ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު 2021 ވަނަ އަހަރުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް އިއްޔެ ހުށަހަޅުއްވަމުން ގެންދެވިއިރު ހިތަށް އެރި އެވެ؛ އަންނަ އަހަރު ވެސް ފޫބައްދަން މިޖެހެނީ ހާދަހާ ބޮޑު ދަރަންޏެވެ. މި ދަރަނި ފޫބެއްދުމަކީ ފަސޭހަ ކަމަށްވާނެ ހެއްޔެވެ؟މިއަހަރު އެކަނި ވެސް މިވަނީ ކުރިން ލަފާކުރި އަދަދަށް ވުރެން އިތުރަށް ދިހަ ބިލިއަން ރުފިޔާގެ ދަރަންޏެއް ބޮލުގައި އެޅިފަ އެވެ. އެއާއެކު ބަޖެޓްގެ ދަރަނި ފޫބައްދަން ގާތްގަނޑަކަށް 14 ބިލިއަން ރުފިޔާ ހޯދަން ޖެހުނެވެ.
މައްސަލައެއް ނެތެވެ؛ ކޮވިޑާ ހެދި ކުރަން ޖެހުނު ޚަރަދުތައް އެތައް ގުނައެއް އިތުރުވީ އެވެ.
މިއަހަރުގެ ކުރީކޮޅު މުޅި ދުނިޔެއަށް ފެތުރުނު ކޮވިޑް ރޯގާގެ ވިލާގަނޑުގައި ޖެހި ރާއްޖޭގެ އިގްތިސާދު ވެސް މިވަނީ ވިއްސިވިހާލިވެފަ އެވެ. ރާއްޖޭގެ މައި ދޮރާށި އެތައް ދުވަހެއް ވަންދެން ބަންދުކުރަން ޖެހުމުން އިގްތިސާދުގެ އިންޖީނުގެ ހުއްޓުނުވެ. އެއާއެކު ދައުލަތަށް އާމްދަނީ ވަންނަމުން ދިޔަ ހަމައެކަނި ވަސީލަތް އެއްކޮށް ބަންދުވެގެންދިޔަ އެވެ.
ރާއްޖެއަށް ޓޫރިސްޓުން އައުން އެއްކޮށް ހުއްޓި، އެތައް ހާސް ބައެއްގެ ވަޒީފާ ގެއްލި މަގުމަތިވެ، ވިޔަފާރިތަކަށް މިއިން ދުވަހަކު ކުރިމަތިނުވާވަރުގެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުނެވެ. މިއީ މީގެ ކުރިން ބަޔަކު ހިތަށް ވެސް އެރި ކަންތައްތަކެއް ނޫނެވެ. ރާއްޖޭގެ މުޅި އިގްތިސާދު އެކޮޅުކޮޅުން ޖެހި ހަދާނެ ގޮތް މިވަނީ ހުސްވެފަ އެވެ.
މި ބޮޑު ބަލިމަޑުކަމުގެ ތެރޭގައި އަހަރެމެން ގެނބިފައި މިވާ އިގްތިސާދީ ފުންވަޅުގަނޑުން ގަތުމަށް ގިނަ ބައެއް އުއްމީދާ ގުޅިފައި ވަނީ އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓެވެ.
ފިނޭންސް މިނިސްޓަރު 2021 ވަނަ އަހަރުގެ ބަޖެޓް ހުށަހަޅުއްވަމުން ވިދާޅުވީ މި ބަޖެޓު މި ހުށަހަޅުއްވަނީ ކޮވިޑް-19 އާ އެކު ދުނިޔެ އާއި ރާއްޖޭގެ އިގްތިސާދަށް ތަދުމަޑުކަމެއް އައިސްފައިވާ ދަނޑިވަޅެއްގައި ކަމަށެވެ. އަދި މިއީ މީގެ ކުރިން ދިމާވި އެހެން އެއްވެސް އިގްތިސާދީ ތަދުމަޑުކަމަކާ ނުބައްދަލު ކާރިސާއެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"ކޮވިޑް-19ގެ ޕެންޑެމިކް އާއި އަދި އެއިން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކާއެކު ރާއްޖޭގެ އިގްތިސާދުގެ ސައިޒު، މި ހިނގާ 2020 ވަނަ އަހަރު މިވަނީ 29.3 އިންސައްތައިން ކުޑަވެފައި. މިއީ ތަހައްމަލުކޮށް، އިސާހިތަކު އަނބުރާ އަރައިގަންނަން ފަސޭހަ މިންގަނޑެއް ނޫން. އިގްތިސާދު އަލުން އާރާސްތުކޮށް ކޮޅަށް ޖެހުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަން ޖެހޭ،" އަމީރު ވިދާޅުވި އެވެ.
މިނިސްޓަރު އަމީރު ވިދާޅުވި ފަދައިން އިގްތިސާދަށް މިހާރު ދިމާވެފައި މިވަނީ ކުޑަ ގޮންޖެހުމެއް ނޫނެވެ. ރާއްޖެއަށް މިއަހަރު އަންނާނެ ކަމަށް މިހާރު ބަލަނީ 450،000 އެއްހާ ޓޫރިސްޓުންނެވެ. މިއީ ކުރިން ލަފާކުރި އަދަދުގެ ތިންބައިކުޅަ އެއްބަ އެވެ. އެހެންވެ އަންނަ އަހަރު އެ އަދަދު އޭގެ ދެގުނަ އިތުރުވާން ޖެހެ އެވެ. އެހެން ނޫނީ އަނެއްކާ ވެސް އިގްތިސާދު ކޮޅަށް ޖަހަން ނަގާ މުއްދަތު ދިގުލައިގެން ހިނގައިދާނެ އެވެ. ދައުލަތުގެ ޚަރަދުތައް ހަމަޖައްސަން ވަރަށް ބޮޑަށް ދަތިވާނެ އެވެ.
ތާރީޚުގައި ވެސް އެންމެ ދަރަނި ބޮޑު ބަޖެޓް
"2021 ވަނަ އަހަރާއި އަޅުގަނޑުމެން މި ކުރިމަތިލަނީ، އިގްތިސާދީ ތަދުމަޑުކަމެއްގެ ތެރޭގައި، ފަހުން ކަންތައްވާނެ ގޮތަކާއި ދޭތެރޭ ޔަގީންކަން ކުޑަ ދަނޑިވަޅެއްގައި ޕޮލިސީ ޓްރޭޑް-އޯފް ހުރިކަން ދެނެތިބެގެން. އިގްތިސާދީ އަދި ފިސްކަލް ސިޔާސަތުތައް ރޭވިފައިވަނީ ރާއްޖޭގެ އިންފްލޭޝަން އާއި އެކްސްޗޭންޖް ރޭޓަށް އަންނާނެ ބަދަލުތައް ދެނެތިބެ، ރަނގަޅު މިންގަނޑުތަކެއްގައި ހިފެހެއްޓުމަށް އަމާޒު ހިފައިގެން،" ފިނޭންސް މިނިސްޓަރު ބަޖެޓް ހުށަހަޅުއްވަމުން ވިދާޅުވި އެވެ.
އަމީރު ވިދާޅުވި ފަދައިން އަންނަ އަހަރު ވެސް ވާނީ އާމްދަނީގެ ގޮތުން ތަދު އަހަރަކަށެވެ. އެއާއެކު އަންނަ އަހަރުގެ ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކުރަނީ 17.8 ބިލިއަން ރުފިޔާ އެވެ. މި އަހަރަށް ހުށަހެޅި ބަޖެޓަށްވުރެ މިބަޖެޓު ކުޑަކުރި ނަމަވެސް، އާމްދަނީ ދަށްވާ މިންވަރު ބޮޑުކަމުން، ބަޖެޓުގެ ޑެފިސިޓް ބޮޑެވެ. އަންނަ އަހަރުގެ ބަޖެޓު 15.5 ބިލިއަން ރުފިޔާއިން ދަރަނިވެރިވާނެ އެވެ. އަންނަ އަހަރުގެ ބަޖެޓަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ވެސް އެއީ އެވެ.
މި ބަޖެޓް ދަރަނި ފޫބެއްދުމަކީ މުޅި ދުނިޔެ މިހާރު ވެއްޓިފައިވާ އިގްތިސާދީ ފުން ވަޅުގަނޑުގެ ތެރެއިން ފަސޭހަ ކަމަކަށް ނުވާނެ އެވެ. އެއްވެސް ގައުމެއް އޮތީ އަނެއް ބަޔަކަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލެވޭ ފަދަ ހާލަތެއްގައެއް ނޫނެވެ. އެހެންވެ މި ބަޖެޓްގެ ދަރަނި ފޫބައްދަން ޖެހޭނީ ބޭރުގެ މާލީ އިދާރާތަކުން ލޯނު ނަގައިގެންނެވެ.
އަންނަ އަހަރުގެ ބަޖެޓުން ޚަރަދު ވާނެ ކަމަށް ލަފާކޮށްފައި ވަނީ 33.3 ބިލިއަން ރުފިޔާ އެވެ. އެއާއެކު ބަޖެޓް 15.5 ބިލިއަން ރުފިޔާއިން ޑެފިސިޓް ވާނެ އެވެ. މިއީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާއިރު 23.4 އިންސައްތަ އެވެ.
މިނިސްޓަރު އަމީރު ވިދާޅުވީ މިހާ ބޮޑު ޑެފިސިޓް ބަޖެޓެއް ހިންގަން ޖެހިފައިވަނީ ރާއްޖޭގެ އިގްތިސާދު އިތުރަށް ގޯސްވިޔަ ނުދީ މި އަޑިގަނޑުން މައްޗަށް އެރޭތޯ މަސައްކަތްކުރުމަށް ކަމަށެވެ.
"ހަމައެއާއެކު މި ބަޖެޓު ތަންފީޒުކުރެވޭނެތޯ ކުރެވޭ ސުވާލުގެ ޖަވާބު އައިސް ހުއްޓެނީ ފައިނޭންސް ލިބޭނެތޯ ކުރެވޭ ސުވާލުގައި. މި ބަޖެޓާއި ފައިނޭންސިންގ ޕްލޭން އެކުލަވާލާފައިވަނީ ސަރުކާރުގެ މައިގަނޑު ސިޔާސަތުތަކާއި ފައިނޭންސިން ހޯދުމަށް މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކުގެ މައްޗަށް،" މިނިސްޓަރު ވިދާޅުވި އެވެ.
ބަޖެޓް ދަރަނި ފޫބައްދަން ސޫކޫކާއި ބޮންޑު
އަންނަ އަހަރުގެ ބަޖެޓް ދަރަނި ފޫބައްދަން ސަރުކާރު ގަސްދުކުރާ ގޮތް ވެސް ބަޖެޓާއެކު ހުށަހަޅާފައިވެ އެވެ. އެއީ ބޭރުގެ މާލީ އިދާރާތަކަށް ސުކޫކާއި ބޮންޑު އަދި އެތެރޭގެ މާކެޓަށް ޓީ ބިލް ވިއްކުމެވެ.
މިނިސްޓަރު އަމީރު ވިދާޅުވީ ބޭރުގެ މާކެޓަށް ސުކޫކާއި ބޮންޑު ވިއްކުމުގެ ބޭނުމަކީ ބޭރު ފައިސާ ވަންނަ މިންވަރު މަދުވެފައިވާތީ، މި އަޑިގަނޑުގެ ތެރޭގައި ވެސް ރާއްޖޭގެ ރަސްމީ ރިޒާވް ހިފެހެއްޓުމަށް އެހީތެރިވުމާއި، ދިވެހި ރުފިޔާގެ އަގު ހިފެހެއްޓުމަށް އެހީތެރިވުމަށް ކަމަށެވެ.
"މީގެ އިތުރުން ރާއްޖޭގެ އެތެރޭގެ މާކެޓަށް ޓްރެޝަރީ ބިލާއި ބޮންޑު ވިއްކައިގެން ނެޓް ފައިނޭންސިންގެ ގޮތުގައި 3.7 ބިލިއަން ރުފިޔާގެ ފައިސާ އިތުރަށް ހޯދުމަށް ރޭވިފައިވޭ. މިއީ ކުރީ އަހަރު ތަކުގެ ޑޮމެސްޓިކް މާކެޓުގެ ނެޓް ފައިނޭންސިންގެ ގޮތުގައި ހޯދި އަދަދަށްވުރެ ކުޑަ އަދަދެއް،" މިނިސްޓަރު ވިދާޅުވި އެވެ.
އަމީރު ވިދާޅުވި ގޮތުގައި ބަޖެޓް ދަރަނި ފޫބައްދަން އަންނަ އަހަރު 300 މިލިއަން ޑޮލަރުގެ ސުކޫކެއް ވިއްކުމަށް ވަނީ ރާވައިފަ އެވެ. މިއީ އިސްލާމިކް ކޯޕަރޭޝަން ފޮ ދަ ޑިވެލޮޕްމަންޓް އޮފް ދަ ޕްރައިވެޓް ސެކްޓަ (އައިސީޑީ) އާ ގުޅިގެން ވިއްކުމަށް ހަމަޖެހިފައިވާ ސުކޫކެކެވެ. މީގެ އިތުރުން އިނޮވެޓިވް ފައިނޭންސިންގެ ގޮތުގައި ގްރީން ބޮންޑެއް ނުވަތަ ބްލޫ ބޮންޑެއް ވިއްކުމަށް މަސައްކަތްކުރެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައިވެ އެވެ. މި ބޮންޑުން ވިއްކަނީ 100 މިލިއަން ޑޮލަރު ހޯދުމަށް ކަމަށް އަމީރު ވިދާޅުވެފައިވެ އެވެ.
އޭގެ އިތުރުން އެހީދޭ ގައުމުތަކުންނާއި ބައިނަލްއަގުވާމީ ޖަމިއްޔާތައް މެދުވެރިކޮށް 150 މިލިއަން ޑޮލަރު ހޯދުމަށް ވެސް ސަރުކާރުން ރާވާފައިވެ އެވެ.
"އަދި މިނޫނަސް ބައިނަލްއަގުވާމީ ޖަމިއްޔާތަކާއި ރަހުމަތްތެރި ގައުމުތަކާއެކު ފައިނޭންސް ހޯދުމުގެ މަސައްކަތްތަކެއް ވަނީ ކުރެވިފައި. މި މަސައްކަތްތައް މި ވަގުތަށް މަޑުޖައްސާލެވިފައިވަނީ ދުނިޔޭގެ މާކެޓުތައް ރަނގަޅު ވަންދެން. މިގޮތުން ޖަޕާނާއެކު މިދިޔަ އަހަރުގެ ބަޖެޓުގެ ތެރެއިން މަސައްކަތް ފެށި ސަމުރާއީ ބޮންޑު ފާހަގަކޮށްލަން،" އަމީރު ވިދާޅުވި އެވެ.
އަންނަ އަހަރުގެ ބަޖެޓް ޑެފިސިޓް ފައިނޭންސް ކުރުމަކީ ވަރަށް ބޮޑު ގޮންޖެހުމަކަށް ވާނެ ކަމެކެވެ. ހާއްސަކޮށް މިފަދަ ދަތި އުނދަގޫ ދަނޑިވަޅެއްގައި ބޮންޑު ވިއްކުމަކީ ވެސް އެހާ ފަސޭހައިން ކުރެވޭނެ ކަމެއް ކަމަކަށް ނުބެލެވެ އެވެ. މި ޑެފިސިޓް ފޫނުބެދިއްޖެ ނަމަ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް އަނެއްކާ ވެސް ބުރަކި ޖައްސާލަން ސަރުކާރަށް މަޖުބޫރުވާނެ އެވެ. އަދި އެހެނިހެން ޚަރަދުތައް ވެސް ކުޑަކުރަން ޖެހޭނެ އެވެ.
ކުންފުނިތަކުގެ ހިއްސާ ވިއްކުން: ގިނަ ބަޔަކަށް ނުތަނަވަސް ކަމެއް
އެމްޑީޕީގެ ވެރިކަމުގައި، އޭރު ދިމާވި މާލީ ގޮންޖެހުންތަކާ ހެދި 2010 ވަނަ އަހަރުގެ ތެރޭގައި ދިރާގާއި އެމްޑަބްލިއުއެސްސީގެ ހިއްސާ ނުއަގުގައި ވިއްކި ހަނދާނެއް ގިނަ ބަޔަކު އަދިވެސް ނުނެތެ އެވެ. މި ބަލިމަޑުކަމުގެ ތެރޭގައި ވެސް، މުއާސަލާތީ އަގުތައް ހެޔޮނުކޮށް ދިރާގަށް މަޑުން އޮވެވެނީ، ވަގުތީ މާލީ ފައިދާއަކަށް އެ ކުންފުނީގެ މެޖޯރިޓީ ހިއްސާ ކޭބަލް އެންޑް ވަޔަލެސްއަށް އޭރު ވިއްކާލުމުންނެވެ.
އަނެއްކާ ވެސް މިދަނޑިވަޅުގައި ބަޖެޓްގެ ދަރަނި ފޫބައްދަން ފައިސާ ހޯދަން ނިންމާފައިވާ ކަންތައްތަކުގެ ތެރޭގައި ކުންފުނިތަކުގެ ހިއްސާގެ ބައެއް ވިއްކާލުން ވަނީ ހިމަނައިފަ އެވެ.
ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވީ ވިޔަފާރިތަކުގައި ސަރުކާރުގެ ހިއްސާކުޑަކޮށް ޕްރައިވެޓައިޒްކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ.
"މީގެ ބޭނުމަކީ ކުންފުނިތަކަކީ ހިންގުން ރަނގަޅު އަދި ފައިދާ ނެރޭ ކުންފުނިތަކަކަށް ހެދުން. ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ދައުލަތަށް އެންމެ ބޮޑު ޑިވިޑެންޑެއް ދައްކަމުން އަންނަނީ ވެސް ޕްރައިވެޓް ސެކްޓަރުގެ ހިއްސާ އޮންނަ ކުންފުނިތަކާއި ސްޓޮކް މާކެޓުގައި ލިސްޓުކުރެވިފައިވާ ކުންފުނިތައް،" އަމީރު ވިދާޅުވި އެވެ.
އެހެންކަމުން ވަކި އުސޫލެއްގެ ދަށުން، މި ދިމާލަށް ކުންފުނިތައް ފައްސިޔަކުރުމަކީ މުސްތަގުބަލަށް މުހިއްމުކަމެއް ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ. އަދި އެކަމުގެ ހުއްޖަތެއްގެ ގޮތުގައި އެކި ދިރާސާ ރިޕޯޓްތަކުގެ ރިކޮމެންޑޭޝަން އަމީރު ގެންދަވަނީ ދައްކަވަމުންނެވެ.
"އެހެންކަމުން ކުންފުނިތައް ލިސްޓުކުރުމާއި، ސްޓްރެޓިޖިކް ޕާޓްނަރުން ހޯދުމާއި، ޕްރައިވެޓައިޒްކުރުމުގެ މަސައްކަތް ފަށައިގަތުމުގެ ޕްލޭންތައް ބަޖެޓުގައި ހިމެނޭ. މިގޮތުން 462.6 މިލިއަން ރުފިޔާ 2021 ވަނަ އަހަރު ލިބޭނެކަމަށް ލަފާކޮށްފައިވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
ބަޖެޓާ ޕްރެޒެންޓޭޝަނެއް ނޫސްވެރިންނަށް ދެއްވުމަށް އިއްޔެ ފިނޭންސް މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގައި "ހުރިހާ" އިން ސުވާލުކުރުމުން އަމީރު ވިދާޅުވީ ހިއްސާ ވިއްކާނެ ކުންފުނިތަކެއް އަދި ވިއްކާނެ މިންވަރެއް ކަނޑައެޅުމުގެ ދިރާސާއެއް ކުރަމުން އަންނަ ކަމަށެވެ. ހިއްސާ ވިއްކާނެ ކުންފުނިތަކާއި ހިއްސާ ވިއްކާނެ މިންވަރެއް ކަނޑައަޅާނީ އެ ދިރާސާއަށް ފަހު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ކުންފުނިތަކުގެ ހިއްސާ ވިއްކަން ނިންމުމާ ގުޅިގެން އާއްމުން ވެސް ގެންދަނީ އެކަމާ ނުރުހުން ފާޅުކުރަމުންނެވެ. ހާއްސަކޮށް ސަރުކާރުގެ ސްޓްރެޓީޖިކް ކުންފުންޏެއްގެ ހިއްސާ ބޭރުގެ އެއްވެސް ބަޔަކަށް ދޫކޮށްލުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް އެތައް ބަޔަކު ދަނީ ބުނަމުންނެވެ.
މުޅި ދައުލަތުގެ ބަޖެޓަށް ބަލާއިރު އަންނަ އަހަރުގެ ބަޖެޓަށް ދިމާވާނެ އެންމެ ބޮޑު ގޮންޖެހުމަކީ ދަރަނި ފޫބައްދަން ބޭނުންވާ ފައިސާ ހޯދުމާއި ބޭރު ފައިސާގެ އަގު ހިފެހެއްޓުމަށް ބޭނުންވާ ޑޮލަރު ބޭންކުތަކަށް ލިބޭނެ ގޮތް ހަމަޖެއްސުމެވެ. މިއީ އެހާ ފަސޭހައިން މިވަގުތު ކުރެވޭނެ ކަމެއް ކަމަށް ނުބެލެވެ އެވެ. ކޮވިޑް ވެކްސިން މާކެޓަށް ނެރުމުން އަންނަ އަހަރު މަންޒަރު ބަދަލުވެގެންދާނެ ގޮތެއް ނޭނގެ އެވެ.