ރޫޓު ފިހާރައިން ބޭންކް އޮފް ސިލޯނަށް ޖަމާކުރުމަށް ގެންދިޔަ ހަތަރު މިލިއަނަށްވުރެ ގިނަ ރުފިޔާ ފޭރެން އުޅުނު މައްސަލައިގައި ދައުވާ އުފުލާފައިވާ ހަތަރު މީހަކު ދައުވާއަށް އިއުތިރާފުވެއްޖެ އެވެ.

2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހު ބޭންކް އޮފް ސިލޯނަށް ފައިސާ ޖަމާކުރުމަށް ދިޔަ ރޫޓު ގެ ވެހިކަލްގައި ތިބި މުވައްޒަފުންނަށް ހަމަލާދީ، އެ ވެހިކަލްގައި ހުރި ހަތަރު މިލިއަނަށްވުރެ ގިނަ ރުފިޔާ ފޭރުނު މައްސަލާގައި އަމަލީގޮތުން ބައިވެރިވިކަމުގެ ތުހުމަތުގައި ހަތް މީހަކު ފުލުހުން ހައްޔަރުކުރި އެވެ.

މި މައްސަލައިގައި ހައްޔަރުކުރީ ލ. ގަން ތުނޑި، ކީމިޔާގެ އަބްދުﷲ ރާޝިދު، ގއ. ވިލިގިނލި، ކާނިރުމާގެ، މުހައްމަދު މުސްއަބު ޒުބައިރު، މާލެ ދަފްތަރު ނަމްބަރު ރސ 3678 ހުސެއިން އަބްދުލް މަޖީދު މާލެ ވ. ޕިންކުވިލާ އަހުމަދު އަމީރު އަދި ރ. ރަސްމާދޫ، އޯކިޑްމާގެ މުހައްމަދު އަޒްމީން އެވެ. މިމީހުންގެ މައްޗަށް ގާނޫނުލްއުގޫބާތުގެ ދަށުން ވަނީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ކޮށްފަ އެވެ.

ޕީޖީ އޮފީހުން ބުނީ އިއްޔެ ކްރިމިނަލް ކޯޓުގައި ބެއްވި އިބްތިދާއީ އަޑުއެހުމުގައި، އެ މައްސަލައިގައި ފޭރުމުގެ ދައުވާ ކުރި ހަތަރު މީހުން ދައުވާތަކަށް އިއުތިރާފުވެފައިވާ ކަމަށެވެ.

އެހެންކަމުން ޝަރީއަތުންވަނީ އެ 4 މީހުންގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައި އަވަސް ނިޔާގެ ދަށުން ޙުކުމް އިއްވުން މިމަހުގެ ވިއްސަށް ތާވަލުކޮށްފަ އެވެ.

ދައުވާއަށް އިއުތިރާފުވި މީހުން:

  1. އަބްދުﷲ ރާޝިދު - ކީމިޔާގެ، ލ. ގަން/ތުނޑި
  2. މުހައްމަދު މުސްއަބު ޒުބައިރު - ކަނީރުމާގެ، ގއ. ވިލިނގިލި
  3. ހުސައިން އަބްދުލްމަޖީދު - ދަފްތަރު ނަންބަރު ރސ. 3678
  4. އަހްމަދު އަމީރު - ވ. ޕިންކްވިލާ، މާލެ

ރޫޓް ފިހާރައިން ބޭންކަށް ޖަމާކުރުމަށް ގެންދިޔަ ފައިސާތައް ފޭރެން މަސައްކަތްކުރީ ދެ ސައިކަލެއްގައި ދިޔަ ހަތަރު މީހެކެވެ. މި މީހުން ހުއްޓުވާފައިވަނީ ބީއޯސީގެ ސެކިއުރިޓީ ގާޑާއި، ރޫޓްގެ މުވައްޒަފުންނެވެ.

ރޫޓު ފިހާރައިގެ ފައިސާ ފޭރުން ހުއްޓުވުމުން، ބޭންކް އޮފް ސިލޯނުގެ ސެކިއުރިޓީ ގާޑަށް ހަދިޔާއެއްގެ ގޮތުގަދއި 50،000ރ. ރޫޓު ފިހާރައިން ދިނެވެ. އަދި ތިން މުވައްޒަފަކަށް 10،000ރ. ވެސް ދިނެވެ.