ކޮރަޕްޝަން ހުރި މިންގަނޑު ދެނެގަތުމަށް ބަލާ އިންޑެކްސް އިން މިދިޔަ އަހަރު ރާއްޖެ ދިހަ ދަރަޖަ ދަށަށް ވެއްޓިއްޖެ އެވެ.

ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް (ސީޕީއައި) އަކީ 180 ގައުމުގައި ސަރުކާރުތައް ހިންގުމުގައި ކޮރަޕްޝަން އަށަގަނެފައިވާ ކަމަށް ގަބޫލުކުރެވޭ ވަރު ބެލުމަށް ހަދާފައިވާ ސާވޭތަކާއި ފަންނީ މާހިރުންގެ ހޯދުންތަކުގެ އަލީގައި ޕޮއިންޓް ދޭ އިންޑެކްސް އެކެވެ.

މީގެ ކުރިން 2020 ވަނަ އަހަރުގެ ސީޕީއައި އިން ރާއްޖެ އަށް ލިބުނީ 43 ޕޮއިންޓެވެ. އެއީ ގައުމުތަކުގެ ތެރެއިން 75 ވަނަ އެވެ. އޭގެ ފަހުން 2021 ވަނަ އަހަރު ރާއްޖެ އޮތީ 40 ޕޮއިންޓާއެކު 85 ވަނައަށް ވެއްޓިފަ އެވެ.

އިންޑެކްސްއިން ދައްކާ ގޮތުގައި ދިވެހިރާއްޖެ އަދިވެސް ހިމެނެނީ 50 ޕޮއިންޓްއިން ދަށުން ސްކޯ ކުރާ ތިންބައި ކުޅަ ދެބައި ގައުމުތަކުގެ ތެރޭގަ އެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނީ މިކަމުން ހޭދަކޮށްދެނީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމަށް ހަދާފައިވާ ގާނޫނުތަކަށް އަމަލުކުރުމާއި ތަންފީޒު ކުރުމުގައި އަދިވެސް ފަހަތު ފަޔަށް ބުރަވާކަން ކަމަށެވެ.

ރާއްޖޭގެ ކޮރަޕްޝަންގެ ހާލަތު ގޯސްވަމުންދާކަން ބައިނަލް އަގުވާމީ މިންގަނޑުތަކުން ފާހަގަކުރިއިރު ރައީސް ސޯލިހު ވެރިކަމާއި ހަވާލުވީ "ޒީރޯ ޓްލެރެންސް ޓު ކޮރަޕްޝަން" ސިޔާސާތާއެކު އެވެ. އެހެން ނަމަވެސް އެސިޔާސަތު މިސަރުކާރަށް ތަންފީޒު ނުކުރެވޭ ކަމަށް ގިނަ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. އަދި މިސަރުކާރުގެ ތެރޭގައިވެސް ކޮރަޕްޝަން އިންތިހާއަށް އޮތް ކަމަށް ގިނަ ފަރާތްތަކުން ތުހުމަތު ކުރެ އެވެ.

ކޮރަޕްޝަންގެ މައްސަލަތައް ފަސޭހައިން ރިޕޯޓް ކުރުމަށް ރައީސް އޮފީހުގެ ވެބްސައިޓުގައި ހާއްސަ އޮންލައިން ޕޯޓަލެއްވެސް ގާއިމުކޮށްފައިވެ އެވެ. ނަމަވެސް ކޮރަޕްޝަންގެ އަމަލުތައް މި ސަރުކާރުގެ ކެބިނެޓުގެ ތެރެއިން އަދި މަޖިލީހުގެ އިތުރުން ސަރުކާރުގެ އިދާރާތަކުން ފެންނަ މިންވަރު މަދު ނުވާކަމުގެ ޝަކުވާތައް ބޮޑުވެފައިވަނިކޮށް އެމްޑީޕީގެ ބޮޑު މެޖޯރިޓީ އޮންނަ މަޖިލީހުން ނިންމި ނިންމުމާއި ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން ވެސް މިއަދު ވުޖޫދުގައި ނެތެވެ.

ޓްރާންސްޕޭރެންސީ މިއަދު ވަނީ ކޮރަޕްޝަން މަދުކޮށް ރައްޔިތުންގެ އިތުބާރު ހޯދުމަށް ސަރުކާރަށް ގޮވާލައްވާފަ އެވެ.

ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ވަނީ ރައްޔިތުންގެ މަޖިލީހުން ވީ އެންމެ އަވަސް ގޮތެއްގައި އާ މެންބަރުން ކޮމިޝަނަށް އައްޔަންކޮށް އޭސީސީގެ ޕަފޯމަންސް އޮޑިޓްގައި ފާހަގަ ކޮށްފައިވާ ކަންކަމަށް ފުރިހަމަށްވެސް ގޮވާލާފަ އެވެ.