ދިރިއުޅުމުގައި ކާމިޔާބު އަދި ބަލައި ގަންނަ ޝަހުސިއްޔަތަކަށް ވުމަށްޓަކައި ކޮންމެ މީހެއްގެ ގައިގަ ވެސް ހަރުލައްވަން ޖެހޭ ސިފަތަކެއް ހުރެ އެވެ. އެއީ ކެތްތެރިކަމާއި، ކެރުމާއި ހިތްވަރާއި ގުރުބާނީތަކުގެ އިތުރުން ތިމާގެ އަމިއްލަ ވަންތަކަމެވެ. އެގޮތުން ކުރެވޭ ނޭދެވޭ ފަސް ކަމަކުން ކޮންމެ ހެން ހަދާފައި ނަމަވެސް ދުރުވާން އެބަ ޖެހެ އެވެ.
ފުރަތަމަ ކަމަކީ ބޭކާރު ހިޔާލުތައް ކުރުން ހުއްޓާލުމެވެ. ނުވަތަ ހޭލާ ހުރެ ބަލާ ހުވަފެންތައް ބެލުން ހުއްޓާލުމެވެ. ސަބަބަކީ އެފަދައިން ބަލާ ހުވަފެނުގައި ތިމާ ސިފަކުރަމުން ގެންދާނީ ތިމާ ހާސިލުކުރަން ބޭނުންވާ ކަންކަން އެންމެ ފުރިހަމައަށް ހާސިލު ކުރާ މަންޒަރެެވެ.
އެ ހިޔާލީ ދުނިޔެއިން ހޭލެވި މަސައްކަތް ކުރަމުންދާ ހިނދު މި ބުނަނީ ކީ ކޭކަން އެނގޭނެ އެވެ. މާނައަކީ މިބުނަނީ ތިބާގެ މޯޓިވޭޝަން ގެއްލޭނެ ވާހަކަ އެވެ.
ދެވަނަ ކަމަކީ ދުވަސް ވަރުގެ ގޮތުން އަންނަ ޓްރެންޑްތަކެވެ. މިސާލަކަށް އައިފޯން 13 އަށް ބަލާލަމާ ހިނގާށެވެ؛ އަތުގައި ހުރި ހުރިހާ ފައިސާއެއް ހަރަދު ކޮށްގެން ނަމަވެސް އެފޯނު ގަންނަން މިހާރު ތިވާނީ އަތުކުރި އޮޅާލާފަ އެވެ.
ތިން ވަނަ ކަމަކީ ދެވަނަ އަށް ކުރަން އެންމެ ރަނަގަޅީ ކޮން ކަމެއް ތޯ ބެލުމެވެ. މިކަން ކުރާނަމަ ތިމާ އަށް ދާންވީ ކޮޅު އޮޅި އެއްވެސް ކަމެއް ހާސިލް ނުވެ ބޮއްސުން ލާނީ އެވެ. ނުވަތަ ތިމާއަށް ތިމާ އަތުގައި އޮތީ ކޮން އެއްޗެއް ކަމާ މެދު ސުވާލު އުފެދި އަތުގައި ހުރި އެއްޗެއް ވެސް ބީވެގެން ދާނީ އެވެ.
ހަތަރުވަނަ ކަމަކީ ތިމާ ވަށައިގެންވާ ބޭކާރު މީހުންނާ ދުރުވުމެވެ. ސަބަބަކީ އެކަހަލަ މީހުން އަބަދުވެސް ބަލާނީ ތިމާގެ ފުށުން ވާ ފައިދާއެއް އަބަދު ވެސް ހޯދޭތޯ އެވެ. ތިމާ އެ މީހުންނަށް ބޭނުން ޖެހޭ ހިނދު އެ މީހުން ތިބާ ކާރީގައެއް ނުތިބޭނެ އެވެ. އަދި މިކަހަލަ ގުޅުންތަކުގެ ސަބަބުން ތިމާ އާ އިތުރު ނުތަނަވަސް ކަމާއި ހިތްހަމަނުޖެހުމާއި ކުރިމަތިވާނީ އެވެ. ތިމާގެ ގާތުގައި ތިބެން ޖެހޭނީ ތިމާގެ އަގު ވަޒަން ކުރާ ތިމާދެކެ ލޯބިވާ މީހުންނެވެ.
ފަސް ވަނަ ކަމަކީ ތިމާގެ އަމިއްލަ މަސްލަހަތައްޓަކައި ނުވަތަ ބައެއްގެ ކުރިމަތީ ތިމާގެ އިއްޒަތް އުފުލުމައްޓަކައި ދޮގު ހެދުމެވެ . މިފަދައިން އަމަލުތައް ގިނަ ފަހަރަށް ފެންނަނީ މުޖުތަމައުން ބާކީކުރާ ކުދިންގެ ފަރާތުންނެވެ. މިއީ އާންމު ނަމުން ނަމަ ފޮނި ކެނޑުމެވެ. ނަމަވެސް ވިސްނަންވީ ކަމަކީ މިކަން ކުރަން ފަށައިފިނަމަ ތިބާއަށް ތިބާކުރަން ހިތުއަޅައިގެން ހުންނަ ކަންކަން ނުކުރެވި ގިނަ ފަހަރަށް ތިމާގެ އަގު މީހުންގެ ކުރިމަތީގައި ވެއްޓިގެން ދާނީ އެވެ.
އެގޮތަށް އަދި ނުވި ކަމުގައި ވިޔަސް އެކަނިވާ ވަގުތު ތިމާއަށް ތިމާގެ އަސްލު ސިފަ ފެނި، ދާން ބޭނުންވާ މަންޒިލަށް ނުދެވި އެކަމަށް އޮންނަ ޝައުގުވެރިކަން ވެސް ގެއްލި އެ ދޮގުގެ މަތީ ދެމިހުރެ އެހެން މީހުންގެ ކުރިމަތީ ބޭޒާރުވިޔަ ނުދީ ދެމިހުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހި ތިމާ ދެކެން ބޭނުންވާ ކަންކަން ހާސިލް ކުރަން ބޭނުންވާ ހިތްވަރު ގެއްލިގެންދެ އެވެ.
އަދިވެސް ދުރުވާޖެހޭ އެތައް އެތައް ކަމެއް އެބަހުއްޓެވެ. މިސާލަކަށް މާޒީގައި ހިނގާފައިވާ ކަންކަން މަތިން ހަނދާން ކުރުމުން ދުރުވުން ފަދަ ކަންކަން ހިމެނެ އެވެ.
ކަން މިހެން އޮއްވައި މީހަކު ތިބާ އާ ދިމާލަށް ތިބާގެ ނާކާމިޔާބީގެ އަސްލަކީ ހުދު ތިބާއޭ ބުނެފި ނަމަ ތިބާ ބުނާނީ ވަކި ކީކޭ ހެއްޔެވެ؟ ހަގީގަތަކީ ވެސް އެއީ އެވެ. ތިބާގެ ނާކާމިޔާބީގެ ސަބަބަކީ ތިބާ ތިޔަ ޖަހަމުންގެންދާ ހިސާބު ގޯސްވުމެވެ. އަމަލުކުރަމުން ތިޔަ ގެންދާ އުސުލުތައް ކޮޅެއްގައި ނުޖެހެނީ އެވެ.
މަތީގައި އެވާ ފަސް ކަމަށް ސަމާލުކަން ދީފި ނަމަވެސް ނަތީޖާ ފެނުން ވަރަށް ގާތެވެ.