ހެނދުނު ހޭލާ ގޮތަށް އެއްޗެއް ނުކައި ހުރުމަށް ވުރެ ކޮންމެވެސް އެއްޗެއް ކެއުން ރަނގަޅެވެ. އެއީ ދުވަހުގެ ފެށުމެވެ. އަދި ނާސްތާ ވީހާ ވެސް އަވަހަށް ނެގުން މުހިއްމެވެ. ރަނގަޅު މިންވަރަކަށް ފައިދާ ހުރި ކާނާ ކެއުމަކީ ހަށިގަނޑަށް ހަކަތަ ގެނުވައިދޭ އަދި ދުޅަހެޔޮކަން މަތީ މީހާ ބަހައްޓައިދޭ ކަމެކެވެ.

ފައިދާހުރި ކާނާ އެކުލެވޭ ނާސްތާއެއްގައި މޭވާ އާއި ތަރުކާރީ ހިމެނޭނެ އެވެ. ލޯ ފެޓް ޕްރޮޓީން އާއި ގޮދަން ހިމެނޭނެ އެވެ. ކާބޯހައިޓްރޭޓްސް އާއި ޕްރޮޓީން އާއި މަދު މިންވަރަކަށް ފެޓްސް އެކުލެވޭ ގޮތަށް ނަގާ ނާސްތާއެއްގެ ސަބަބުން ދުޅަހެޔޮކަން މަތީ ހަށިގަނޑު ބަހައްޓައި، ބަނޑުހައިވުމުން ދުރުކޮށްދޭނެ އެވެ. ރަނގަޅު ނާސްތާއެއްގެ ސަބަބުން ދުވަހުގެ މަސައްކަތްތައް ފުރިހަމައަށް ރާވާލެވި، މަސައްކަތުގެ ދުވެލި ބާރުވާނެ އެވެ.

ހަށިހެޔޮކޮށް ހުރުމަށްޓަކައި ނަގާ ނާސްތާއެއްގައި ކޮންމެހެން ވެސް މޭވާ އާއި ތަރުކާރީ ހިމެނެން ޖެހެ އެވެ. އެގޮތުން މޭވާ ހިމެނުމުން ވިޓަމިންސް އާއި މިނަރަލްސް އެކަށީގެންވާ ވަރަށް ހަށިގަނޑަށް ލިބިގެންދާނެ އެވެ. މިނަރަލްސްގެ ސަބަބުން ހަށިގަނޑުގެ މަސައްކަތްތައް ރަނގަޅަށް ކުރިއަށް ގެންދެވި ބަލިތަކުން ދިފާއުވުމަށް ބާރަކަށް ވެގެންދެ އެވެ.

ދޮންކޭލަކީ އާއްމުކޮށް ނާސްތާގައި ބޭނުންކުރާ މޭވާއަކަށްވާއިރު އެއީ ހަށިގަނޑުގެ މަސްތަކަށް އެންމެ ފައިދާ ހުރި އެއް މޭވާ އެވެ. ފައިބާ އެކުލެވޭ މޭވާ ކެއުމުގެ ސަބަބުން ހަޖަމްވުމުގެ ނިޒާމުގެ މަސައްކަތްތައް ރަނގަޅު ވެގެންދެ އެވެ. އަދި ހަމަ އެއާއެކު ހަށިގަނޑުގެ ބަރުދަން އެއްވަރެއްގައި ދަމަހައްޓައިދެ އެވެ.

ހެނދުނުގެ ނާސްތާއަށް ހަމައެކަނި މޭވާ އާއި ތަރުކާރީ ކެއުމަކީ އެންމެ ރަނގަޅު ގޮތް ނޫނެވެ. ސަބަބަކީ ހަށިގަނޑަށް ބޭނުންވާ މާއްދާތަކެއް ކަމުގައިވާ ޕްރޮޓީންސް އާއި ފެޓްސްއަކީ މޭވާއިން ލިބޭ އެއްޗަކަށް ނުވާތީ އެވެ. އޭގެ ސަބަބުން އަވަހަށް ވަރުބަލިވެ، އިތުރަށް ކާން ބޭނުންވެ އެވެ. އަދި ހަމަ އެހެންމެ ހަކުރުގެ މިންވަރު މައްޗަށް ދިޔުމަށް ވެސް މަގުފަހިވެ އެވެ.

ބިސްގަނޑާއި މޭވާ އާއި ކިރާއި ޔޯގަޓް ފަދަ ތަކެއްޗާއެކު ޓޯސްޓްކުރި ޕާނާއި ޕީނަޓް ބަޓަރު ކެއުމަކީ ފައިދާ ހުރި ކާނާ ކެއުން ކަމަށް ބެލެވެ އެވެ. އަދި އެއަށް އިތުރު ކުރުމުގެ ގޮތުން ތާޒާ މޭވާ ފަނި ތައްޓެއް ބޯލެވިދާނެ އެވެ. މޭވާ އާއި ތަރުކާރީ އާއި އެކީގައި ނެގޭ ނާސްތާއެއްގެ ސަބަބުން ތި ހީކުރާވަރަށްވުރެ ގިނަ ގުނަ ފައިދާތަކެއް ހަށިގަނޑަށް ލިބިގެންދެ އެވެ.