ބައެއް މީހުންނަށް ހީވެފައި އޮންނަނީ އިސްތަށިގަނޑަށް ހާއްސަ ޕްރޮޑަކްޓް ބޭނުން ނުކޮށް އިސްތަށިގަނޑު ރީތިކޮށް ނުބެލެހެއްޓޭނެ ކަމަށެވެ. ނަމަވެސް މިއީ މުޅިން ތެދު ވާހަކައެއް ނޫނެވެ. ވަރަށް އާދައިގެ ތަކެތި ބޭނުން ކޮށްގެންވެސް އިސްތަށިގަނޑު ދުޅަހެޔޮކަންމަތީ ބޭއްވޭނެ އެެވެ.
އޮރެންޖް ޖޫސް
މިއީ ފަސޭހައިން ލިބެން ހުންނަ އެއްޗެކެވެ. އެގޮތުން އިސްތަށިގަނޑު ބޯކުރުމަށް އޮރެންޖު ޖޫސް އެހީވެދެ އެވެ. އެގޮތުން ގަވާއިދުން އޮރެންޖް ޖޫހުން އިސްތަށިގަނޑު ދޮންނަނަމަ އިސްތަށިގަނޑު މަޑުވެ ފުސްވުމުން ދުރުކޮށްދެ އެވެ. ކޮންމެ ހަފްތާއަކު އެއްފަހަރު ނުވަތަ ދެ ފަހަރު އިސްތަށިގަނޑު އޮރެންޖް ޖޫހުން ތެންމާލުމަށްފަހު ހިކުމުން ދޮވެލާށެވެ.
ކާށި ތެޔޮ
މިއީ އިސްތަށިގަނޑު ރީތިކޮށް ބޭއްވުމަށް އެންމެން ބޭނުން ކުރާނެ އެއްޗެކެވެ. ހާއްސަކޮށް ދިވެހިންގެ މެދުގައިވެސް މިއީ މަގުބޫލް އެއްޗެކެވެ. އެގޮތުން ދެ ސަމުސާ ކާށި ތެލާއި ދެ ސަމުސާ ލުނބޯހުތް އެއްކޮށްލުމަށްފަހު އެ ބޭނުން ކޮށްގެން 10-15 މިނެޓާއި ދޭތެރޭގެ ވަގުތަކަށް އިސްތަށިގަނޑު ބުޑުތައް ރީތިކޮށް މަސާޖު ކޮށްލާށެވެ. އަދި މަސާޖުކޮށް ނިމުމަށްފަހު 70 މިނެޓް ވަންދެން މަޑުކޮށްލުމަށްފަހު ދޮވެލާށެވެ. މިހެން ގަވާއިދުން ބޭނުން ކުރުމުން އިސްތަށިގަނޑު ދުޅަހެޔޮކަން އިތުރު ވާނެ އެވެ.
އެލޮވޭރާ
މިއީ މިހާރު ރާއްޖޭގައި ވެސް ހަައްދާ ގަހެއްކަމުން ހޯދަން އުނދަގުވާނެ އެއްޗެއް ނޫނެވެ. އެލޮވޭރާގެ ޕްރޮޑަކްތަކަކީ ވެސް ދިވެހިންނަށް އާ އެއްޗަކަށް ނުވާނެ އެވެ. އެގޮތުން ގޭގައި އެލޮވޭރާ ގަހެއް ހުރިނަމަ އޭގެ ފަތުން ޖެލް ނެގުމަށްފަހު އިސްތަށިގަނޑުގެ ބުޑުގައި ހާކާށެވެ. ބޭނުންނަމަ ނިދާއިރު ހޭކުމަށްފަހު ހެނދުނު ދޮވެލެވިދާނެ އެވެ. މިހެން ހެދުމުން އިސްތަށިގަނޑު ދިގުވެ ބޯ ވުމަށް އެހީވެދެ އެވެ.