ހއ. ފިއްލަދޫ ސްކޫލްގައި ޕްރިންސިޕަލަކު ނެތުމުން ސްކޫލްގައި ކިޔަވާ ދަރިވަރުންގެ ބެލެނިވެރިން ނިކުމެ މުޒާހަރާކޮށްފި އެވެ.

ދަރިވަރުންގެ ބެލެނިވެރިން މިއަދު ނިކުމެ ސްކޫލްގައި މުޒާހަރާކޮށްފައިވާއިރު، އެމީހުން އަޑު އުފުލީ ޕްރިންސިޕަލަކު ލިބޭނީ ކޮން ދުވަހަކުންތޯ ސުވާލު ކުރަމުންނެވެ. އަދި ސްކޫލަށް ޕްރިންސިޕަލެއް ލިބޭނީ ކޮންއިރަކުންތޯ އެހުމުން، އަވަސް މުއްދަތެއްގެ ތެރޭގައި ޕްރިންސިޕަލެއް ލިބޭނެކަމަށް ބުނާ ކަމަށް މީޑިއާތަކަށް ބެލެނިވެރިން ބުނެފައިވެ އެވެ.

ބެލެނިވެރިން ބުނީ، ސްކޫލްގައި ޕްރިންސިޕަލެއް ނެތުމުން، ދަރިވަރުންގެ ތައުލީމީ ފެންވަރަށް ނޭދެވޭ އަސަރު ކުރުވައި، ބޮޑެތި ބަދަލުތަކެއް އަންނަ ކަަމަށެވެ. އަދި ޕްރިންސިޕަލެއް ނެތިވެސް ކިޔަވުން ކުރިއަށް ގެންދެވިދާނެ ކަމަށާއި، އެހެންނަމަވެސް އެރަށުގެ ކަންކަން ދޯދިޔާކޮށް، ނިންމާކަށް ބެލެނިވެރިން އެއްބަސް ނުވާކަމަށް ބެލެނިވެރިން ބުނެފައިވެ އެވެ.

މި މައްސަލަ ހައްލުކޮށްދީ ސްކޫލަށް ޕްރިންސިޕަލެއް ގެނެސްދިނުމަށް ރަށު ކައުންސިލްގެ ނައިބު ރައީސާގެ އަރިހަށްވެސް އެދިފައިވާތާ ގިނަ ދުވަސް ވެއްޖެކަމަށްވެސް އިތުރު ބެލެނިވެރިއަކު މީޑިއާތަކަށް މައުލޫމާތުދެމުން ބުނެފައިވެ އެވެ. އެހެންނަމަވެސް މިހާތަނަށް މައްސަލަ ހައްލުނުވާކަމަށާއި، އެކަމުންވެސް އަލިމަގެއް ފެންނާނެ ކަމަށް އުންމީދު ނުކުރެވޭ ކަމަށް ބެލެނިވެރިޔާ ބުންޏެވެ.

މިއަދު ހެނދުނު ދަރިވަރުން ސްކޫލަށް ނުގެންގޮސް، ސްކޫލް ބަންދުކުރުމަށްފަހު ސްކޫލް ކުރިމަތީގައި ބެލެނިވެރިން މުޒާހަރާކޮށްފައިވާއިރު، ހއ.ދިއްދޫން ފުލުހުން ފިއްލަދޫއަށް ގޮސް ވަނީ ސްކޫލް ހުޅުވާފަ އެވެ.