ކުޑަކުދިންނަށް ކުރާ އަނިޔާތައް ހުއްޓުވުމަށް ބައިނަލްއަގްވަމީ ގޮތުން ފާހަގަކުރާ ދުވަހާ ގުޅުވައިގެން އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް) އާއި ޔުނިސެފް މޯލްޑިވްސްއިން ގުޅިގެން "ބޮސް އޮފް މައި ބޮޑީ" ގެ ނަމުގައި ތައްޔާރުކޮށްފައިވާ ކުޑަކުދިންގެ ވާހަކަފޮތް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު، މިއަދު ހެނދުނު އިފްތިތާޙްކޮށްދެއްވައިފި އެވެ.

ހުޅުމާލޭގައި ހުންނަ ފޮތް ގާޑިޔާގައި އިފްތިތާޙްކުރެވުނު މި ފޮތަކީ އަނިޔާއިން ރައްކާތެރިކުރުމާ ގުޅޭ ގިނަ މައުލާމުތުތަކެއް ހިމަނައިގެން އުމުރުން ހަތަރު އަހަރުން މަތީގެ ކުދިންނަށް އަމާޒުކޮށްފައިވާ ފޮތެކެވެ. މި ފޮތް އިފްތިތާޙްކޮށްދެއްވުމަށްފަހު ފަޒްނާ ވަނީ މި ހަފްލާގައި ބައިވެރިވިކުދިންނަށް މި ފޮތް ވިދާޅުވެދެއްވާފަ އެވެ. އަދި އެކަމަނާ ވަނީ މިފަދަ ފޮތެއްގެ މުހިންމުކަން ފާހަގަކުރައްވާ އަނިޔާއާ ދެކޮޅަށް ކުދިން ބާރުވެރިކުރުވުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ.

"ބޮސް އޮފް މައި ބޮޑީ" ފޮތުގެ މަގްސަދަކީ ކުޑަކުދިންނަށް ރައްކާތެރި އަދި ރައްކާތެރި ނޫން ބީހުމާ ބެހޭ ގޮތުން ވާހަކަ ދެއްކުމަށް އެހީތެރިވެދިނުމެވެ. މި ފޮތުގައި އެ މައުޟޫއާ ގުޅުންހުރި ގިނަ މަޢުލޫމާތުތަކެއް ހިމަނާފައިވެ އެވެ. މި ފޮތުގައިވާ ގޮތުން ކޮންމެ ކުއްޖެއްގެ ބޭނުންތަކާއި އެކުއްޖަކު ދެކޭގޮތުގެ އިތުރުން ކޮންމެ އާއިލާއެއްގެ ވެސް ބޭނުންތަކާއި ދެކޭގޮތުގެ މައްޗަށް ބިނާކޮށް އެކިކުދިންގެ ވާހަކަތައް ތަފާތުވާނެ އެވެ. އަދި މި ފޮތުގައިވާ ގޮތުން ފޮތުގައި ހިމެނޭ ބައެއް ބައިތަކަކީ ގިނަ ދުވަސްތަކެއް ވަންދެން ހިފަހައްޓާފައިވާ އިޖުތިމާއީ އަދި އާއިލީ މިންގަނޑުތަކަށް ގޮންޖެހުންތަކެއް ހުރެދާނެ ބައިތަކެކެވެ.