ރާއްޖޭގައި ހައްދާ ބާވަތަކަށް ނުވި ނަމަވެސް ކިވީއަކީ ރާއްޖޭގެ ބާޒާރުތަކުން ވެސް ވަރަށް ފަސޭހައިން ލިބޭ މޭވާ އެކެވެ. ޒުވާނުންނާއި ސިއްހަތަށް ބަލައިގެން އުޅޭ ދިވެހިންގެ މެދުގައި މަގުބޫލު މޭވާ އެކެވެ. ނުވާންވީ ސަބަބެއް ނެތެވެ. އެއީ ރަހައާއި އެއްވަރަށް ލިބޭ ފައިދާތައް ވެސް އެހާމެ ގިނަ މޭވާ އެކެވެ.

މިއިން ހަށިގަނޑަށް ލިއްބައިދޭ މާއްދާތައް ވެސް ގިނަވެފައި، ފައިދާތައް ވެސް ގިނަ އެވެ. ތާޒާކޮށް ކެއުމުގެ އިތުރަށް ކިވީން ސެލެޑާއި ސުމޫތީ އާއި އެކި ކަހަލަ އެއްޗެހި ވެސް ތައްޔާރުކޮށްލެވިދާނެ އެވެ. އަދި އެކި ކަހަލަ ޕޭސްޓްރީ ތައްޔާރުކުރުމުގައި ވެސް ކިވީ ބޭނުންކޮށް އުޅެ އެވެ.

މި މޭވާ އަކީ ވަކިން ހާއްސަކޮށް ވިޓަމިން ސީން މުއްސަނދި އެއްޗެކެވެ. ކިވީން ލިއްބައިދޭ މާއްދާތަކުގެ ތެރޭގައި ވިޓަމިން އީ، ކޭ، ފޮލޭޓް، ކޮޕާ، ޕޮޓޭސިއަމް، އެންޓިއޮކްސިޑަންޓްސް، ޕްރޮޓީން އަދި އަޔަން ހިމެނެ އެވެ.

ކިވީގެ ފައިދާތަކުގެ ތެރޭގައި އެންތެ ފާހަގަ ކޮށްލެވެނީ ބަރުދަން ލުއިކޮށްދޭން މި މޭވާއިން އެހީވެދޭ ކަމެވެ. އެހެންކަމުން މިއީ ހިކެން ބޭނުންވާ މީހުންގެ ޑައިޓްގައި ހިމެނުން މުހިއްމު މޭވާ އެކެވެ.

އޭގެ އިތުރުން ހަޖަކުރުމުގެ ނިޒާމަށް ދިމާވާ މައްސަލަތައް ހައްލު ކުރުމަށް ވެސް ކިވީއަކީ ރަނގަޅު މޭވާ އެކެވެ. ނާސްތާ ކުރުމަށްފަހު ކިވީ ކެއުމަކީ މިފަދަ ބަލިތަކަށް އަވަސް ފަރުވާއެއް ހޯދުމަށް ކުރެވިދާނެ ކަމެކެވެ. ކިވީގައި އެކުލެވޭ ޑައިޓްރީ ފައިބާއާއި އެކްޓިނިޑިން ކިޔާ އެންޒައިމެއްގެ ސަބަބުން ހަޖަމުކުރުން ފަސޭހަކޮށްދެ އެވެ.

ލޭގެ ޕްރެޝަރު ކޮންޓްރޯލްކުރަން ވެސް ކިވީ ބޭނުންކުރެވިދާނެ އެވެ. ދިރާސާތަކުން ދައްކާ ގޮތުގައި 8 ހަފުތާގެ މުއްދަތަކަށް ކޮންމެ ދުވަހަކު ތިން ކިވީ ކާ ނަމަ ޑައޮލޯސްޓިކާއި ސިސްޓޮލިކް ބްލެޑް ޕެޝަރު ހަމައަކަށް އަޅުވައިދޭނެ އެވެ. މީގެ ނަތީޖާ އަކީ ސްޓްރޯކާއި ހާޓްއެޓޭކް ފަދަ ހިތުގެ މައްސަލަތަކުން ވެސް ރައްކާތެރިކޮށް ދިނުމެވެ.

ލޮލުގެ މައްސަލަތައް ހުންނަ ނަމަ އެއީ ވެސް ކިވީ ކާން އިސްކަން ދޭން ޖެހޭ ސަބަބެކެވެ. ކިވީ ކެއުމުން ލޮލުގެ ފެނުން ރަނގަޅުކޮށްދޭ ކަމަށް ދިރާސާތަކުން ދައްކަ އެވެ.

ކިވީގެ އިތުރު ފައިދާތަކުގެ ތެރޭގައި ހަންގަނޑު ރީތިކޮށް ދިނުމާއި ޑީއެންއެއޭ ހަލާކުވުމުން ރައްކާތެރިކޮށް ދިނުމުގެ އިތުރަށް މިއީ ނިދަން އުނދަގޫވުމުގައި މައްސަލަތައް ހުންނަ މީހުންނާއި ނޭވާ ހިއްލާ މީހުން ވެސް ބޭނުން ކުރުން ވަރަށް ރަނގަޅު މޭވާއެކެވެ.