ބާރު ސްޕީޑްގައި މާލެއިން ހުޅުމާލެއަށް ދިޔަ ކާރެއް އެކްސިޑެންޓްވެ، ބޮޑެތި ގެއްލުންތަކެއްވެއްޖެ އެވެ.

ފުލުހުން ބުނީ މާލެ އިން ހުޅުމާލެއަށް ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް ޖެހިފައިވަނީ ހައިވޭ ފެންސްގައި ކަަމަށެވެ. އަދި މި އެކްސިޑެންޓް ހިނގިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިރޭގެ 9 :40 ހާއިރު ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މި އެކްސިޑެންޓްގައި ކާރުގައި ތިބި ދެ މީހަކަށް ވަނީ އެކިވަރުގެ ޒަހަމްތައް ލިބިފަ އެވެ. މި ހާދިސާގައި އަނިޔާވެފައިވަނީ އަންހެނަކާއި ފިރިހެނަކަށް ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން އިތުރަށް ބުނީ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުންނަށް ވެސް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ. އަދި އެކްސިޑެންޓާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން ގެންދާނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

މި އެކްސިޑެންޓުގައި ކާރަށް ވެސް ބޮޑެތި ގެއްލުންތަކެއް ވެފައިވެ އެވެ. އެގޮތުން ކާރުގެ ކުރީކޮޅު ވަރަށް ބޮޑަށް ބަނޑިވެފައިވާއިރު، ފެންސުގެ ބޮޑު ބައެއް ވެސް ބަނޑިވެފައިވެ އެވެ.