ވޮޝިންޓަން (24 ޖެނުއަރީ) - ރަޝިއާގެ ހަމަލާއެއް ޔޫކްރެއިންއަށް ކުރިމަތިވެދާނެ ކަމުގެ ބިރު ބޮޑުވުމާއެކު ޔޫކްރެއިންގައި ތިބި އެމެރިކާގެ ޑިޕްލޮމެޓުންނާއި އެމީހުންގެ އާއިލާތައް އެގައުމުން ފޭބުމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން އަންގައިފި އެވެ.

ޔޫކްރެއިންއާއި ރަޝިއާގެ މަޝްރަހު އިހުނަށްވުރެ ވެސް ހޫނުވެފައިވާއިރު ރަޝިއާގެ ރައީސް ވްލަމިދިރް ޕުޓިން ދަނީ ޔޫކްރެއިންއަށް ހަމަލާ ދިނުމަށް ތައްޔާރު ވަމުން ކަމަށް އިންޓެލިޖެންސް ރިޕޯޓުތައް ބުނެ އެވެ. ނަމަވެސް ޕުޓިން ވަނީ މި ތުހުމަތުތައް ދޮގު ކޮށްފަ އެވެ.

"ޔޫކްރެއިންގައި ތިބި އެމެރިކާގެ ޑިޕްލޮމެޓުން އަމިއްލައަށް އިސްނަގައިގެން އާއިލާއާއެކު އެގައުމުން ފޭބުމުގެ ހުއްދަ މިއަދުން ފެށިގެން ސްޓޭޓް ޑިޕާޓްމަންޓުން ވަނީ ދީފައި،" އިއްޔެ ނެރުނު ބަޔާނެއްގައި ސްޓޭޓް ޑިޕާޓްމަންޓުން ބުނެފައިވެ އެވެ.

މި ބަޔާނަށްފަހު އެ ޑިޕާޓްމަންޓުގެ އޮފިޝަލަކު ވަނީ ޔޫކްރެއިންގައި ތިބި އެމެރިކާގެ އާއްމު ރައްޔިތުން ވެސް ވީ އެންމެ އަވަހަކަށް އެގައުމު ދޫކޮށް ދާން އިންޒާރު ދީފަ އެވެ.

"ރަޝިއާގެ ހަަމަލާއެއް ކުރިމަތިވެއްޖެ ނަމަ ޔޫކްރެއިންގައި ތިބި އެމެރިކާގެ ރައްޔިތުންނަށް އެމްބަސީގެ ހިދުމަތްތައް ދިނުމަކީ އުނދަގޫ ކަމަކަށް ވާނެ،" އޭނާ ވިދާޅުވި އެވެ.

ނަން ހާމަނުކޮށް ވާހަކަ ދެއްކި އެ އޮފިޝަލު އިތުރަށް ވިދާޅުވީ އެފަދަ ހާލަތެއްގައި އެމްބަސީގެ އެހީތެރިކަން ރައްޔިތުންނަށް ނުލިބިދާނެ ކަމަށާއި އެހެން ކަމުން ރައްކާތެރިވެ ތިބުން ބުއްދިވެރި ކަަށެވެ.

އެމެރިކާއާއި ނޭޓޯ ގުޅިގެން ރަޝިއާއާއެކު ކުރިއަށް ގެންދާ ޑިޕްލޮމެޓިކް މަޝްވަރާތައް ކާމިޔާބު ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވަމުން އޭނާ ވިދާޅުވީ ކަން އެހެން އޮތް ނަމަވެސް ޕުޓިންގެ ވިސްނުންފުޅު ހުރި ގޮތެއް އެއްވެސް މީހަކަށް ނޭނގޭ ކަމަށެވެ. -- އަލް އަރަބިއްޔާ