ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދަ ދިނުމުގައި ޖާމިނުވި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) 15 ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
އަޑު ބަރޭގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް ކުރިތާ ގިނަ އިރުތަކެއްނުވެ އޭނާ ވަނީ ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުން ވަކިކޮށްފަ އެވެ.
ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި އަޑުބަރޭގެ މައްޗަށް އެ ހުކުމް އިއްވީ އޭނާގެ އައިރު ހާޒިރުގަ އެވެ. މިއަދުގެ އަޑުއެހުމަށް އޭނާ ކްރިމިނަލް ކޯޓަށް ހާޒިރު ވެފައެއްނުވެ އެވެ.
އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ ހަތް މައްސަލައެއް ކްރިމިނަލް ކޯޓަށް ވައްދާފައި ވަނިކޮށް އެ ކޯޓުގެ ގާޒީ ހަސަން ސައީދު ވަނީ އަލީ ވަހީދު ޕާސްޕޯޓު ހަތަރު މަހަށް ދޫކޮށްލައި ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމަށް ހުއްދަ ދީފަ އެވެ. އަދި މިގޮތަށް ހުއްދަ ދީފައިވަނީ އަޑުބަރޭ ޖާމިނުވާ ގޮތަށް އެއްބަސްވުމެއް ހަދާފަ އެވެ. އަލީ ވަހީދު ހަތަރު މަހަށް ރާއްޖެން ބޭރަށް ދާން ހުއްދަ ދިން ނަމަވެސް އޭނާ ފުރި ފަހުން މިހާރު ހަ މަހަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.