އަބަދުވެސް ކޮންމެ މީހަކަށްވެސް އެންމެ އިތުބާރު ކުރެވެނީ ޑޮކްޓަރީ ބޭހަށެވެ. ޑޮކްޓަރީ ބޭހުގެ ވެސް އަސްލަކީ ޤުދުރަތީ މާއްދާ ތަކެވެ. އެގޮތުން ބަލާއިރު ފަހުގެ ހޯދުންތަކުން ދައްކާ ގޮތުގައި ކެބެޖަކީވެސް އާދަޔާ ޚިލާފު ބޭހެކެވެ.

ކެބެޖަކީ އޭގެ ޒާތުގައިވެސް އެންމެންނަށް މީރު ތަކުކާރީ އެކެވެ. އެހެންކަމުން ކެބެޖް ބޭހެއްގެ ގޮތުގައި ބޭނުންކުރަން ޖެހުމަކުން އެކަމާ ދެކޮޅު ހަދާނެ މީހަކު ނުހުންނާނެ އެވެ. ހޯދުންތަކުން ދައްކާގޮތުގައި ކެބެޖަކީ ހުޅުހުޅުގެ ތަދުތަކަށް އޮތް ޝިފާ އެކެވެ. އެގޮތުން ކުޅިވަރުގެ ތެރެއިންނާއި އެހެނިހެން ގޮތްގޮތުން އަރާ ތަދުތަކަށް ވެސް ލުޔެއް ގެނުވަދެ އެވެ. ނަމަވެސް އާތްރައިޓިސް ފަަދަ ބަލިތަކަށް އަދި ކެބެޖް އިން ފަރުވާ އަދި ހޯދިފައި ނުވެއެވެ.

ކެބެޖް އިން ހުޅުހުޅުގެ ތަދު ފިލުވާލުމަށްޓަކައި ފުރަތަމަ ކެބެޖް ގެ ފަތްތައް ވަކިކުރާށެވެ. އެއަށްފަހު އޭގެ ހަރުބައި ބުރިކޮށްލާނީއެވެ. މިގޮތަށް ހެދުމަށްފަހު ފުޅިއެއްކަހަލަ އެއްޗެއް ބޭނުންކޮށްގެން ހަރުތަނެއްގެ މަތީގައި ފަތް ބާއްވާފައި ފުޅީގެ ބޭނުންކޮށްގެން ފަތުގައި ހުރި ދިޔަ ނަގާނީގެވެ. މިގޮތަށް ހެދުމަށްޓަކައި ފަތްމަތީގައި ފުޅި ބާރަށް އަނބުރާނީ އެވެ. ނުވަތަ ފިތާލެވިދާނެއެވެ.

ދެވަނަކަމަކަށް ތައްޔާރުކުރި ފަތްތައް ފޮއިލްއަކަށް ލުމަށްފަހު ހޫނުކުރުމަށްޓަކައި އަވަނަށް ލާށެވެ. އެމަދު މިނަޓްކޮޅަކަށް އަވަނުގައި ބަހައްޓާނީ އެވެ. އެގޮތަށް ހެދުމުން ފަތްތައް މޯޅިވެ، ބޭނުންކުރުމަށް ފަސޭހަވާނެއެވެ. އެހެންނަމަވެސް މާބޮޑަށް ހޫނު ކުރުން ރަނގަޅެއް ނޫނެވެ.

ފަތްތައް ހޫނުވެ މޯޅިވުމުން ކުޑަކޮށް ފިނިވަންދެން ބަހައްޓާށެވެ. އަދި އެއަށްފަހު ތަދުވާ ހުޅުމަތީގައި އެފަތްތައް އަޅާށެވެ. މިގޮތަށް އެސަރަޙައްދު އެއްކޮށް ފޮރުވޭވަރަށް އެޅުމަށްފަހު ބެންޑޭޖަކުން އެފަތްތައް ފޮރުވޭ ގޮތަށް އޮޅާށެވެ. އަދި އޭގެ މަތިން ޕްލާސްޓިކް ކޮތަޅު ނުވަތަ ފޮއިލް އޮޅާފައި ބެހެއްޓިދާނެއެވެ. މިގޮތަށް ހަދަނީ ފަތްތަކުގައި ހުންނަ ހޫނުކަން އަވަހަށް ގޮސްދާނެތީ އެވެ.

މިދެންނެވި ގޮތަށް ކެބެޖް ފަތްތައް އޮޅާފައި ބެހެއްޓުމަށްފަހު ގަޑިއެއް ހާއިރު ފަހުން ނަގާށެވެ. އަދި އެގޮތަށް ދުވާލު ދެފަހަރު ނުވަތަ ކޮންމެ ދުވަހަކު އެއްފަހަރު އަމަލު ކުރާށެވެ. މީގެ އިތުރުން ރޭގަނޑު ނިދާއިރު ވެސް މިގޮތަށް މިފަރުވާ ބޭނުން ކުރެވިދާނެ އެވެ.

ކެބެޖް ބޭނުން ކުރާއިރު ރަތް ކެބެޖް ބޭނުންކުރުން ރަނގަޅުކަމަށް ގިނަ މީހުން ބުނެ އެވެ. އަދި މިގޮތަށް މިފަރުވާ ބޭނުން ކޮށްގެން ހުޅުތަކުގެ ތަދުތަކަށް ލުޔެއް ލިބޭކަމަށް ވެސް ގިނަމީހުން ބުނެފައިވެ އެވެ.