ހިޔާ ފްލެޓްތަކުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކުރަމުން ދިޔަ އަންހެން ސެކިއުރިޓީ އޮފިސަރަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.

ފުލުހުން ބުނީ ހުޅުމާލެ ފޭސް ދޭއްގެ ސެކިއުރިޓީ އޮފިސަރަކަށް ހަމަލާދީގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު މެންދުރު 1:35 ހާއިރު ކަމަށެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

މި ހާދިސާއާ ގުޅިގެން ހިޔާ ފްލެޓްގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ހަވާލުކޮށްފައިވާ "ވެށި ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް" އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ މި ހާދިސާ ހިނގާފައިވަނީ މަސްތުވާތަކެތި ބޭނުންކުރަންމުންދިޔަ މީހަކު ހުއްޓުވުމަށް މަސައްކަތް ކުރުމުން ކަމަށެވެ. އަދި، މިކަން ކޮށްފައިވަނީ ހިޔާގެ އެ ޓަވަރުން އާންމުކޮށް ނުފެންނަ މީހެއް ކަމަށް ސެކިއުރިޓީ އޮފިސަރު ކަމާބެހޭ ފަރާތްތަކަށް މައުލޫމާތު ދީފައިވާ ކަމަށް އެބަޔާނުގައި ވަނީ ބުނެފަ އެވެ.

ހަމަލާގައި އަނިޔާވި މުވައްޒަފަށް ވަގުތުން ވަގުތަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދީ، މުވައްޒަފުގެ ހާލު ރަގަޅު ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ. އަދި މި އަމަލު ހިންގާފައިވާ ފަރާތް ހޯދުމަށް ބޭނުންވާ މައުލޫމާތު ފުލުހުންނާއި ހިއްސާކުރެވި އަދި ފުލުހުންގެ އިދާރާއިން މިކަންދަނީ ބައްލަވަމުން ކަމަށާއި، މިފުރުސަތުގައި، އަނިޔާ ލިބިފައިވާ އަންހެން ސެކިއުރިޓީ އޮފިސަރުގެ ހިތްވަރުގަދަކަމާއި ކުޅަދާނަކަން ފާހަގަކޮށް އޭނާއަށް ވަނީ ޝުކުރު އަދާކޮށްފަ އެވެ.

އަދި ހިޔާ ސަރަހައްދުގައި ހިނގަމުންދާ ގަވާއިދާ ހިލާފު އެންމެހާ ކަންކަން ހުއްޓުވައި، ވަގުތުން ވަގުތައް ފިޔަވަޅު އެޅުމަށް ވަނީ ކަމާބެހޭ ފަރާތްތަކާއެކު އިންތިޒާމުތައް ހަމަޖެހިފައި ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ. މިފަދަ އަމަލުތައް ހުއްޓުވުގައި މެދުކެނޑުމެއްނެތި އެ ކުންފުނީގެ ހީވާގި މުވައްޒަފުން އަންނަނީ ރެއާއި ދުވާލު މަސައްކަތްކުރަމުން ކަމަށާއި، ހަމައެއާއެކު، ހިޔާސަރަހައްދުގައި ހިނގަމުންދާ މިފަދަ އަމަލުތައް ހުއްޓުވުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އާއި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަދި ހިޔާ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުން ލިބެމުން އަންނަ އެއްބާރުލުމަށް ވަނީ ޝުކުރު އަދާކޮށްފަ އެވެ.