މުހާޖިރުންނާއެކު ދަތުރުކުރި ބޯޓެއް ސެނެގަލް ކައިރިން ބަންޑުން ޖަހާލާ، އެއިން ދަތުރުކުރި 140 މީހުން މަރުވެފައިވާ ކަން އދ. ގެ މައިގްރޭޝަން އެޖެންސީއިން ހާމަކޮށްފި އެވެ.

މިއީ މިއަހަރުގެ މިހާތަނަށް ހިނގި ބޯޓެއް ބަންޑުން ޖަހާލުމުގެ އެންމެ ބޮޑު ހާދިސާ އެވެ.

މި ބޯޓުން ޖުމްލަ 200 މީހުން ދަތުރުކޮށްފައިވާ ކަމަށް އދ. ގެ އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޯ މައިގްރޭޝަން (އައިއޯއެމް) އިން ވަނީ ހާމަކޮށްފަ އެވެ. މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ކަނޑުވި މީހުންގެ ތެރެއިން 56 މީހުން ސެނެގަލް އާއި ސްޕެއިންގެ ނޭވީގެ އިތުރުން ސެނެގަލްގެ މަސްވެރިންގެ އެހީތެރިކަމާއެކު ސަލާމަތްކޮށްފައިވެ އެވެ.

އައިއޯއެމް އިން ބުނި ގޮތުގައި މި ބޯޓު ދަތުރުކުރަމުން ދިޔައީ ސްޕެއިންގެ ކެނެރީ އައިލެންޑަށެވެ. އެހެން ނަމަވެސް ސެނެގާލްގެ ހުޅަނގުގައި އޮންނަ ބަނދަރަކުން ފުރިތާ މާގިނަ އިރެއް ނުވެ ބޯޓުގައި އަލިފާންރޯވީ ކަމަށެވެ.

"މި ހިނގާދިޔަ ހާދިސާއާއި މެދު ހިތާމަކުރަން. މިދިޔަ ހަފްތާ ތެރޭގައި ސެންޓްރަލް މެޑިޓަރޭނިއަން ސަރަހައްދުން ހަތަރު ބޯޓު ބަންޑުން ޖަހާލާފައި ވާއިރު އިންގްލިޝް ޗެނަލް ކައިރިން ވެސް ވަނީ ބޯޓެއް ބަންޑުން ޖަހާލާފައި،" އައިއޯއެމް އިން ނެރުނު ބަޔާނެއްގައިވެ އެވެ.

އައިއޯއެމްގެ ތަފާސްހިސާބުތަކަށް ބަލާއިރު އެފްރިކާގެ ހުޅަނގުގެ ހިސާބުތަކުން ފުރައިގެން ކެނެރީ އައިލެންޑަށް ހިޖުރަކުރާ މީހުން ގޮވައިގެން ދަތުރުކުރާ ބޯޓުތަކުގެ އަދަދު މިއަހަރު ހަތަރު ގުނައަށް އިތުރުވެ، 11،000 އަށް އަރާފައިވެ އެވެ.