ބްރެޒިލް އިން ރާއްޖެ އައި ދެމީހެއްގެ އަތުން 18 ކިލޯގެ މަސްތުވާތަކެތި ހޯދި މައްސަލައިގައި ހައްޔަރު ކުރި އަންހެން މީހާ ދޫކޮށްލައިފި އެވެ.

ކަސްޓަމްސް އިން ބުނީ މިދިޔަ ނޮވެމްބަރު މަހުގެ ދެވަނަ ދުވަހު އެއިދާރާއިން މިތަކެތި ހޯދާފައި ވަނީ އޭނާ އާއެކު ރާއްޖެއައި ބްރެޒިލްއަށް ނިސްބަތްވާ އުމުރުން 28 އަހަރުގެ ފިރިހެން މީހާގެ ލަގެޖުން ކަމަށެވެ.

އޭނާއާއެކު އަންހެނަކު އައިއިރު، އެ އަންހެން މީހާ ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އޭނާ ހައްޔަރުކުރީ އޭނާއާ މެދު ޝައްކުކުރެވިގެން އެ އިދާރާއިން އޭނާގެ ލަގެޖް ބަލާ ފާސްކުރުމުން ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފަ އެވެ.

މިގޮތުން ފިރިހެން މީހާގެ ލަގެޖް ބަލާ ފާސްކުރިއިރު ލަގެޖުގެ ތެރެއިން ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިން ފެނިފައިކަމަށް ކަސްޓަމްސް އިން ބުނެ އެވެ.

މި މައްސަލައިގައި އޭނާގެ އަތުން 18.8 ކިލޯގެ ކޮކެއިން އަތުލައިގެންފައިވާއިރު، އެތަކެތީގެ އަގަށް 94 މިލިއަން ރުފިޔާ އަރާ ކަމަށްވެސް ކަސްޓަމްސް އިން ބުނެފައިވެ އެވެ.

މި މައްސަލަ ބެލި ޝަރީއަތުގައި އެ ދެމީހުން ވެސް ވަނީ އެ ތަކެތި އެމީހުންގެ ލަގެޖަށް އައީ ކިހިނެއް ކަމެއް ނޭނގޭ ކަމަށް ބުނެ އެ މީހުންނަށް ކުރާ ތުހުމަތުތަކަށް އިންކާރުކޮށްފަ އެވެ.