ތިން މީހުން ދަތުރުކުރަނިކޮށް ރޭ އަޑިއަށް ދިޔަ ދޯނިން ގެއްލުނު ތިން މީހުން ހޯދުމުގެ މަސައްކަތް ކޯސްޓުގާޑުން ކުރާތާ 12 ގަޑިއިރުވީ އިރު ވެސް އަދިވެސް އެ މީހުން ނުފެންނަ ކަމަށް ބުނެފި އެވެ.

އެމްއެންޑީއެފުން މިއަދު ކުރި ޓްވީޓެއްގައި ބުނީ ވ. ފުއްސަރު ކައިރިން ދޯންޏެއް އަޑިއަށްދާ ކަމުގެ މައުލޫމާތު ރޭ 11:22 ގައި ލިބިގެން ކޯސްޓްގާޑުން ހަރަކާތްތެރިވާން ފެށި ކަމަށެވެ.

އެ ދޯންޏަކީ ފ. ފީއަލިކައިރިން ފުރައިގެން މާލެ ދަތުރުކުރި "އަލަމާ-05" ނަމަކަށް ކިޔާ ދޯންޏެއް ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.

އެމްއެންޑީއެފުން ބުނީ އެ ދޯނި ދިޔަވެ، އަޑިއަށްދާކަމުގެ މައުލޫމާތު ލިބުނީ ފުއްސަރުފަޅުގެ ހުޅަނގު ދެކުނުން ހަތަރު ވަރަކަށް ނޯޓިކަލް މޭލުން ބޭރުން ކަމަށެވެ.

އެ ދޯނި އަޑިއަށް ދިޔައިރު ތިބީ ތިން މީހުންނެވެ. އަދި އެއީ ފީއަލި ކައިރީގައި ފާނަ މަސްވެރިކަން ކުރަން އުޅޭ ދޯނިތަކުން ފާނަ ގަނެގެން މާލެ ދަތުރުކުރި ދޯންޏެއް ކަަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

މި ދޯންޏާއި ދޯނީގައި ތިބި މީހުންގެ އިތުރު މައުލޫމާތެއް މިއަދު މެންދުރު 12 ޖެހިއިރު ވެސް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. ނަމަވެސް އެ މީހުން ހޯދުމުގެ މަސައްކަތް ހުއްޓާނުލައި ކުރިޔަށް ގެންދާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

އެމްއެންޑީއެފް އިން ބުނީ އެ ދޯނިން ކަނޑަށް ދޫވެ، އޮޔާދާ ކަމަށް ބެލެވޭ ސާމާނުތަކެއް ފ. އަތޮޅުގެ އުތުރުން އެއް މޭލު ބޭރުން ކޯސްޓްގާޑަށް ފެނިފައިވާ ކަމަށެވެ.