ދިވެހިންނަށް އަމާޒުކޮށްގެން، އެހެން ދީންތައް ފަތުރައި ދީނީ އެއްބައިވަންތަކަމާ ދެކޮޅަށް ހިންގާ ވެބްސައިޓްތަކާއި ޕޭޖްތަކާއި އެޕްލިކޭޝަންތަކާއި ޗެނަލްތައް ހުއްޓުވަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ތަންފީޒު ނުވެ، ކޯޓު އަމުރު ބޭކާރުވެއްޖެ އެވެ.
ކޯޓުން އެ އަމުރު ނެރުނީ ދިވެހިންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނުގެ ދަށުން އެފަދަ އަމުރެއް ނެރެދިނުމަށް ފުލުހުން ކޯޓަށް ހުށަހެޅުމުންނެވެ.
އެކަމަށާ ގުޅިގެން ފުލުހުން މިއަދު ބުނީ ކޯޓުން ކުރި އަމުރު ތަންފީޒުނުވާ ކަމަށާއި އެކަމަށް ވަގުތު ނަގާނެ ކަމަށެވެ.
ޣައިރު ދީންތަކަށް ދިވެހިން ވެއްދުމުގެ ބޭނުމުގައި ދިވެހި ބަހުން ކޮންޓެންޓް ހަދައިގެން ސޯޝަލް މީޑިއާގައި ހިންގަމުން އަންނަ ޕޭޖުތައް ހުއްޓުވުމަށް ނެރުނު އަމުރާ ގުޅިގެން އެ އަމުރު ތަންފީޒުކުރަން، އިންޓަނެޓްގެ ހިދުމަތްދޭ ކުންފުނިތަކަށް ފުލުހުން ދިނީ 72 ގަޑިއިރެވެ.
ކޯޓު އަމުރު ނެރެ މިދިޔަ ހަފްތާގެ ހޯމަ ދުވަހު ފުލުހުން ވަނީ އިންޓަނެޓްގެ ހިދުމަތް ދޭ ކުންފުނިތަކަށް ސިޓީ ފޮނުވައި އަމުރު ތަންފީޒުކުރަން އަންގައިފަ އެވެ. މި އެންގުމާ ހިލާފުވެއްޖެ ނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ދިނެވެ.
މި މުހުލަތު ހަމަވެފައި ވާއިރު، ފުލުހުން މިހާރު ބުނަނީ ޓެކްނިކަލް މަސައްކަތްތަކެއް ކުރާތީ އެކަމަށް އަދި ވަގުތު ނަގާނެ ކަމަށެވެ. ފުލުހުންނާއި ކޮމިއުނިކޭޝަން އޮތޯރިޓީ އަދި އިސްލާމިކް މިނިސްޓްރީގެ އިތުރުން ކަމާ ގުޅުންހުރި އިދާރާތައް ގުޅިގެން އެކަން ތަންފީޒުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން އިތުރަށް ބުނީ ފުލުހުންނާއި، ކޮމިއުނިކޭޝަން އޮތޯރިޓީއާއި، އިސްލާމިކް މިނިސްޓްރީގެ އިތުރުން ކަމާ ގުޅޭ އެހެން އިދާރާތައް ގުޅިގެން ކޯޓު އަމުރު ތަންފީޒު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ދިވެހިންނަށް އަމާޒުކޮށްގެން ޣައިރު ދީންތައް ފެތުރުމަށް ކުރަމުންދާ މަސައްކަތްތައް ހުއްޓުވުމަށް ކަމާ ގުޅޭ އިދާރާތަކަށް އެކަށީގެންވާ ފިޔަވަޅު ނޭޅޭ ކަމަށް ބުނެ ބައެއް އާންމުން ގެންދަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ކުރިޔަކަވެސް ނުދޭނެ. ލާދީނީ ބަޔަކު ނުވެސް ކުރާނެ.އީރާނުންވެސް އެއޮތީ ކޮށްފަ.