މާރިބު (05 ޑިސަމްބަރު) - އީރާނުން ވާގިވެރިވާ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ހޫތީން ޔަމަނުގެ އަވަށެއް ކަމަށްވާ މާރިބަށް އަމާޒުކޮށް ދިން ހަމަލާތަކުގައި އައްޑަނައެއްގެ ގޮތުގައި އިންސާނުން ބޭނުންކުރާ ވީޑިއޯއެއް އާއްމުވެއްޖެ އެވެ.

މެދު އިރުމަތީގެ ނޫހެއް ކަމަށްވާ އަލް އަރަބިއްޔާއިން އާއްމު ކޮށްފައިވާ މި ވީޑިއޯގައި ޔަމަނުގެ މަދަނީ ސަރަހައްދުތަކުގައި ތިބެ އެ ސަރަހައްދުތަކުގެ ރައްޔިތުންގެ ފުރަގަހުގައި ހިމާޔަތް ހޯދައިގެން ހަމަލާތައް ދޭ މަންޒަރު ފެނެ އެވެ.

ހޫތީން ވަނީ އިއްޔެގެ ވަގުތެއްގައި މުޅިއަކު ތިން މިސައިލެއް މާރިބަށް އަމާޒުކޮށް ފޮނުވާލާފަ އެވެ.

އަލް އަރަބިއްޔާގެ ނޫސްވެރިޔާއާ ހަވާލާދީ އެ ނޫހުން ބުނެފައި ވަނީ އެއްގަޑިއިރު ތެރޭގައި ވައިގެ ތެރެއަށް ފޮނުވާލި މި ތިން މިސައިލްގެ ތެރެއިން އެއް މިސައިލް ވަނީ އެ ސަރަހައްދުގެ އެއާޕޯޓަށް އަމާޒުވެފަ އެވެ.

ހޫތީން މި ހަމަލާތައް ދީފައި މިވަނީ ޔަމަނުގެ އަސްކަރިއްޔާއިން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި އެޖަމާއަތަށް ގިނަ ގެއްލުންތަކެއް ލިބިފައިވާ ދަނޑިވަޅެއްގަ އެވެ.

އެގޮތުން މިދިޔަ ހަފްތާގައި އެކަނިވެސް އެ ޖަމާއަތުން ފޮނުވާލި ހަތަރު ޑްރޯން ހަމަލާއެއް އަރަބް ކޯލިޝަނުން ހުއްޓުވާފައިވާއިރު އެޖަމާއަތާ ދެކޮޅަށް މިދިޔަ 24 ގަޑިއިރު ތެރޭގައި 19 ހަމަލާއެއް ފޮނުވާލައިފައިވެ އެވެ.

އަރަބް ކޯލިޝަނާއި ޔަމަނުގެ އަސްކަރިއްސޔާ ގުޅިގެން ހިންގާ މި އޮޕަރޭޝަންގައި މިހާތަނަށް ހޫތީންގެ 14 އަސްކަރީ އެއްގަމު އުޅަނދު ނައްތާލެވިފައިވާއިރު ކުރިމަތިލުންތަކުގައި 115 ހަނގުރާމަވެރިން ވަނީ މަރުވެފަ އެވެ. – އަލް އަރަބިއްޔާ