ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ކުރީ ސަރުކާރުން އަޅަން ފެށި މެދުފަންތީގެ ހައުސިން ޔުނިޓް، "ވިނަރެސް"ގެ ފްލެޓްތައް ހަމައެކަނި މާލޭ މީހުންނަށް ވިއްކަން ހައުސިން އެންޑް ޕްލޭނިން މިނިސްޓްރީން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް އަންގައިފި އެވެ.
މިއީ އެޗްޑީސީން 159 މިލިއަން ޑޮލަރު (2.4 ބިލިއަން ރުފިޔާ)ގެ ލޯނެއް ޗައިނާ ޑިވެލޮޕްމަންޓް ބޭންކް (ސީޑީބީ) އިން ނަގައިގެން ހިންގާ މަޝްރޫއެކެވެ. މި މަޝްރޫއު 2017 ގައި ފެށީ 1،530 ޔުނިޓް ހަދާ ގޮތަށެވެ. ނަމަވެސް ލޯނުގެ އިކުއިޓީ ހަމަނުޖެހިގެން ދެ ފްލޯގެ ޔުނިޓްތައް ވަނީ ޕްރޮޖެކްޓުން އުނިކޮށްފަ އެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަން ފެށި 1،344 ފްލެޓް ވިއްކުމަށް ހުޅުވާލާނީ ހިޔާ މަޝްރޫއުން ފްލެޓް ދޫކޮށްލި މީހުންނާއި ގުޅީފަޅުން ފްލެޓް ދޫކޮށްލި މީހުންގެ އިތުރުން ސީލައިފުން ފްލެޓް ގަތުމަށް ފައިސާ ދައްކާފައިވާ މީހުންގެ ތެރެއިން ވިނަރެސް ފްލެޓް ގަތުމަށް ބޭނުންވާ މީހުންނަށް ފްލެޓްތައް ކަނޑައެޅުމަށް ފަހު ކަމަށްވެ އެވެ.
އެޗްޑީސީން ދާދިފަހުން ވަނީ ސީލައިފުން ފްލެޓް ގަތުމަށް ފައިސާ ދައްކާފައިވާ މީހުންގެ ތެރެއިން ވިނަރެސް ގަތުމަށް ޝައުގުވެރިކަން ހުރި މީހުންނަށް ފުރުސަތު ދީފަ އެވެ. ނަމަވެސް ދެވަނަ ފަހަރަށް އެ ފުރުސަތު ދިނުމުން ވެސް ސީލައިފަށް ވުރެ ވިނަރެސް އަގު ބޮޑުވުމުން ގިނަ ބަޔަކު ދަނީ ޝަކުވާކުރަމުންނެވެ.
އެ ފްލެޓްތައް ވިއްކުމަށް ފަހު ބާކީވާ ހުރިހާ ފްލެޓެއް ވިއްކުމަށް ނިންމާފައި ވަނީ ހަމައެކަނި މާލޭ މީހުންނާއި ދަފްތަރުގައި ޖެހިފައިވާ މީހުންނަށެވެ. އެކަން ޕްލޭނިން މިނިސްޓްރީން ވަނީ މިދިޔަ ހަފްތާގެ ތެރޭގައި އެޗްޑީސީއަށް ވެސް އަންގައިފަ އެވެ.
ސަރުކާރުގެ ވިސްނުން މިގޮތަށް ބަދަލުވިއިރު، މި ސަރުކާރަށް ހުޅުމާލޭގައި މިހާތަނަށް އެންމެ ސޯޝަލް ހައުސިން ޕްރޮޖެކްޓެއް ވެސް ފެށިފައެއް ނުވެ އެވެ. އަދި ފަށަން އިއުލާންކުރި 1،700 ހައުސިން ޔުނިޓްގެ މަސައްކަތް ވެސް ބޭންކުން ލޯނު ނުދޭން ނިންމުމުން ފެށޭ ގޮތް ވަނީ ނުވެފަ އެވެ.
"ވިނަރެސް"ގެ ނަމުގައި ހަދަން ފެށި 1،344 ހައުސިން ޔުނިޓްގެ 60 ޕަސެންޓް ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ވިއްކުމަށް ވެސް އެޗްޑީސީން ހުޅުވާލި އެވެ.
އެޗްޑީސީން ކުންފުނިތަކަށް ފޮނުވި ބްރޯޝާއެއްގައި ބުނެފައި ވަނީ ދެވަނަ ފިޔަވަހީގެ ރީތިގަސް މަގުގައި "ވިނަރެސް"ގެ 60 ޕަސެންޓް ހާއްސަކޮށްފައި ވަނީ ވިޔަފާރި ކުންފުނިތަކަށް ކަމަށެވެ. އަދި އެ ތަންތަން އަންނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ނިމޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައި ވެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފެށި މި މަޝްރޫއު ހަވާލުކުރީ ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީމެކް) އާ ހަވާލުކޮށްގެން ހަދާ ހައުސިން ޔުނިޓް ވިއްކަން ނިންމާފައި އެފޯޑަބްލް ހައުސިންގެ ތެރެއިން 2.2 މިލިއަން ރުފިޔާއަށް ވުރެ ކުޑަ އަގެއްގަ އެވެ.
ވިނަރެސްގައި ހުންނަނީ ދެ ވައްތަރެއްގެ އެޕާޓްމަންޓްތަކެކެވެ. އެގޮތުން ހިމެނެނީ 902 އަކަފުޓޫގެ ތިން ކޮޓަރީގެ އެޕާޓްމަންޓާއި ތިން ކޮޓަރި ހިމެނޭ 883 އަކަފުޓޫގެ އެޕާޓްމަންޓެވެ. އޭގެ ތެރެއިން މެރީނާ ވިއު ފެންނަ 98 އެޕާޓްމަންޓް ހުރެ އެވެ. އަދި ސިޓީގެ ބޭރުގެ ފެންނަ 228 ޔުނިޓާއި އިނާވިއު ފެންނަ 211 ޔުނިޓް ހިމެނެ އެވެ.
ވިނަރެސްގައި ރިޓެއިލް ފިހާރައަކާއި އޮފީސް ޖާގަ، އޭޓީއެމް، ސެކިއުރިޓީ، ކާރު އަދި ސައިކަލް ޕާކިންގެ އިތުރުން ކެފޭ، ރެސްޓޯރަންޓްގެ ހިދުމަތް ވެސް ލިބެން ހުންނާނެ ކަމަށް ބުނެފައިވެ އެވެ.
އެޗްޑީސީން ބުނެފައި ވަނީ ކުންފުނިތަކުން ގަންނަ ޖުމްލަ އެޕާޓްތަކުގެ އަގުގެ 20 ޕަސެންޓް ޑައުންޕޭމަންޓްގެ ގޮތުގައި ދައްކަން ޖެހޭނެ ކަމަށެވެ. މި އެޕާޓްމަންޓްތަކުގެ އަގުތައް އުޅެނީ 2.5 މިލިއަން ރުފިޔާ އާއި 2.7 މިލިއަން ރުފިޔާއާ ދެމެދުގަ އެވެ. އެކަމަކު އިންސްޓޯލްމަންޓް އުސޫލުން 20 އަހަރުން ނުވަތަ 25 އަހަރުން ފައިސާ ދައްކާ ނަމަ އެޕާޓްމަންޓްގެ އަގު ގާތްގަނޑަކަށް ދެގުނަ ބޮޑުވެ އެވެ.