މިއީ މިހާރަކަށް އައިސް ދުނިޔޭގެ އެކި ހިސާބުތަކުގައި އާއްމު ވަމުން އަންނަ ކަމެކެވެ. ހަރުކާނާ ބޭނުން ނުކޮށް ހުސް އެކަނި ފެނުގެ އެހީގައި ބަރުދަން ލުއިކުރުން ނުވަތަ "ވޯޓާ ފާސްޓިން" އަކީ ގިނަ ބަޔަކު ބަރުދަން ލުއި ކުރުމަށް މިހާރު ބޭނުންކުރާ އުކުޅެކެވެ. ސުވާލަކީ މިއީ ރަނގަޅު ގޮތެއްތޯ ކުުރެވޭ ސުވާލެވެ.
ވޯޓާ ފާސްޓިން އަކީ ވަރަށް ނުރައްކާތެރި ކަމެކެވެ. ނަސީބު ދެރަ ބައެއް މީހުންނަށް ވަރަށް ދެރަ ގޮތްތައް ވަނީ ވެފަ އެވެ. ބައެއް މީހުން މަރު ވެސް ވެފައި ވެ އެވެ.
ހަށިގަނޑަށް އެންމެ މުހިންމީ ފެނެވެ. މާނަ އަކީ ފެން ނޫން އެހެން އެއްޗެއްގައި މުހިންމު ކަމެއް ނެތެކޭ ނޫނެވެ. ހަށިގަނޑު އުފެދި ތަރުތީބުވެފައި ވަނީ މިނެރަލް އާއި ވިޓަމިންގެ ވަކި ނިސްބަތަކުންނެވެ. އެ ނިސްބަތަށް ލޮޅުމެއް އަރައި އުނިވެއްޖެ ނަމަ ހަށިގަނޑަށް ބޮޑެތި ބަދަލުތައް އާދެ އެވެ. ބަލިވުމާއި މޯޅިވުން އަދި އަނަރޫފަވުން ފަދަ ސިފަތަކުން ހަށިގަނޑުގައި ކުލަޖެހެ އެވެ. އުމުރު ކުރުވެ އެވެ.
ތިހެން ހުރެފައި ކުއްލިއަކަށް ބަރުދަން ލުއިކުރަން ހިފުމުން ހަށިގަނޑުގެ ބެލެންސް ގެއްލުން އެކަށީގެން ވެ އެވެ. މޭ، ފިތް އަދި ގުރުދާ އަށް ވަޒީފާ ގެއްލި ހޯމޯން ބެލެންސުން ކެޓުން އެކަށީގެންވެ އެވެ. "ކްރޭޝް ޑައިޓް" އަކީ ފިތުގައި ހިލަ އުފެދޭ ކަމެއް ކަމަށް ސިއްހީ މާހިރުން ބުނެ އެވެ.
ހަމައެކަނި ފެން ބޮއިގެން ހުރުމުގެ ބޭނުމަކީ ހަށިގަނޑުން ފެޓް މަދުކުރުން ކަމަށް ވާ ނަމަ، ތިޔައީ އެކަން ކުރަން އޮތް އެންމެ ރަނގަޅު ގޮތް ނޫނެވެ. އެހާ ދުވަސް ވަންދެން އެއްޗެއް ނުކައި ހުރުމުން ގެއްލިގެން ދާނީ ހަމައެކަނި ފެޓެއް ނޫނެވެ. ގައިގެ މަސްތައް ވެސް ވިރުން އެކަށީގެން ވެ އެވެ.
ތިޔަ އުޅެނީ ހަށިގަނޑުގެ ސިފަ ނުގެއްލޭ ގޮތައް ހިކެން ކަމަށް ވާ ނަމަ "ނިއުޓްރިޝަނިސްޓް"އެއްގެ ލަފާ ހޯދަން ނަސޭހަތްތެރިވަމެެވެ. އެ ނޫން ގޮތެއްގައި އިލްމެއް ނެތި ހަށިގަނޑާ ނުކުޅުމަށް ވެސް ބުނެ އިންޒާރު ދެމެވެ.