ހައުސިން ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)ން ނަގާފައިވާ ލޯނުތައް މިމަހުން ފެށިގެން އަލުން ފައިސާ ދައްކަން ޖެހޭނެ ކަމަށް އެ ކުންފުނިން އަންގައިފި އެވެ.
އެޗްޑީއެފްސީގެ ކަސްޓަމަރުންނަށް އެ ކުންފުނިން ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ ކޮވިޑް-19އާ ގުޅިގެން ލޯނުތައް މާޗު މަހުން ފެށިގެން ހަ މަހަށް ވަނީ ފަސްކޮށްދިން ލޯނު މިމަހުން ފެށިގެން ދައްކަން ޖެހޭނެ ކަމަށެވެ.
އެ ކުންފުނިން ލޯނު ފަސްކޮށްދިންއިރު ބުނެފައި ވަނީ ކޮވިޑް-19ގެ ސަބަބުން ފަރުދުންގެ ދިރިއުޅުމުގެ އާންމު ހާލަތަށް ކުރިމަތިވެފައިވާ އިގްތިސާދީ ދަތިތަކުން އަރައިގަތުމަށް ސަރުކާރުން ރާވާފައިވާ އިކޮނޮމިކް ރިކަވަރީ ޕްލޭންގެ ދަށުން ލޯނުދެއްކުން ހަ މަހަށް ފަސްކޮށްދީފައިވާ ކަމަށެވެ.
ލޯނު އަނބުރާ ދައްކަން އަންގައި އެޗްޑީއެފްސީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ލޯނަށް ފައިސާ ދެއްކުން ލަސްކޮށްދީފައި ވަނީ އޮގަސްޓްމަހުގެ ނިޔަލަށް ކަމަށެވެ. އެހެންވެ މި މަހުން ފެށިގެން ސްކީމްތަކަށް އަލުން ފައިސާ ދައްކަންޖެހޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ގެދޮރު ގަތުމަށާއި ގެދޮރު އެޅުމަށް ގިނަ ބަޔަކަށް އެޗްޑީއެފްސީން ލޯނު ދޫކޮށްފައިވެ އެވެ.
އެޗްޑީއެފްސީއަކީ ގެދޮރުު ހެދުމަށާއި ގެދޮރު ގަތުމަށް ލޯނު ދޫކުރަން ސަރުކާރުން 2004 ގައި އުފެއްދި ކުންފުންޏެކެވެ. އެ ކުންފުނީގެ 51 ޕަސެންޓް ހިއްސާއާއެކު މެޖޯރިޓީ ހިއްސާ ކޮންޓްރޯލްކުރަނީ އެޗްޑީއެފްސީ އިންޑިއާ އެވެ. ބާކީ 49 ޕަސެންޓް ހިއްސާވަނީ ދިވެހި ސަރުކާރެވެ.
ކޮވިޑް-19 އާ ގުޅިގެން ގިނަ ބައެއްގެ އާމްދަނީ އަށް އަސަރު ކުރުމުގެ ސަބަބުން ބޭންކުތަކުންނާއި ފައިނޭންސިން ހިދުމަތް ދޭ ތަންތަނުން ވަނީ ލޯނުތައް ދެއްކުމަށް ހަ މަސް ދުވަހުގެ މޮރިޓޯރިއަމް މުއްދަތެއް ދީފަ އެވެ. މީގެ ތެރެއިން ބީއެމްއެލް އާއި އެސްއެމްއީ ބޭންކުން މިހާރު އެ މުއްދަތު އިތުރުކޮށްފަ އެވެ.