އިންޑިއާގެ އާމީ ޗީފް ޖެނެރަލް ބިޕިން ރާވަތު ގޮވައިގެން ދަތުރުކުރި ހެލިކޮޕްޓަރެއް ދެކުނުގެ ސްޓޭޓެއް ކަމަށްވާ ޓެމިލްނާޑޫއަށް ވެއްޓުނު ހާދިސާގައި އޭނާ އަވަހާރަވެއްޖެ ކަމަށް ވައިގެ އަސްކަރިއްޔާއިން ބުނެފި އެވެ.

އިންޑިއާގެ ވައިގެ އަސްކަރިއްޔާއިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ، 63 އަހަރުގެ ޗީފް އޮފް ޑިފެންސް ސްޓާފް ދަތުރުކުރަމުން ދިޔައީ ރަޝިޔާއިން އުފައްދާފައިވާ އެމްއައި-17ވީ5 ހެލިކޮޕްޓަރެއްގައި ކަމަށާއި، "އެ އެކްސިޑެންޓް ހިނގީ ޓެމިލް ނާޑޫގެ ކޫނޫރު ކައިރިން" ކަމަށެވެ.

މި ހާދިސާގައި އޭނާގެ އަނބިކަނބަލުން މަދުލިކާ ރާވަތު ވެސް ވަނީ އަވަހާރަވެފަ އެވެ. އަދި އެ ހެލިކޮޕްޓަރުން ދަތުރުކުރި އިތުރު 11 މީހަކު ވަނީ މަރުވެފަ އެވެ.

ރާވަތުއަކީ އިންޑިއާގެ ފުރަތަމަ ޗީފް އޮފް ޑިފެންސް ސްޓާފް އެވެ. 2019 ވަނަ އަހަރު އިންޑިއާ ސަރުކާރުން އުފެއްދި މަގާމަށް އައްޔަންކޮށްފައިވާ ރާވަތުއަކީ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ވަރަށް އަރިސް ބޭފުޅެކެވެ.

މި ހާދިސާ ހިންގިއިރު އޭނާއާއި އޭނާގެ އަންހެނުންނާއި އެހެން އޮފިސަރުން ދަތުރުކުރީ ޑިފެންސް ސާވިސަސް ސްޓާފް ކޮލެޖަށް ކަމަށް އަސްކަރިއްޔާގެ އިސް އޮފިސަރަކު އޭއެފްޕީއަށް މައުލޫމާތު ދެމުން ބުނެފައިވެ އެވެ.

އިންޑިއާގެ ނިއުސް ޗެނަލްތަކުން ބްރޯޑްކާސްޓްކޮށްފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ނިލްގިރިސް ޑިސްޓްރިކްޓްގެ ކޮލެޖް ކައިރީގައި ތޮއްޖެހިފައި އޮންނަ ޖަންގަލީގެ ސަރަހައްދަކަށް ވެއްޓުނު އެ ބޯޓު ވަނީ ގޮވައިފަ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ސުލޫރު އެއާފޯސް ސްޓޭޝަނުން ހެލިކޮޕްޓަރު ނައްޓާލީ ބުދަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި ކަމަށާއި ބައެއް ފަސިންޖަރުން ފަރުވާ ދިނުމަށް ހޮސްޕިޓަލްތަކަށް ވަނީ ގެންގޮސްފަ އެވެ.

ރާވަތުއަކީ އަސްކަރީ އާއިލާއަކުން އައިސް، އެތައް ޖީލެއް އިންޑިއާ ސިފައިންގެ ތެރޭގައި ހިދުމަތް ކޮށްފައިވާ ބޭފުޅެކެވެ.

އޭނާގެ ފަހަތުގައި ހަތަރު ގަރުނުގެ ޚިދުމަތްތަކެއް ކުރައްވާފައިވާ ޖެނެރަލަކީ، އިންޑިއާއިން ވެރިވެގެންފައިވާ ކަޝްމީރުގެ ފައުޖުތަކާއި، ޗައިނާއާ އިންވެގެން އޮންނަ ލައިން އޮފް އެކްޗުއަލް ކޮންޓްރޯލް ސަރަހައްދުގައި ވެސް ކޮމާންޑް ކުރައްވާފައިވާ ޖެނެރަލެކެވެ.

އިންޑިއާގެ އުތުރު އިރުމަތީ ފަޅީގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި، ބޯޑަރު ހުރަސްކޮށް މިޔަންމާއިން އެތެރެވާ މީހުން ހުއްޓުވުމަށް ހިންގާ ހިންގާ އޮޕަރޭޝަންގެ ކްރެޑިޓް އޭނާ ނަންގަވަ އެވެ.

ވައިގެ އަސްކަރިއްޔާއިން ބުނީ އެކްސިޑެންޓްގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.