ކޮންމެ ދުވަހަކު އެވްރެޖްގޮތެއްގައި ދުނިޔެއަށް 353،000 ކުދިން އުފަންވެ އެވެ. އުފަންވާ ރޭޓްގެ ގޮތުން ބަލާއިރު އެއީ 1000 މީހުންގެ އަބާދީއެއް ނަމަ މިނެޓަކު 18.9 އެވެ.

އަންހެން އަދި ފިިރިހެން ކުދިން ވިހާ ނިސްބަތަށް ބަލާއިރު ކޮންމެ 100 އަންހެން ކުއްޖަކަށް 107 ފިރިހެން ކުދިން ވިހަ އެވެ. އެއީ ކީއްވެ ހެއްޔެވެ؟

ސައިންޓިފިކް ދިރާސާތަކަށް ބަލާއިރު ގުދުރަތީގޮތުން ވެސް ފިރިހެން ކުއްޖަކު ލިބުމުގެ ފުރުސަތު ބޮޑެވެ. ފިިރިހެން-އަންހެން ޖިންސްގެ ރޭޝިއޯއަކީ 100:105 އެވެ.

ކޮންމެ ކަހަލަ ދަރި ފަންޏެއް ވިޔަސް ހަށިގަނޑުގައި އަށަގަންނަން މައިމިހާގެ ހާލަތުވެސް ވަރަށް ބޮޑު ރޯލެއް ކުޅެ އެވެ. އެގޮތުން މައިމީހާގެ އުމުުރު، ރަހިމުގެ މާހައުލު، އަންހެން މީހާގެ އޮވިއުލޭޝަން ސްޓޭޖް އަދި ކުރިން ކުދިން ވިހާފައި ހުރިނަމަ އެކަން ވެސް ދަރިފުޅުގެ ޖިންސަށް މުހިއްމެވެ.

ދެން އޮތީ ދުނިޔެވީ ގޮތުން ދެ ޖިންސްގެ ކުދިންގެ ތަފާތެވެ. ކުރިއަރާފައިވާ ގައުމުތައް ތަރައްގީވެފައިވާ މި ފަދަ ދުވަސްވަރެއްގައި ވެސް އަދިވެސް ބައެއް ގައުމުތަކުގައި އަންހެން ކުދިންނަކީ އެމީހުންނަށް ހުރި ބަދު ނަސީބެއްކަމުގަ ދެކެ އެވެ. ހާއްސަކޮށް އަންހެން ކުއްޖެއްނަމަ ބަނޑުގައި އޮއްވާ ދަރިފުޅު ވައްޓާލުން މިއީ އިންޑިޔާ، ޗައިނާ ފަދަ ތަހުޒީބީ ގައުމުތަކުގައި އަދިވެސް ކުރަމުން އަންނަ ކަމެވެ.

އިންޑިޔާގައި ކޮންމެ 100 އަންހެން ކުއްޖަކަށް 112 ފިރިހެން ކުދިން ވިހައެވެ. އަދި ޗައިނާގައި ކޮންމެ 100 އަންހެން ކުއްޖަކަށް 120 ފިރިހެން ކުދިން ވިހަ އެވެ.

ކަންމިހެން އޮތް ނަމަވެސް ޅަ އުމުރުގައި ކުދިން މަރުވާ ނިސްބަތް ގިނައީ ފިރިހެން ކުދިންކަން ފާހަގަ ކުރެވެ އެވެ. ސިއްހީގޮތުން ވެސް އަންހެން ކުދިންނަށް ވުރެ ފިރިހެން ކުދިންނަށް ދިމާވާ މައްސަލަތައް ގިނަ އެވެ. އަދި ހަމަ ފުރާވަރަށް އަރަމުން އަންނަ އިރުވެސް ފިރިހެންކުދިން މަރުވާ ނިސްބަތް އަންހެން ކުދިންނަށް ވުރެ ގިނަ އެވެ. މިހެންކަމުން އާބާދީގައި ފިރިހެން-އަންހެން ކުދިންގެ ނިސްބަތަކީ 100:101 އެވެ.