އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ވޯޓު ގުނުން ކުރިއަށް ދާއިރު ބައެއް ސޯޝަލް މީޑިއާ ކެމްޕެއިން ތަކުން އެރިޒޯނާގެ ވޯޓު ކަރުދާސްތައް ބާތިލް ވަނީ ބޭނުންކުރި ގަލަމުގެ ސަބަބުން ކަމަށް ތުހުމަތު ކޮށްފި އެވެ.

މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ބުނެފައިވަނީ އެރިޒޯނާގެ މެރިކޮޕާ ކައުންޓީގައި ވޯޓުލާން ދިޔަ މީހުންގެ އަތަށް ދީފައިވަނީ ޝާޕީ މާކަރުތަކެކެވެ. އޭގެ ސަބަބުން ބައެއް ވޯޓު ކަރުދާސްތައް ބާތިލްކޮށް، ހާއްސަކޮށް ޑޮނާލްޑް ޓްރަމްޕަށް ލިބޭ ވޯޓު މަދުވެގެން ގޮސްފައިވާ ކަމަށެވެ.

އެރިޒޯނާގެ އިލެކްޝަން އޮފިޝަލުން ވިދާޅުވި ގޮތުގައި ޝާޕީ ގަލަމަކުން ވޯޓު ލިޔަސް، ޓެބިއުލޭޝަން މެޝިންތަކުން އެ ވޯޓު ކަރުދާސްތައް ވެސް ރިކޯޑު ކުރާނެ ކަމަށެވެ. އަދި ވޯޓު ކަރުދާހުގައި އެއްވެސް މައްސަލައެއް އޮތް ނަމަވެސް އެ ވޯޓު ކެންސަލް ނުވާނެ ގޮތުގެ ޕްރޮސެސްއެއް އޮވެ އެވެ.

އެރިޒޯނާ ސްޓޭޓުން ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޯ ބައިޑެން ކުރި ހޯއްދެވުމާއި އެކު ޓްރަމްޕްގެ ސަޕޯޓަރުން ވަނީ އޭގެ ޒިންމާ ޝާޕީ ގަލަންތަކުގެ ބޮލުގައި އަޅުވާފަ އެވެ.