އަކުނިވަޔަށް ދެމުމަކީ ކުއްލިއަކަށް ދިމާވާ، ވަރަށް ވޭންދެނިވި ތަަދެކެވެ. ހަށިގަނޑުގެ މަސްތައް ކުއްލިއަކަށް ކޮންޓްރެކްޓް ވުމުން ދިމާވާ އެ މައްސަލައަކީ އާއްމުކޮށް ފައިގެ މަސްތަކަށް ދިމާވާ މައްސަލައެކެވެ. ނަމަވެސް، އެއީ ބަނޑުގެ މަސްތަކަށް ވެސް ބައެއް ފަހަރު އަރާ ތަދެކެވެ.

އަކުނިވަޔަށް ދަމަނީ ކީއްވެ؟

  • ހަށިގަނޑުގެ މަސްތައް ބޭނުން ނުކޮށް މާގިނަ އިރުވުން، މިސާލަކަށް އެއްތަނެއްގައި މާގިނަ އިރު ވަންދެން އިށީނދެ ހުރުމުން
  • ކަސްރަތު ކުރުމަށް ހަށިގަނޑު ތައްޔާރުނުކޮށް (ވާމްއަޕް) ނުހަދައި ކަސްރަތު ކުރުން
  • ހަށިގަނޑުގެ މަސްތައް ވަރުބަލިވާ ވަރަށް ބޭނުން ކުރުން
  • ހަށިގަނޑުން ފެނާއި ލޮނު މަދުވުން

އަކުނިވަޔަށް ދެމުމުން އަމަލު ކުރާނީ ކިހިނެއް؟

  • އަކުނިވަޔަށް ދަމާ މަސްތައް ދަމާލާށެވެ. ފައި އަކުނިވަޔަށް ދަމާނަމަ ފައި ދަމާލައިގެން އިށީނދެ ހަށިގަނޑާ ދިމާލަށް ފައިގެ އިނގިލިތައް ދަމާލާށެވެ. ފައިތިލަ އަކުނިވަޔަށް ދަމާ ނަމަ ހިނގާލާށެވެ.
  • އަކުނިވަޔަށް ދެމި މަސްތައް މަސާޖުކޮށްލާށެވެ.
  • ބަނޑުގެ މަސްތަކަށް އެފަދަ ތަދެއް އަރާ ނަމަ ހޫނު ފެނުން ބޮޑިތާން ކުރާށެވެ.
  • އަކުނިވަޔަށް ދެމުމަށް ފަހުވެސް ތަދު ހުންނަ ނަމަ ޕެރެސެޓްމޯލް ގުޅައެއް ކާލާށެވެ.
  • ގިނަގިނައިން އަކުނިވަޔަށް ދަމާ ނަމަ އަދި އަކުނިވަޔަށް ދެމުމަށް ފަހު މާގިނަ އިރު ވަންދެން ތަދުވާ ނަމަ ޑޮކްޓަރަކަށް ދައްކާށެވެ.

އަކުނިވަޔަށް ދެމުން ހުއްޓުވާނީ ކިހިނެއް؟

  • ކަސްރަތު ކުރުމުގެ ކުރިން ވާމްއަޕްސް އަދި ނިންމާލުމަށް ފަހު ކޫލްޑައުން ކަސްރަތު ކުރުން.
  • ކަސްރަތު ކުރުމުގެ އެއްގަޑި އިރު ކުރިން ފެން ބުއިން
  • އަދި ކަސްރަތު ކުރަމުންދާ އިރު ކޮންމެ 12 މިނިޓާއި 15 މިނިޓާ ދޭތެރޭ ފެން ބުއިންޑ
  • އަދި ކެފެއިން ހުންނަ ބުއިންތަކާ ދުރުވުން
  • ކެލްސިއަމް އަދި ޕޮޓޭސިއަމް ގިނައިން ހިމެނޭ ކާނާ ކެއުމުގައި ހިމެނުން.