ހުޅުމާލޭގެ ބީޗް ފްރަންޓުން ބިމެއް ލިބުމަކީ ކޮންމެ ދިވެއްސަކު ވެސް ބޭނުންވާނެ ކަމެކެވެ. އެކަމަކު އެއީ ކޮންމެ ކޮންމެ މީހަކު އުންމީދު ވެސް ކުރާނެ ކަން ކަމެއް ވެސް ނޫނެވެ.

ސަބަބަކީ އެ ބިމުގެ އަގު ހިސާބަށް ވުރެ ބޮޑު ވާނެތީ އެވެ. ކިތަންމެ އަގު ބޮޑު ވިޔަސް ކޮންމެ ފަދަ އަގެއް ދީފައި ވެސް އެފަދަ ބިންތައް ގަނެވޭނެ، ގަންނަން ބޭނުން މީހުން ރާއްޖޭގެ އެކި ކަންކޮޅުގައި އެބަތިއްބެވެ. އެހެން ނަމަވެސް އެފަދަ ގިނަ ބަޔަކަށް ޖެހިފައި އޮތީ ފައިސާ އޮތަސް އެ ބިމުގެ މަތިން ހަނދާން ނައްތާލާށެވެ.

ދިވެއްސަކަށް ވިޔަސް ހުޅުމާލެއިން ބިން ގަންނަން ހުންނަން ޖެހޭ އެންމެ މުހިންމު ޝަރުތު ކަމުގައިވާ މާލޭ މީހުނަށް ނުވީމަ އެވެ. މި ހިސާބުން ދިވެއްސަކަށް ވެގެން ނުފުދޭ ކަމާ ވާން ޖެހެނީ މާލޭ މީހަކަށް ކަމުގެ އިހުސާސް ކުރެވެ އެވެ.

ވަކިރަށެއްގެ މީހަކަށް ވާން ޖެހެނީ ކީއްވެ؟

މާލެއާއި މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓް މާލެ ނޫން އެހެން ރަށެއްގެ ބަޔަކަށް ލިބެން ޖެހޭ ކަމަށް ކުރެވޭ ވަކާލާތުގެ އަނެއް ކޮޅަކީ މާލޭގެ މީހުނަށް ރާއްޖޭގެ އެހެން ރަށްރަށުން ގޯތި ނުލިބޭ ވާހަކަ އެވެ. މި ވާހަކައިގެ ހަގީގަތް ކޮންމެ ގޮތަކަށް އޮތް ކަމަށް ވިޔަސް އެއީ ވާހަކަ ވާހަކައެއްގެ ގޮތުގައި ގޯސް ވާހަކައެއް ނޫނެވެ.

ސުވާލަކީ އެ މީހަކު ބޭނުން ރަށަކުން ގޯތި ނުވަތަ ފްލެޓު ނުހޯދެންވީ ކީއްވެގެން ހެއްޔެވެ؟ ދުނިޔޭގެ އެހެން ގައުމުތަކަށް ބަލާއިރު އެއްވެސް މީހަކީ އެ މީހެއްގެ ދާއިމީ އެޑްރެހަކީ ނުވަތަ ދާއިމީ ރަށްވެހިކަން ވަކި ރަށަކަށް ނުވަތަ ވަކި ގެއަކަށް ރަޖިސްޓްރީވެފައި އޮންނާން ޖެހޭ މީހެއް ނޫނެވެ. އެ މީހަކު އޭރަކު އުޅޭ ތަނަކީ އެ މީހެއްގެ އެޑްރެހެވެ. އެ މީހަކު އުޅޭ ހިސާބެވެ. އެ މީހަކު އުޅޭ ހިސާބެއްގެ ލޯކަލް އޮފީސްތަކުގެ ހަމަތަކާއި އުސޫލުތައް އެ މީހަކަށް ހިނގާނެ އެވެ. އެގޮތުން ކައުންސިލްތަކުގައި އޮންނަ ރަޖިސްޓްރީއެއްގައި ރަޖިސްޓްރީ ވުމުން އެ ކައުންސިލެއްގެ އިހުތިސާސްގެ ތެރޭގައި ލިބެން ޖެހޭ ހައްގެއް އެ މީހަކަށް ލިބެ އެވެ.

މި އުސޫލުން ބަލާއިރު ރާއްޖޭގެ ކޮންމެ މީހަކަށް ވެސް އެ މީހަކު ބޭނުން ހިސާބެއްގައި ވަޒަންވެރިވެ ދިރިއުޅުމުގެ ހައްގު އޮންނަން ޖެހެ އެވެ. ވިޔަފާރިކުރުމާއި ދިރިއުޅުމަށްޓަކައި ގެދޮރު ހޯދުން ފަދަ ކަންތައް ކުރުމުގެ ހައްގު އޭގެ ތެރޭގައި ހިމެނެން ޖެހެ އެވެ. މާލެއެކޭ އެހެން ރަށެކޭ ތަފާތު ވާކަށް ނުޖެހެ އެވެ.

މާލެ: ރާއްޖޭގެ ވެރިރަށް

ބުނެވޭ ގޮތުގައި މާލޭގައި މީހުން ވަޒަންވެރިވުމުގެ ކުރިން އެއީ ގިރާވަރު މީހުން މަސްވެރިކަމުގެ އެކި ބޭނުންތަކަށް ބޭނުންކޮށް އުޅުނު ހުރާގަނޑެކެވެ. މަޑުމަޑުން ވޮޑެމުން ގޮސް މީހުން އުޅެން ކަމުދާ ރަށަކަށް ރަށް ވެފައި ވަނިކޮށް އެ ރަށުގައި ވަޒަންވެރިވީ މާލޭގައި ރަސްކަމެއް ގާއިމު ކުޅަ ބޭރު ކަރަޔަކުން އައި ރަސް ދަރިކަލަކާ އޭނައާއެކު އައި މީހުންނެވެ.

އެ މީހުން މާލޭގައި ރަސްކަމެއް ހިންގައި މުޅި ރާއްޖޭގެ ވެރިކަން މާލޭގެ ދަށުން ހިންގަން ފެށިތާ ހާހަކަށް ވުރެ ގިނަ އަހަރު ވީއިރު މާލެ މިއޮތީ ރާއްޖޭގެ އެހެން ރަށްތަކާ ނުބައްދަލު މިންވަރަށް އާބާދީ ބޮޑުވެފަ އެވެ. މި ހުރިހާ މީހުންނަކީ ވެސް ރާއްޖޭގެ އެކި ހިސާބުތަކުން މާލެ އައިސް މާލޭގައި ވަޒަންވެރިވި މީހުންނެވެ.

ރާއްޖޭގެ އެހެން އެއްވެސް ރަށެއް ތަރައްގީ ނުވާ ވަރަށް މާލެ މިވަނީ ތަރައްގީވެފަ އެވެ. މާލެ ތަރައްގީވުމުގައި ރާއްޖޭގެ އެހެން ރަށް ރަށުގެ މީހުންގެ ދައުރު ކުޑައެއް ނޫނެވެ. ރައީސް މުހައްމަދު އަމީނުގެ ޖުމުހޫރިއްޔާގެ ރައީސްކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް މާލޭގެ މަގުމަތީ ދެފަރާތުގައި ފާރު ރޭނުމަށް ރާއްޖޭގެ އެކިރަށް ރަށުން މީހުން ގޮސް މަސައްކަތް ކުރަން ޖެހުނެވެ.

ހުޅުލޭގައި އެއާޕޯޓް ހަދަން ހުރިހާ ހިސާބަކުން މީހުން ގޮސް މަސައްކަތް ކުރި އެވެ. އެހެން ކަމުން މާލެ ވެފައި އޮންނަނީ ރާއްޖޭގެ އެންމެންގެ ވެސް ހައްގުތަކެއް އޮންނަ ރަށަކަށެވެ. މާލެއަކީ ރާއްޖޭގެ ވެރި ރަށަށް ވުމުންނެވެ.

މާލޭގެ އާބާދީ އާއި ދަރިފަސް ކޮޅާއި ރަސްކަމުގެ އާއިލާތަކަށް ބަލާއިރު ވެސް އެއްވެސް ޝައްކެއް ނެތް ގޮތެއްގައި އެނގެން އޮތް ހަގީގަތަކީ ޒަމާނުއްސުރެ މާލޭގެ ރަށް ވެހިކަމާއި ވެރިކަމުގެ ބާރުތައް ފަދަ ކަންތަކަކީ ވަކި ބަޔަކަށް ޚާއްސަ ކުރެވިފައި އޮތް ކަންތައްތަކެއް ނޫން ކަމެވެ.

ދާދި ފަހަކާ ޖެހެންދެން ވެސް ރާއްޖޭގެ އެހެން ރަށް ރަށެކޭ އެއްފަދައިން މާލޭގައި ދިރި އުޅެން ބޭނުން ބަޔަކަށް މާލޭގައި ވަޒަންވެރިވެ ގެދޮރު އަޅައި، އާބާދުވުމުގެ ފުރުސަތު އޮތެވެ. މިއަދުގެ ހަގީގަތަށް ބަލާއިރު އެ ފުރުސަތު ހަނިވުން ގުޅެނީ މާލޭގެ ބިން ފުރި ގެދޮރަށް އޮތް ޑިމާންޑް އުފުލި ބަޔަކު މަގުމަތިވާ ހިސާބަށް ދިއުމުންނެވެ.

ހައްލަކީ ކޮބާ؟

ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ދިރިއުޅެން މިވަގުތު ބޭނުން ވަނީ މާލެ ނުވަތަ މިހާރު ކިޔާ ގޮތުން ނަމަ މާލެ ސަރަހައްދުގަ އެވެ. ސަބަބަކީ އންސާނުންގެ ދިރިއުޅުމަށް ބޭނުންވާ ޒަރޫރީ ގިނަ ބޭނުންތައް ފުދެން އޮތް ހިސާބަކީ އެއީ ކަމަށް ވެފައި ފާގަތި ދިރިއުޅުމަކަށް މަގު ފަހިވާނެ ފަދަ ފުރުސަތުތައް ލިބެން އޮތީ ވެސް އެ ހިސާބުގައި ކަމަށް ވާތީ އެވެ.

އެހެންކަމުން މާލެއާއި ހުޅުމާލެއިން ރާއްޖޭގެ ހުރިހާ ހިސާބެއްގެ މީހުން ވެސް ގޯތިގެދޮރު ބޭނުންވުމަކީ ތަބީއީ ކަމެކެވެ. އެކަމަކު ވެސް އެ އެންމެނަށް ދެވޭ ވަރަށް އެ ސަރަހައްދުގައި ގެދޮރުގެ ފުރުސަތު ފަހި ކުރެވިފައެއް ނުވެ އެވެ. އެކި ކަހަލަ ޝަރުތުތައް ކުރިމަތިކުރާ ސަބަބަކީ މިއީ އެވެ. އެކަން ހައްލުކުރުމަކީ ސަރުކާރުގެ ޒިންމާ އެކެވެ. ބޭނުމާ އެއްވަރަށް ގެދޮރުގެ ފުރުސަތު ފަހި ކޮށް ދޭން ޖެހެ އެވެ. ގެދޮރާ ބެހޭ ހަރުދަނާ އުސޫލުތަކަކާ ގާނޫނުތަކެއް އޮންނަން ޖެހެ އެވެ. އެ އުސޫލުތަކުގެ ތެރެއަށް "ނަސްލީ އިމްތިޔާޒު" ވައްދައިގެން ނުވާނެ އެވެ. ދިވެއްސަކަށް ވުމުން ރާއްޖޭގެ ރަށްވެސަކަށް ވާން ފުދެން ޖެހޭނެ އެވެ.