ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ނިންދަވަން ބާއްވާފައި ކޮރަޕްޝަން މެކުހަށް ޖަހާފައިވާ ކަމަށް މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ކުރީގެ އިކޮނޮމިކް މިނިސްޓަރު ސައީދު މިހެން ވިދާޅުވީ ޓާޓާ ކުންފުންޏަށް ބަދަލުގެ ގޮތުގައި ދެ ބިމާއި ފަޅުރަށް ދޭން ބޯހިޔާވަހިކަމުގެ މަޝްރޫއެއް ކުރިއަށް ގެންދަން 2010 ގައި އިންޑިއާގެ ޓާޓާ ކުންފުންޏާ އެކު ސަރުކާރުން ވެފައިވާ އެއްބަސްވުން އުވާލުމުން، ޓާޓާ ކުންފުންޏަށް ބަދަލުގެ ގޮތުގައި ދެ ބިމާއި ފަޅުރަށް ދޭން ސަރުކާރުން ނިންމުމާ ގުޅިގެންނެވެ.
މިކަމާ ގުޅިގެން ޕީއެންސީގެ ނައިބު ރައީސް ސައީދު ނުރުހުން ފާޅު ކުރައްވާ ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވަނީ 12 އަހަރު ވީއިރު، ކޮންޓްރެކްޓް ތަންފީޒް ނުކުރީ ވެސް އެމްޑީޕީން ކަމަށާއި އެ ކޮންޓްރެކްޓް ހެދީވެސް އެމްޑީޕީން ކަމަށެވެ.
ޓާޓާ ކުންފުންޏާއެކު 2010 ވަނަ އަހަރު ކޮންޓްރެކްޓް ހަދާފައިވަނީ ރައީސް ނަޝީދުގެ ސަރުކާރުން ކަމަށްވެސް ސައީދު ވިދާޅުވި އެވެ.
"އޭސީސީ ކައްވަޅުގައި ނިންދަވާފައި، ޒީރޯ ޓޮލޮރެންސް މެކުހަށް ޖެހާފަ މިހިރީ. 12 އަހަރުގެ ކޮންޓްރެކްޓް ތަންފީޒް ނުކުރީވެސް ޓާޓާ އިން. ޓާޓާ އަށް މޮޅު ކޮންޓްރެކްޓެއް ހެދީވެސް އެމްޑީޕީ. އާބިޓްރޭޝަން އެއީ އިންޑިއާ ކަމުގައި ނިންމީވެސް އެމްޑީޕީ. އިނާމު މިލިޔަނުން. ރައްޔިތުން އަތްދޮންނަން ކިއުގައި. ތާހިރެއްނު،" ސައީދު ވިދާޅުވި އެވެ.
އެމްޑީޕީން ވަނީ ދައުރުން ބޭރުން ޖަލްސާއެއް ބާއްވާ، މަގާމުގެ މަސްއޫލިއްތު އަދާ ނުކުރެވޭ ކަމަށްބުނެ، މިދިޔަ އަހަރު ފަހުކޮޅު އޭސީސީގެ ހުރިހާ މެންބަރުން މަޖިލިސް މެދުވެރިކޮށް ވަކި ކުރަން ހުށަހަޅާފަ އެވެ. އެއާއެކު، އޭސީސީގެ ހުރިހާ މެންބަރުންވަނީ އިސްތިއުފާ ދީފަ އެވެ.
ޓާޓާއާއެކު އެންމެ ފުރަތަމަ ވީ އެއްބަސްވުންވެސް އެކަލަވާލާފައި ވަނީ އެ ކުންފުންޏަށް ބޮޑެތި އިނާޔަތްތައް ލިބޭ ގޮތަށެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި ޓާޓާ ކުންފުނި މެދުވެރިކޮށް 500 ފްލެޓް އެޅުމަށް ސަރުކާރުން އެއްބަސްވި އިރު ގާތްގަނޑަކަށް 12 އަހަރު ވެގެންދިޔަ އިރު އެޅުނީ 288 ފްލެޓެވެ.
އެކަމަކު ތަކުރާރުކޮށް މުއްދަތުތައް ދީގެން ވެސް އެއްބަސްވި ގޮތަށް ފްލެޓްތައް ނޭޅުމުން ކުރީގެ ވެރިކަމުގައި އެ އެއްބަސްވުންތައް އުވާލުމުން ޓާޓާއިން މުމްބާއީގެ އާބިޓްރޭޝަން ސެންޓަރަށް ޓާޓާ އިން ހުށަހެޅީ ތިން ބިލިއަން ރުފިޔާގެ ބަދަލެއް ނަގައި ދިނުމަށެވެ.
އެގޮތުން ސެޓަލްމެންޓެއްގެ ދަށުން ޓާޓާއަށް ބިންތައް ދޭގޮތަށް މި ސަރުކާރުން ސެޓަލަމަންޓު އެއްބަސްވުމެއް ހެދީ ޓާޓާއިން ސަރުކާރާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލަ އަނބުރާ ނަގާނެ ކަމުގެ ޔަގީންކަން ދިނުމުން ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެ އެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައި ހެދި އެއްބަސްވުމުގެ ދަށުން މި މައްސަލާގައި އާބިޓަރޭޝަން ހިންގުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ބޮމްބޭގެ ހައި ކޯޓުގައެވެ.