެ. ސަބަބަކީ އޭގެ ތެރެއިން ގިނަ ކަންތަކަކީ މަންމައާއި ބައްޕަގެ ޖީންތައް އެކުވެގެން އޭގެ ނުފޫޒުން ތިމާގެ ގައިގައި އަށަގަންނަ ކަންތައް ކަމުންނެވެ. ބައެއް ފަހަރު ތިމާވެއްޓާއި ތިމާގެ ދިރިއުޅުމުގެ ވައްޓަފާޅި ވެސް މީގައި ބޮޑު ދައުރެއް އަދާކުރެ އެވެ.
ނަމަވެސް ބައެއް ސިފަތަކަކީ ސީދާ މަންމަ ނުވަތަ ބައްޕަގެ ޖީންތަކުން ވާރުތަވާ ކަންތަކެވެ. މި ފަހަރު ބަލާލާނީ އޭގެ ތެރެއިން ހާއްސަކޮށް މަންމަގެ ކިބައިން ވާރުތަވާ ބައެއް ކަންތަކަށެވެ.
ކަންކަމަށް ސަމާލުކަން ދެވޭ މިންވަރު
ޖޭއޭއެމްއޭ ސައިކޭޓްރީގައި ޝާއިއުކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުން މަންމަގެ ހަށިގަނޑުގައި ބްރެއިން ކެމިކަލެއް ކަމަށްވާ ސެރެޓޯނިންގެ (މީހާގެ މޫޑާއި ގުޅުން ހުރި ކެމިކަލެއް) ލެވެލް ދަށްނަމަ ތިމާގެ އުމުރުން ދުވަސްވާ ވަރަކަށް އެޓެންޝަން- ޑެފިސިޓް ހައިޕާއެކްޓިވިޓީ ޑިސްއޯޑާ ޖެހުމަށް މަގުފަހިވެ އެވެ. އެހެން ކަމުން މަންމަގެ ކިބައިން ދަރިފުޅަށް ވާރުތަވާ މި ޖީންގެ ސަބަބުން ސެރެޓޯނިން އުފެދޭ މިންވަރު ދަށްވެ، ކަންކަމަށް ސަމާލުކަން ދިނުމަށް އުނދަގޫވެގެން ދާނެ އެވެ.
މޫޑު
ސިކުނޑީގައި ހުންނަ ކޯޓިކޮލިމްބިކް ސިސްޓަމަކީ މީހާގެ އިމޯޝަން ރެގިއުލޭޓް ކުރާ ތަނެވެ. އަދި މޫޑް ޑިސްއޯޑާތައް ކަމަށްވާ ޑިޕްރެޝަން ފަދަ ހާލަތްތައް މެދުވެރިކުރުވަ އެވެ. މަންމަގެ ފުށުން ދަރިންނަށް މިފަދަ ޑިސްއޯޑާ ތައް ވާރުތަވުމުގެ ފުރުސަތު ބޮޑުކަމަށް ޖާނަލް އޮފް ނިއުރޯސައިންސްގައި ޝާއިއުކޮށްފައިވާ ދިރާސާއެއްގައި ވެ އެވެ. އެހެން ކަމުން ދަރިންގެ މޫޑު ވާރުތަ ވަނީ މަންމަގެ ކިބައިންނޭ ބުނުމުގެ ފުރުސަތު އެބައޮތެވެ.
ހަނދާން ހުންނަ މިންވަރު
އަލްޒައިމާ ނުވަތަ ހަނދާން ނެތޭ ފަދަ ބަލިތައް ދަރިންނަށް ވާރުތަވުމުގެ ފުރުސަތު ބޮޑީ މަންމަގެ ފަރާތުން ކަމަށް ބަޔޮލޮޖިކަލް ޖާނަލްގައިވެ އެވެ. އެހެންކަމުން ވަގުތު އޮތްވާ މަންމަގެ މެޑިކަލް ހިސްޓްރީ ބަލައިގެން ސިކުނޑީގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް މަސައްކަތް ކުރުން މުހިއްމެވެ.