މިދިޔަ އަހަރު ރާއްޖޭގެ 180 ރަށެއްގައި އިސްލާމްދީނުގެ ސައްހަ މަޢުލޫމާތު ދިނުމާއި، އިސްލާމްދީނުގެ ރިވެތި އުސޫލުތަކަށް ހޭލުންތެރިކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވުނު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސާލިހު މިހެން ވިދާޅުވީ ރިޔާސީ ބަޔާން އިއްވުމަށް މިއަދު މަޖިލީހުގައި ބޭއްވި ޖަލްސާގަ އެވެ.

ރައީސް ވިދާޅުވީ މިދިޔަ އަހަރު ސަރުކާރުން އެންމެ އިސްކަން ދިން ސިޔާސަތަކީވެސް ، މާތްވެގެންވާ އިސްލާމްދީނުގެ ސައްހަ މަޢުލޫމާތު ދިވެހިންގެ ހިތްތަކުގާ އަށަގެންނެވުމާ ، އިސްލާމީ ރިވެތި އަދަބު އަހްލާހުގެ މަތީގާ ދަރިން ތަރުބިއްޔަތުކޮށް ބޮޑެތިކުރުން ކަމަށެވެ. މިގޮތުން .ދީނުގެ ނަމުގައާ ދީނާ ދެކޮޅަށް، ހަރުކަށި ފިކުރު ފަތުރާ، މީހުންގެ ފުރާނައާ މުދަލަށް ގެއްލުންދޭ މީހުންނަށް، އިސްލާމްދީނުގެ ސައްހަ އަގީދާ ހާމަކޮށްދިނުމުގައި ދީނީ ޢިލްމުވެރިންގެ އެހީގާ މިއަހަރު "ނޭޝަނަލް މޮޑެރޭޝަން ކެމްޕޭން" ކުރިއަށް ގެންދެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި ރައީސް. ދިވެހި ގައުމިއްޔަތު ބިނާވެ، ދިރި ދެމިއޮންނަންޖެހޭ ބަހާތަކުގެ މައްޗަށް ތާއަބަދުމެ ސަރުކާރު މިއޮތީ ސަމާލުވެ ހޭލާ. މާތްވެގެންވާ އިސްލާމްދީނާ ދިވެހިރާއްޖޭގެ މިނިވަންކަމާ ސިޔާދަތާ އިސްތިގުލާލަށް ބުރުލެއް އަދި ގުޑުމެއް އައުމަށް ސަރުކާރުން ކުޑަވެސް ފުރުސަތެއް ނުދޭނެ. ދިވެހިންގެ އަމާން ސުލްހަވެރި ދިރިއުޅުމުގެ މައްޗަށް ނާމާންކަމާ ހަތުރުވެރިކަމާ އަދާވާތްތެރިކަމަކަށް ވެރިވެއެއް ނުގަނެވޭނެ. އިސްލާމީ ތަރިކައާ ދީނުގެ ސައްހަ ޢަގީދާގެ ބިންގަލަކީ ފުރިހަމަ ދިވެހި ޖީލެއް ބިނާވުމުގެ އަސްލު،" ރައީސް ވިދާޅުވި އެވެ.

އިމާމުންނާ މުދިމުންނަށް އިސްލާމީ ތައުލީމުގެ ރޮނގުން ޑިގްރީ ހޯދާދިނުމަށް 290 މީހުން ދަނީ ތަޢުލީމީ މަރުހަލާ ފުރިހަމަ ކުރަމުން ކަމަށާއި ގުރުއާން މުދައްރިސުން ބިނާކުރުމަށް މިދިޔަ އަހަރު 1،599 މީހުން ވަނީ ތަމްރީނުކޮށްނިމިފައި ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ހައްޖާ އުމްރާ އާއި ވަގްފުގެ ކަންކަމާ އަދި ޒަކާތާ ބެހޭ ގާނޫނުތައް އެކުލަވާލާ މިއަހަރުގެ ތެރޭގާ މަޖިލީހަށް ފޮނުވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގާ ޒަމާނީ ފަރުމާގެ އާ މިސްކިތްތަށް ބިނާ ކުރުން ހުއްޓުމެއްނެތި ކުރިއަށް ދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.