ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސްޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން ކޯޓުގެ ފުރާޅުން ޓިނު ނެގި މައްސަލައިގެ ހަގީގަތް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ސާފުކޮށްދެއްވައިފި އެވެ.
ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނެގި މައްސަލަ ހައިލަމް ސާފުކޮށްދެއްވީ މިއަދު ސްޕްރީމް ކޯޓުން ރައީސް ޔާމީން މިނިވަން ކުރުމަށް އަމުރު ނެރުމާއި ގުޅިގެން ސަރުކާރަށް ތާއީދު ކުރައްވާ ބޭފުޅުން ސޯޝަލް މީޑިއާގައި ސުޕްރީމް ކޯޓުގެ އެ ނިންމުމާ މެދު ހާމަވެގެން ދިޔައީ ކުރާ ހުކުމަކުން ފަނޑިޔާރުން ހައްޔަރުކޮށް، ފަނޑިޔާރުގެއިން ޓިނު ނުނަގާނެ ކަމުގެ ޔަގީންކަން ލިބިގެން ގޮސްފައިވާކަން ވިދާޅުވުމާއެކުގަ އެވެ.
މިކަމާ ގުޅިގެން ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ ހައިލަމް ވިދާޅުވީ ސުޕްރީމް ކޯޓުގެ ޓިނު ނަގަން ޖެހުނީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އޭރުގެ އިދިކޮޅު ފަރާތްތަކާ ބައިއަތު ހިފައި މަސައްކަތް ކުރަމުންދިޔަ ގާސިމް އިބްރާހިމްގެ މައްސަލަ ބަލަމުންދިޔަ ދެ ފަނޑިޔާރުން ކަމުގައިވާ އަބްދުالله ސައީދާއި އަލީ ހަމީދަށް، ކޮންމެ މީހަކަށް އަށް ލައްކަ ޑޮލަރު ދޭން ވިލާ ކުންފުނިން ނިންމި ނިންމުމާއި ގުޅިގެން ކަމަށެވެ.
"ސުޕްރީމް ކޯޓުން ޓިނު ނެގީ ގާސިމްގެ މައްސަލަ ބަލަމުންދިޔަ ދެ ފަނޑިޔާރުން ކަމުގައިވާ އަބްދުالله ސައީދާއި އަލީ ހަމީދަށް، ކޮންމެ މީހަކަށް އަށް ލައްކަ ޑޮލަރު ދޭން ވިލާ ކުންފުނިން ނިންމުން. އެއީ އެކެއް ފެބްރުއަރީ އަމުރާ ގުޅިގެން ދެވުނު ހަދިޔާ. ޓިނު ނެގުމުގެ ހަގީގަތް އޮޅުވާނުލައްވާ،" ހައިލަމް ވިދާޅުވި އެވެ.
ރައީސް ޔާމީން މިނިވަން ކުރުމާ ގުޅިގެން، ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވެސް ވިދާޅުވީ މިއަދު ހާމަވެގެން ގޮސްފައިވަނީ ސްޕްރީމް ކޯޓުގެ މިނިވަންކަމާއި އަދުލު އިންސާފު އޮތް މިންވަރުކަމަށެވެ. އަދި ފަނޑިޔާރުން ކުރާ ހުކުމަކުން އެ ފަނޑިޔާރު ހައްޔަރުކޮށް، ފުރާޅުން ޓިނު ނަގައި މިސަރުކާރުން ނަހަދާނެކަން ދިވެހި ރައްޔިތުންނަށް ޔަގީން ވެފައިވާކަމަށް ވެސް ޔުމްނާ ވިދާޅުވި އެވެ.