ރާއްޖެއިން ސްރީލަންކާއަށް އެކްސްޕޯޓުކުރާ ކަނޑުމަހުގެ ބާވަތްތަކުން ނަގާ ޓެކުހުގެ ރޭޓު ބޮޑުކޮށްފި އެވެ.
ލަންކާ ފިޝަރީޒް މިނިސްޓްރީގެ ސެކްރެޓަރީ އިންދޫ ރަތުނަޔަކަ ވިދާޅުވެފައި ވަނީ ބޭރުން އިމްޕޯޓްކުރާ މަހު ބާވަތްތަކުން ނަގާ ޓެކްސް ބޮޑުކުރީ ލަންކާގެ މަސްވެރިކަމުގެ ސިނާއަތް ހިމާޔަތްކުރުމަށް ކަމަށެވެ.
ލަންކާއިން އެ ބަދަލު ގެނައީ މިދިޔަ މަހުގެ 27ން ފެށިގެން އަމަލުކުރަން ފަށާފައިވާ މަހުގެ ބާވަތްތަކުން ނަގަން ކަނޑައަޅާފައިވާ އާ ޓެކުހުގެ ރޭޓުތަކާއެކު އެވެ. އާ ޓެކުހުގެ ރޭޓުތަކުގައިވާ ގޮތުން ރާއްޖެއިން އެ ގައުމަށް އެކްސްޕޯޓްކުރާ މަހުގެ ބާވަތްތަކުން ޓެކްސްގެ ގޮތުގައި ކިލޯއަކަށް 25.28ރ. ނަގާނެ އެވެ.
ލަންކާގައި ރާއްޖޭގެ ވަޅޯމަހާއި ހިކި މަހަކީ ވަރަށް މަގުބޫލު އުފެއްދުންތަކެކެވެ
ރާއްޖެއިން ލަންކާއަށް އެތެރެކުރާ މަހުގެ އިތުރުން އެހެން ގައުމުތަކުން އެ ގައުމަށް އެތެރެކުރާ ފިނިކުރި މަހުގެ ކިލޯއަކަށް ވެސް ވަނީ (200 ރުޕީސް) 16.6ރ. ނަގާނެ އެވެ. އަދި ހިކި މަސް ކިލޯއަކަށް ނަގާ ޓެކްސް ވެސް ވަނީ 10.63ރ. އަށް ބޮޑުކޮށްފަ އެވެ.
ރާއްޖެއިން ލަންކާއަށް އެކްސްޕޯޓުކުރާ މަހުގެ އުފެއްދުންތަކުން ނަގާ ޓެކްސް ބޮޑުކޮށްފައިވީ ނަމަވެސް ދިވެހި މަސް އެ ގައުމަށް އެކްސްޕޯޓުކުރަން އެއްވެސް ހުރަހެއް ނެތް ކަމަށް ފޮރިން މިނިސްޓްރީން ދާދިފަހުން ބުނެފައިވެ އެވެ.
ރާއްޖެއިން ލަންކާއަށް އާއްމުކޮށް އެކްސްޕޯޓުކުރަނީ ހިކި ކަނޑުމަހާއި ވަޅޯ މަހެވެ. އަދި މިދިޔަ އަހަރު ތެރޭގައި ރާއްޖެއިން އެ ގައުމަށް ގާތްގަނޑަކަށް 5،000 ޓަނުގެ މަސް އެކްސްޕޯޓްކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.
މޯލްޑިވްސް ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓްކުރި ގައުމުތަކުގެ ތެރޭގައި ލަންކާ ހިމެނެ އެވެ. ރާއްޖެއިން އެކްސްޕޯޓްކުރާ މުދަލުގެ ބޮޑުބަޔަކީ މަހުގެ އެކި ބާވަތްތަކެވެ.