މާލެއިން ގިނަ އަދަދެއްގެ ބަނގުރަލާއެކު ހައްޔަރުކުރި ސިފައިންގެ މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓުން ރޭ ހިންގި އޮޕަރޭޝަނުގައި ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކެއް އަތުލައިގެންފައިވާއިރު، މި އޮޕަރޭޝަންގައި ފުލުހުން ވަނީ ދެ މީހަކު ހައްޔަރުކޮށްފަ އެވެ. ފުލުހުން ބަނގުރާ ފުޅިތައް ހޯދީ ޖަނަވަރީ މަގުގައި ހުންނަ ގެއަކުންނެވެ.

ހައްޔަރުކުރި މީހުންގެ ތެރޭގައި ސިފައިންގެ މީހަކު ހިމެނޭއިރު، އޭނާ ހައްޔަރުކުރިކަން މިހާތަނަށް ރަސްމީކޮށް ކަށަވަރުކޮށްދީ، ނުވަތަ އޭނާއާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

އެ މައްސަލައިގައި ގޮތެއް ނިންމުމަށް އެދެމީހުން ކޯޓަށް ހާޒިރުކުރުމުން ކްރިމިނަލް ކޯޓުން ވަނީ ސިފައިންގެ މީހާގެ ބަންދަށް 10 ދުވަސް ޖަހާފަ އެވެ. އަދި އަނެއް މީހާއަށް ޖެހޭ ފަސް ދުވަހެވެ.

މި މައްސަލައިގައި ފުލުހުން ހޯދާފައިވާ ބަނގުރާ ފުޅިތަކުގެ އަދަދެއް ވެސް ފުލުހުން އަދި ހާމަކޮށްފައެއް ނުވެ އެވެ. އެހެން ނަމަވެސް ހައްޔަރުކުރި ދެމީހުންނާއި ގުޅޭ ގެއަކުން ބަނގުރާ ފުޅި ހުރި 11 ފޮށިގަނޑެއް، ޕިކަޕަކަށް އެރުވި ކަމަށްވެ އެވެ.