ދުޅަހެޔޮ ސިއްހަތެއްގައި ހުރުމާއިއެކު ރީތި ހަށިގަނޑެއް ބައްޓަންކުރުމަށް އެންމެންވެސް އެދޭނެ އެވެ. އެގޮތުން ސޯޝަލް މީޑިއާގެ ދައުރާއެކު ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ކެއިންބުއިމާއި، ކަސްރަތުކުރުމުގެ މުހިއްމުކަން މިވަނީ އާންމުންގެ ތެރޭގައި ވަރަށްބޮޑަށް އިތުރުވެފަ އެވެ.

މި ފަހަކަށް އައިސް މެޑިކަލް ޓާމެއް ކަމެއްވާ އޯތްރެކްސިއާ ނާވޯސާގެ ނަންދެވިފައިވާ ކެއިންބުއިމުގެ ޑިސްއޯޑާ އެއް މިވަނީ މީހުންގެ ސަމާލުކަން ހޯދާފަ އެވެ.

މި ޑިސްއޯޑާ ދިމާވަނީ މާބޮޑަށް ސިއްހަތަށް ފައިދާ ހުންނާ ކާނާ ކާން މަސައްކަތްކުރާ މީހުން ނުވަތަ އެފަދަ ކަނާ ކެއުމަށް އަމިއްލަ ނަފްސަށް މަޖުބޫރުކުރުވާ މީހުންނާއި، ވަކި ގޮތަކަށް ހަށިގަނޑު ބައްޓަންކުރުމަށްޓަކާ މާގިނައިން ކަސްރަތުކުރާ މީހުންނަށެވެ.

ސިއްހަތަށް ފައިދާ ހުރި ކާނާ ކެއުމާއި ކަސްރަތުކުރުމަކީ ރަނގަޅު އާދަތަކެއް ކަމުން ގިނަ ފަހަރަށް މިއީ މައްސަލެއް ކަމަށް ހީވެސް ނުވެދާނެ އެވެ. އެހެން ނަމަވެސް އޯތްރެކްސިއާ އަކީ އާދައިގެ ހާލަތެއް ކަމުގައި ދެކިގެން ނުވާނެ އެވެ.

ވަގުތު އޮއްވާ ފަރުވާ ނުކުރެވިއްޖެ ނަމަ މީގެ ސަބަބުން މަލްނިއުޓްރިޝަން އަދި އެހެނިހެން ސިއްހީ މައްސަލަތައް ދިމާވުމަށް މަގުފަހިކޮށް މީހާގެ ނަފްސާނީ ދުޅަހެޔޮހެޔޮ ކަމަށްވެސް ނޭދެވޭ އަސަރުތަކެއް ކުރުވަ އެވެ.

ކެއިން ބުއިމުގެ ޑިސްއޯޑާއެއް ދިމާވާ މީހަކަށް އޭގެއިން ސަލާމަތްވުމަކީ ފަސޭހަކަމެއްނޫނެވެ. އަދި މިއީ ބައެއް ފަހަރު ވަރަށް ދިގުދެމިގެންދާ ފަރުވާއެކެވެ. މި ފަރުވާގެ ތެރޭގައި ވަރަށް ގިނަ ފަހަރަށް އަނބުރާ ކުރީގެ ހާލަތަށްދެވޭ ފަހަރުވެސް އާދެ އެވެ.

މީގެ ރަނގަޅުގޮތަކީ ކޮންމެ ކަމެއްގައި ވެސް މެދު މިނެއް ގެންގުޅުމެވެ. ސިއްހަތު ރަނގަޅުކޮށް ބެހެއްޓުމަށް ކަސްރަތު ކުރަންވެސް ވާނެއެވެ. ދުޅަހެޔޮ ކާނާވެސް ކާންވާނެއެވެ. އެހެންނަމަވެސް އެއްވެސް ކަމެއްގައި ހައްދުފަހަނަޅާ ދިއުމަކީ ރަނގަޅު ގޮތެއް ނޫނެވެ.