ލިސްޓަރިން މައުތު ވޮޝްއަކީ އަހަރުމެންގެ ގިނަ ގޭގެތަކުން އާއްމުކޮށް ފެންނަ އެއްޗެކެވެ. އަނގައގެ ސާފުތާހިރުކަމަށް ބޭނުން ކުރެވޭ މި ބާވަތަކީ ހައިރާން ކުރުވަނިވި އެހެން ބޭނުންތަކެއް ވެސް ހިފޭ އެއްޗެކެވެ. މި ލިޔުމުގައި މި ބަލާލަނީ އެފަދަ ބައެއް ބޭނުން ތަކަށެވެ.
ނުބައި ވަސް ނައްތައިލުން
ލިސްޓަރިންއަކީ ކޮންމެ ކަހަލަ ވަހެއް ވެސް ނައްތައިލަން އެހީވެދޭ އެއްޗެކެވެ. އެގޮތުން ފިޔާ، ލޮނުމެދު ނުވަތަ މަހުގެ ބާވަތްތައް ބޭނުން ކުރުމަށް ފަހު އަތުން ވަސްކަނޑުވައިލަން ބޭނުން ނަމަ ލިސްޓަރިން އަތުގައި ހާކައިލެވިދާނެއެވެ. ފައި ތިލައިން ނުބައިވަސް ދުވާނަމަ ފެންވެރުމަށްފަހު ފޮތިކޮޅެއް ނުވަތަ ކުޑަ ތުވާއްޔަކަށް ލިސްޓަރިން އެޅުމަށްފަހު ފައިގެ ދަށްފުށް މަސާޖްކޮށްލެވިދާނެ އެވެ. ކުނިކޮތަޅުން ނުބައިވަސް ދުވިޔަނުދީ ހިފެހެއްޓުމަށް ކަފަކޮޅަކަށް ނުވަތަ ޓިޝޫ އަކަށް ލިސްޓަރިން އެޅުމަށްފަހު ކުނިކޮތަޅު ތެރެއަށް ލުމުން ކުނިވަސް ކަނޑުވައިދޭނެ އެވެ.
ބޮލުން ހަންފޮޅުން ރަނގަޅު ކޮށްދޭ
ލިސްޓަރިންގައި ހިމެނޭ އެންޓިފަންގަލް މާއްދާ އަކީ ބޮލުން ހަންފޮޅުމުން ސަލާމަށްވުމަށް އޮތް ރަނގަޅު ފަރުވާ އެކެވެ. ފެންވެރުމުގެ ކުރީން ލިސްޓަރިން އާއި ފެން އެއްވަރަކަށް ތައްޓެއްގައި އެއްކޮށްލާށެވެ. ޝޭމްޕޫއިން ބޯދޮވުމަށްފަހު ތައްޔާރުކުރި މިކްސް ބޭނުންކޮށްގެން ބޮލުގެ ތަލައިގައި މަސާޖް ކޮށްލުމަށްފަހު ކުޑަ އިރުކޮޅަކު ބަހައްޓާލާފައި ބޯ ދޮވެލާށެވެ.
ފާރުތައް ރަނގަޅުކޮށް އިންފެކްޝަންތަކުން ދުރުކޮށްދޭ
ކަންފަތް ތޮރުފުމަކީ ދިވެހީންގެ މެދުގައި އާންމު ކަމެކެވެ. ތޮރުފުމުން ބައެއްމީހުންގެ ކަންފަތް އިންފެކްޓް ވެއެވެ. މައުތު ވޮޝް އަކީ ހަންގަނޑު ފެސޭހައިން ފަސޭހަކޮށްދޭ އަދި އިންފެކްޝަނުން ރައްކާތެރި ކޮށްދޭ އެއްޗެކެވެ.
ބިއްލޫރިއާއި ބިއްލޫރު ފުޅިތައް ސާފުކުރަން އެހީވެދޭ
ފުޅިތަކުގެ އެތެރެ ސާފުކޮށް ވަސްކެނޑުވުން އެއީ ފަސޭހަ ކަމެއް ނޫނެވެ. މި ކަމަށް ވެސް މައުތު ވޮޝް ބޭނުން ކުރެވިދާނެ އެވެ. ފުޅީގެ ތިންބައިކުޅަ އެއްބަޔަށް ފެން އެޅުމަށް ފަހު ބާކީ ހުރި ތަނަށް މައުތު ވޮޝް އަޅައި ރޭގަނޑު އެއްކޮށް ބަހައްޓާފައި ހެނދުނު ދޮވެލާށެވެ. ބިއްލޫރި ސާފު ކޮށްލުމުގެ ގޮތުން މައުތު ވޮޝް ބިއްލޫރިގަނޑުގައި ހާކައިލުމަށްފަހު މަޑު ފޮތިކޮޅަކުން ބިއްލޫރިގަނޑު ފުހެލާށެވެ.