ފ. ފީއަލި ކައިރިން ފުރައިގެން މާލެއަށް ދަތުރުކުރި "އަލަމާ-05" ނަމަކަށް ކިޔާ ދޯނިން އިއްޔެ ރޭ ގެއްލުނު ބިދޭސީން މިހާރު ފެނިއްޖެ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް(އެމްއެންޑީއެފް) އިން ބުނެފި އެވެ.

މި ހާދިސާގައި ގެއްލިގެން މިވަގުތު ހޯދަމުން ގެންދަނީ ކ. ގުރައިދޫ، ނަލަވާ، އާދަމް ޝަފީގު 32، އެވެ. އަދި އެ ދޯނި އަޑިއަށްދިޔަ ވަގުތު ގެއްލުނު ބަންގްލަދޭޝްގެ ދެ މީހުން އެމްއެންޑީއެފުން ވަނީ ހޯދާފަ އެވެ.

ބަންގްލަދޭޝް ދެ މީހުން ފެނިފައި ވަނީ ދޯނީގައި ހުރި ހަންތަކެއް މަތީ ތިބެގެން، އެ މީހުންގެ ފޯނުން ރޭންޖު ލިބޭ ހިސާބަށް ދިއުމުން، ފޯނަށް ގުޅައި، އެ ސަރަހައްދު ހޯދައިގެންނެވެ.

އެ މީހުން ފެނުނީ އދ. ދަނގެއްޗާ ދިމާ ކައިރިން ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.

އެ ދެމީހުން ފެނުނީ މިއަދު ހެނދުނު 6:50 ހާއިރު ކަމަށާއި، އެ މީހުން ލަކްސް ސައުތު އަރިއެޓޯލް ރިސޯޓް ކައިރިން ކޯސްޓްގާޑް ސީއެމްބިއުލާންސް-34 އަށް ނަގާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އެމްއެންޑީއެފުން އިތުރަށް ބުނީ އެ މީހުން ހޯދުމަށް ކޯސްޓްގާޑް ސީ އެމްބިއުލަންސް-34 އާއި ކޯސްޓްގާޑް ޝިޕް ހުރަވީ، އަދި މޯލްޑިވްސް ޕޮލިސް ސާވިސްގެ އިތުރުން ދޯނީގެ ވެރިފަރާތުންނާއި، ޓީއެމްއޭގެ 10 ސީޕްލޭނާއި، ފްލައިމީގެ މަތިންދާބޯޓެއް ވެސް މަސައްކަތްކޮށްފައިވާ ކަމަށެވެ.

މި ހާދިސާގައި ގެއްލުނު ފަޅުވެރިންގެ ތެރެއިން ދިވެހި މީހާގެ އެއްވެސް ހަބަރެއް ނުވާއިރު، އެމްއެންޑީއެފުން ދަނީ އެ މީހާ ހޯދުމުގެ މަސައްކަތް ފުޅާ ގޮތެއްގައި ކުރަމުން ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.