ޕާކިސްތާނާއި އިންޑިއާ އާ ދެ ގައުމުގެ ދެމެދުގައި ހިނގާ ހަމަނުޖެހުމުގެ ވާހަކަތަކަކީ އާ ވާހަކަތަކެއް ނޫނެވެ.

މީގެ ގިނަ އަހަރުތަކެއް ކުރިން 1999 ވަނަ އަހަރު އެ ދެ ގައުމުގެ މެދުގައި ހަމަނުޖެހުންތަކެއް ހިނގައި ހަނގުރާމަކުރަމުން ދިޔަ އެވެ.

އެ އަހަރުގެ މެއި މަހުން ފެށިގެން ޖުލައި މަހާއި ހަމައަށް ހިނގި މި ހަނގުރާމައަށް ކިޔަނީ "ކާގިލް ވޯ" އެވެ. އެ ހަނގުރާމައިގެ ވާހަކަ ދައްކާނަމަ އިންޑިއާގެ ފިލްމީ ފަންނާނެއް ކަމަށްވާ ރަވީނާ ޓަންޑޯންގެ ވާހަކަ އަބަދުވެސް އާދެ އެވެ.

އޭރު ޕާކިސްތާނުގެ ބޮޑުވަޒީރަކަށް ހުންނެވި ނަވާޒް ޝަރީފަކީ ރަވީނާގެ ބޮޑު ސަޕޯޓަރެކެވެ. އަދި މިކަމާ ގުޅުވައިގެން ޖޯކު ޖެހުމަށް، އިންޑިއާގެ އަސްކަރީ ސިފައިން ޕާކިސްތާނަށް ފޮނުވި މިސައިލުތައް ފޮނުވާފައި ވަނީ ރަވީނާގެ ފަރާތުން ނަވާޒް ޝަރީފަށް ކަމަށް ޖަހާފަ އެވެ.

ފެހި ކުލައިގައި މިފަދައިން ޖަހާފައިވާ މި ސައިލުތަކުގެ ފޮޓޯތައް ދޭތެރެއިން ސޯޝަލް މީޑިއާގައި ވެސް ފެތުރެ އެވެ.

ދާދި ފަހުން އިންޑިއާގެ ނޫސްތަކަށް ދިން އިންޓަވިއުއެއްގައި މިކަމާ ގުޅިގެން ސުވާލު ކުރުމުން ރަވީނާ ވަނީ އޭނާގެ ހިޔާލު ފާޅުކޮށްފަ އެވެ.

އެގޮތުން ކޮންމެ މައްސަލައެއް ވެސް ހިތްތިރިކަމާއެކު، މަޝްވަރާކޮށްގެން ރަނގަޅުކުރުމަށް މަސައްކަތް ކުރަންވާނެ ކަމަށް ރަވީނާ ވަނީ ބުނެފަ އެވެ. އަދި ހަނގުރާމަ ކުރާއިރު ލޭ އޮހޮރެނީ ހަމައެކަނި އެއްބަޔަކު ނޫންކަން ހަނދާން ކުރަންވާނެ ކަމަށާއި، މަޔަކަށް ދަރިންނާއި ލޯބިވާ މީހުން ގެއްލުމަކީ އެއްވެސް މީހަކަށް ހިތްހަމަޖެހުން ލިބޭނެ ކަމެއް ނޫން ކަމަށް ރަވީނާ ވަނީ ބުނެފަ އެވެ.

ރަވީނާ އިތުރަށް ބުނީ ގައުމުގެ ދިފާއުގައި ނިކުންނަށް ޖެހޭ ދުވަހު އޭނާ ވެސް ނިކުންނާނެ ކަމަށެވެ. އަދި ގައުމަށްޓަކައި ޝަހީދުވާން ތައްޔާރަށް ހުރި ކަމަށް ވެސް ރަވީނާ ބުނެފައިވެ އެވެ.