ތެލުލި އަދި ފިހުނު ކާނާއަކީ ދިވެހިންގެ މެދުގައި ވަރަށް މަގުބޫލު ކެއުންތަކެކެވެ. ނަމަވެސް މިފަދަ ކެއުންތަކުގެ ސަބަބުން ޓައިޕް 2 ޑައެބެޓީސްގެ ނުރައްކާ ބޮޑުވާ ކަމަށާއި އެންމެ ރައްކާތެރީ ފެނުކެއްކި އަދި އާވިން ކައްކާފައި ހުންނަ ކާނާ ކަމަށް ދިރާސާއަކަށް ފަހު ސައިންސްވެރިން ބުނެފި އެވެ.
އެމެރިކާގެ އައިކާން ސްކޫލް އޮފް މެޑިސިންގެ ޕްރޮފެސަ އޮފް މެޑިސިން ޑރ. ޖެމީ އުރިބާރީ ކުރެއްވި ދިރާސާއަކަށް ފަހު ވިދާޅުވެފައި ވަނީ ކާތަކެތި ތެލުލުމުން އަދި ފިހުމުން އެޑްވާންސްޑް ގްލައިކޭޝަން އިންޑް ޕްރޮޑަކްޓްސް (އޭޖްސް) ކިޔާ މާއްދާއެއް އުފެދޭ ކަމަށެވެ. އޭޖްސް އަކީ އިންސިއުލިން ރެސިސްޓެންސްއާ ގުޅުން ހުރި އަދި ހަށިގަނޑުގެ ސެލްތައް ސްޓްރެސް ކުރުވާ އެއްޗެއް ކަމަށް ހޯދިފައިވެ އެވެ.
ދިރާސާގައި ބުނެފައި ވަނީ އޭޖްސް ސަބަބުން މެދުވެރިވާ ކަންކަމާ ހުރެ ހަކުރު ބައްޔަށް މަގު ފަހިވާނެ ކަމަށެވެ.
އިންސިއުލިން އަކީ ލޭގައި ހުންނަ ހަކުރުގެ ބައި ސެލްތަކަށް ނެގުމަށް ބޭނުންވާ މާއްދާ އެވެ. އިންސިއުލިން ނެތުމުން ނުވަތަ އިންސިއުލިން ރެސިސްޓެންސްގެ ސަބަބުން ލޭގައި ހަކުރުގެ ބައި މާބޮޑަށް އިތުރުވެ އެވެ. މިއީ ހިތާއި ލޮލާއި ކިޑްނީ އަދި އެހެން ގުނަވަންތަކަށް ވެސް ވަރަށް ބޮޑަށް ނުރައްކާވާ ކަމެކެވެ.
"ޓައިޕް2 ޑައެބެޓީސް ފަދަ ގިނަ ދުވަހަށް ފަރުވާކުރަންޖެހޭ ބަލިތައް ހުންނަ މީހުންނަށް 'އޭޖް' ގެ މިންވަރު މަތި ކާނާ އަދި ދަށްކޮށް ހުންނަ ކާނާ ދިނުމުން ހަށިގަނޑުން އެކަން ދައްކާ. 'އޭޖް' ދަށްކޮށް ހުންނަ ކާނާ ދިނުމުން ބަލީގެ އުނދަގޫ ކުޑަވާކަން ވަނީ ފާހަގަވެފައި،" ޑރ. އުރިބާރީ ވިދާޅުވެފައިވެ އެވެ.
ދިރާސާ ޓީމުން ވަނީ މަތީ މިންވަރަކަށް އޭޖް ހުންނަ ކާނާ ކެއުމަކީ ހަކުރު ބަލި ނުހުންނަ މީހުންނަށް ވެސް ބަލި ޖެހުމަށް މެދުވެރި ވެދާނެ ކަމެއްތޯ ބަލައިފަ އެވެ. ހޯދުންތަކުން އެނގުނީ އެފަދަ ކާނާގެ ސަބަބުން ވެސް ހަކުރު ބައްޔަށް މީހަކު ހުށަހެޅިދާނެ ކަމަށެވެ.