އަންނަ ހުކުރު ދުވަހުގެ ރޭ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓް ސަރަހައްދުގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ޖަލްސާ ބާއްވަން ތައްޔާރުކުރަން ފެށުމުން މައްސަލަ ގޯސްވެއްޖެ އެވެ.

މައްސަލަ ގޯސްވީ ހުޅުމާލޭގެ ބެލެނިވެރިކަން އޮތް އެޗްޑީސީގެ ހުއްދަ ނުހޯދައި އެ ސަރަހައްދުގައި ޖަލްސާ ބާއްވަން މަސައްކަތް ކުރަމުންދާތީ އެވެ.

ޕީޕީއެމްގެ ޖަލްސާއަށް ދެވަނަ ފޭސްގެ ހިޔާ ފްލެޓް ހިމެނޭ ސަރަހައްދު ތައްޔާރުކުރަން ފެށުމުން އެޗްޑީސީން ވަނީ އެކަން ހުއްޓުވުމުގެ ގޮތުން ބޮޑެތި ވެހިކަލްތައް އެ ސަރަހައްދުގައި ޕާކުކޮށްފަ އެވެ. އަދި ފުލުހުން ވެސް މިހާރު ދަނީ އެ ސަރަހައްދުގައި ފޯރިމަރަމުންނެވެ.

އެޗްޑީސީން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ހުޅުމާލޭގެ އެއްވެސް ސަރަހައްދެއްގައި ހަރަކާތެއް ހިންގޭނީ އެޗްޑީސީގެ ހުއްދަ ހޯދައިގެން ކަމަށެވެ. ޕީޕީއެމް އިން ކުރިއަށް ގެންދަން ނިންމާފައިވާ ހަރަކާތަށް އަދި ހުއްދަ ނުނަގާ ކަމަށް ވެސް ބުންޏެވެ. އުސޫލުގެ ތެރެއިން ހަރަކާތް ހިންގަން ކޮންމެ ބަޔަކަަށް ވެސް އެ ކޯޕަރޭޝަންގައި ހުއްދައަށް އެދެވޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ހުކުރު ދުވަހުގެ ރޭ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޖަލްސާއެއް ބާއްވަން އިދިކޮޅު ކޯލިޝަނުން އެތަން ތައްޔާރުކުރަން ފެށުމުން އެ ސަރަހައްދުގައި އެޗްޑީސީގެ ވެހިކަލްތަކެއް ބާއްވާފައި.

އެޗްޑީސީން ރޭ ވަރަށް ލަސްވި ފަހުން ނެރުނު ބަޔާނަށް އިދިކޮޅު ކޯލިޝަނުން ވަނީ ރައްދު ދީފަ އެވެ. އެ ކޯލިޝަނުން ބުނީ ހުޅުމާލޭގައި ޖަލްސާއެއް ބޭއްވުމަށް އެޗްޑީސީ އިން ހޯދަންޖެހޭ ހުއްދައެއް ނޯންނާނެ ކަމަށެވެ.

"ކޮތަރުކޮށި" ނަމުގައި ބާއްވާ ޖަލްސާއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް ހުޅުމާލޭ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ހާއްސަކޮށްގެން ބާއްވާ ޖަލްސާއެއް ކަމަށް ޕީޕީއެމުން ބުންޏެވެ. ޖަލްސާ ފެށުމަށް ހަމަޖައްސާފައިވަނީ ހުކުރު ދުވަހުގެ ރޭ 8:30 ގަ އެވެ.

ހުކުރު ދުވަހުގެ ރޭ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޖަލްސާއެއް ބާއްވަން އިދިކޮޅު ކޯލިޝަނުން އެތަން ތައްޔާރުކުރަން ހަރަކާތްތެރިވަނީ.