އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް މި ސަރުކާރުން އައްޔަންކުރި މެމްބަރުންނަށް ނަތީޖާ ނުނެރެވޭ ކަމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމައި ވަކިކުރަން ތަޅުމަށް ފޮނުވަން އިއްޔެ ނިންމާފައި ވަނިކޮށް އެ މެމްބަރުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

މެންބަރުން ވަކިކުރުމަށް ކޮމިޓީގެ ބައްދަލުވުމުގައި ހުށައެޅުއްވީ އިނގުރައިދޫ ދާއިރާގެ މެންބަރު ޙަސަން އަޙްމަދު އެވެ. ހުށައެޅުމަށް ތާޢީދުކުރެއްވީ ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަލީމް އެވެ. މެމްބަރުން ވަކިކުރަން ފާސްވީ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 8 މެންބަރުންގެ ތެރެއިން 5 މެންބަރުންގެ އަޣްލަބިއްޔަތުން ނެވެ.

އޭސީސީގެ މެމްބަރުކަމުން އިސްތިއުފާ ދެއްވީ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ އާއި ނާއިބު ރައީސް ފާތިމަތު އަނޫލާގެ އިތުރުން މެންބަރު އާއިޝަތު އަބްދުﷲ އެވެ.

އޭސީސީގެ މެމްބަރުން ވަކިކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލިހުން ފެށުމާ އެކު، އެ ކޮމިޝަންގައި ތިއްބެވި ދެ މެމްބަރުން ކަމުގައިވާ މުހައްމަދު ޝަކީލް އާއި އަލީ އަޝްރަފް ވެސް ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.

މިއާއެކު، އެ ކޮމިޝަން ތަމްސީލް ކުރައްވަން މިހާރު އެއްވެސް މެމްބަރަކު ނެތެވެ.