މޮރިޝަސް ކޮމާޝަލް ބެންކު (އެމްސީބީ)ން ނެގި 60 މިލިއަން ރުފިޔާގެ ލޯނެއް ނުދައްކައި ފިލައިގެން އުޅޭ މުހައްމަދު ބާގިރު ހޯދުމަށް އަނެއްކާވެސް މޯލްޑިވްސް ޕޮލިސް ސާވިސްއިން އިއުލާނުކޮށްފި އެވެ.

ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އޭނާ ހޯދުމަށް އިއުލާނުކޮށްފައިވާއިރު، ބާގިރަކީ ބަންދުގައި ބަހައްޓައިގެން ހޯދުމަށް ބޭނުންވެފައިވާ މީހެއް ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ ކ. މާލެ، ވ. ރާހި، މުޙައްމަދު ބާގިރު، 50 ހޯދަނީ ސިވިލް ކޯޓުގައި ދައުވާކުރާ ހުކުމް ތަންފީޒުކުރުމުގެ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ، ހާޒިރުކުރެވިފައި ނުވާތީ ކަމަށެވެ. އަދި އެކަމާ ގުޅިގެން އޭނާ ބަންދުގައި ބަހައްޓައިގެން ސިވިލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާ ގުޅިގެން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ބާގިރު ކޯޓަށް ހާޒިރުކުރުމަށް މަސައްކަތް ކުރަނީ މޮރިޝަސް ބެންކުން ދެ މީހުންގެ ގެރެންޓީ ދީގެން ނެގި 60 މިލިއަން ރުފިޔާ އަނބުރައި ދެއްކުމަށް 2016 ވަނަ އަހަރު، އޭނާ އާއި އޭނާގެ ކުރީގެ އަންހެނުން ކަމަށްވާ ޒީނިޔާ މުހައްމަދު ޒާހިރަށް ހުކުމް ކުރުމާ ގުޅިގެންނެވެ.

މި މައްސަލައާއި ގުޅިގެން ބާގިރާއި އޭނާގެ އަންހެނުން ހޯދުމަށް އިންޓަޕޯލްގެ ރެޑް ނޯޓިސް ނެރެފައި ވާތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، މި މައްސަލައާ ގުޅިގެން ޒީނިޔާ ވަނީ އޭނާއަށް ކުރާ ތުހުމަތުތަކަށް ސޯޝަލް މީޑިއާގައި ރައްދުދީފަ އެވެ. ޒީނިޔާ ބުނީ ބެންކުން ބޮޑު އަދަދެއްގެ ލޯނެއް ނެގި ބާގިރު މިހާރު އުޅެނީ އިނގިރޭސި ވިލާތުގައި ކަމަށެވެ.

މިގޮތުން ލޯނު ނަގައި ކުންފުންޏެއް އުފެއްދުމަށްޓަކައި އެކަކަށް ވުރެ ގިނަ މީހުން ހިއްސާވާން ޖެހޭކަން ފާހަގަކޮށް އޭނާ ބުނީ އެކަން ކުރީ އޭރު އޭނާގެ ފިރިމީހާ އެކަމަށް އެދުމުން ކަމަށާއި، ގާނޫނީ ގޮތުން ފުރިހަމަކުރަން ޖެހޭ ޝަރުތަކަށްޓަކައި ކަމަށެވެ. އަދި ކުންފުނީގެ އެއް އިންސައްތަ ހިއްސާ ދިންކަން ފިޔަވައި ކުންފުނީގެ އެއްވެސް ކަމެއް އޭނާ އަށް ނޭނގޭ ކަމަށް ވެސް ޒީނިޔާ ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން ކުންފުނީގެ 99 އިންސައްތަ ހިއްސާ އޮތީ އޭނާގެ ފިރިމީހާއަށް ކަމަށާއި، މިކަން ހިނގައި ދިޔަ ގޮތް އިނގޭނީ ބާގިރާއި އޭނާގެ މިހާރުގެ ބިދޭސީ އަންހެނުންނަށް ކަމަށް ޒީނިޔާ ވަނީ ބުނެފަ އެވެ.

މި މައްސަލައިގައި މީގެ ކުރިން ބާގިރާއި ޒީނިޔާ ހޯދުމަށް ފުލުހުން އިއުލާނުކުރި ނަމަވެސް މިއަދު ފުލުހުން ހޯދުމަށް އިއުލާނު ކޮށްފައިވަނީ ހަމައެކަނި ބާގިރަށެވެ. އޭނާ އާއި ބެހޭ އެއްވެސް މަޢުލޫމާތެއް އެނގޭނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރަށް ގުޅައިގެން މައުލޫމާތު ހިއްސާކޮށްދިނުމަށް ފުލުހުން ވަނީ އެދިފަ އެވެ.